ޚަބަރު ސިޔާސީ

ފެނިގެން ދިޔައީ ރައީސްގެ ތަރައްޤީއަށް އޮތް އިތުބާރު: ނައިބު ރައީސް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ހާމަވެގެން ދިޔައީ، އިބްރާހިމް މުޙައްމަދު ޞާލިޙު ރާއްޖެއަށް ގެނެސްދެއްވާ ތަރައްޤީއަށް އެމްޑީޕީގެ މެމްބަރުން ކުރާ އިތުބާރު ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

Ads by STELCO

އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދާ ވާދަކުރައްވައި، ރައީސް ޞާލިޙު ޕްރައިމަރީ ކާމިޔާބު ކުރެއްވުމާ ގުޅިގެން އެމަނިކުފާނަށް މަރުހަބާ ވިދާޅުވެ ނައިބު ރައީސް ވިދާޅުވީ އިންތިޚާބުން ފެނިގެންދިޔައީ ރައީސްގެ ސިޔާސަތުތަކާއި ތަފާތު ކުރުމެއް ނެތި ގެންނަވަމުންދާ ތަރައްޤީއަށް އެމްޑީޕީގެ އާންމު މެމްބަރުން ކުރާ އިތުބާރު ކަމަށެވެ.

ވާދަވެރި ކެމްޕެއިނަކަށްފަހުގައި ބޭއްވި މި އިންތިޚާބުގައި ރައީސް ނަޝީދާ ވާދަކުރެއްވި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ލިބިވަޑައިގެންފައިވަނީ 61.1 އިންސައްތަ ވޯޓެވެ. ރައީސް ނަޝީދަށް ލިބިވަޑައިގެންނެވީ 15،641 ވޯޓެވެ. އަދި ރައީސްއަށް 24،566 ވޯޓު ލިބިވަޑައިގެންނެވިއެވެ.

މި އިންތިޚާބުގައި ވޯޓުލާން ނުކުމެފައިވަނީ، އެމްޑީޕީގެ 71.41 އިންސައްތައެވެ.  އެއީ 40،887 މެމްބަރުންނެވެ.

މި އިންތިޚާބުގައި މުޅި ރާއްޖޭގައި 244 ވޯޓު ފޮށި ބެހެއްޓިއެވެ. އޭގެ ތެރެއިން، ރައީސް ނަޝީދަށް ކުރި ހޯއްދެވުނީ 44 ފޮށީގެ ނަތީޖާއިންނެވެ. ހުރިހައި އަތޮޅަކުންވެސް މެޖޯރިޓީ ހޯއްދެވި ރައީސް ސޯލިހަށް 200 ވޯޓު ފޮއްޓެއްގެ ނަތީޖާއިން ކުރި ލިބިވަޑައިގެންނެވިއެވެ.

 

 

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!