ވާހަކަ

މަގޭ ހާލު ބުނެދެން މިތުރާއޭ... (ސަތާރަވަނަ ބައި)

ނައުފާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
މަގޭ ހާލު ބުނެދެން މިތުރާއޭ... (ޓްރެއިލާރ) މަގޭ ހާލު ބުނެދެން މިތުރާއޭ... (އެއްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ދެވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ތިންވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ހަތަރުވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ފަސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ހަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ހަތްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އަށްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ނުވަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ދިހަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އެގާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ބާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ތޭރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސާދަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ފަނަރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސޯޅަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސަތާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އަށާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ނަވާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ވިހިވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އެކާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ބާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ތޭވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސައުވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ފަންސަވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސައްބީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ހަތާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އަށާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ނަވާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ފަހުބައި)

"މެހެރް.." އާރިޒްގެ އަޑުގައިވެސް މަސްތުކަމެއްގެ އަސަރުއެކުލެވިފައެވެ. އެހެނަސް އެއަޑުން މެހެރީނަށް ހަމަބިމަށް އާދެވުނުފަދައެވެ. ކުރެވެން މިއުޅެނީ ކިހައިވަރެއްގެ ކަމެއްކަން އޭނާއަށް އިހުސާސުވީ ދެނެވެ. އެހެނަސް ހަރަކާތެއް ކޮށްލުމަށްވެސް އޭނާ ނުކުޅެދިފައިވީ ފަދައެވެ. ބަހެއްބުނުމަށް ތުންފަތް ހަރަކާތްކޮށްލި ނަމަވެސް އަޑެއް ބޭރެއް ނުވިއެވެ. އާރިޒްގެ ނަޒަރު ލަސްލަހުން މެހެރީންގެ ތުންފަތަށް ދަތުރުކޮށްލުމަށްފަހު އަނެއްކާވެސް އެދެލޮލަށް އަމާޒުވެއްޖެއެވެ. އަމިއްލަ އިހުސާސުތަކުގައި އޭނާވީ މާދުރަށް ބެހިގެންގޮސްފައެވެ.

Ads by STELCO

"މެހެރް.. މެހެރް ދެކެ.. އަހަރެން.. އަހަރެން.."

"އަހަރެން ބަނޑުބޮޑު.." އާރިޒްގެ ޖުމުލަ މެދުކަނޑައިލަމުން ދެލޯމަރައި ފިއްތައިލުމަށްފަހު މެހެރީން ބުނެލިއެވެ.

ލިބުނު ސިހުމުގައި އާރިޒްގެ ހުރިހައި ހަރަކާތެއް ހިނދުކޮޅަކަށް މަޑުޖެހިލިއެވެ. ބަހެއްވެސް ނުބުނެ މެހެރީންގެ މޫނަށް ބަލަން އޭނާ އަށް އިނދެވުނީ އިވުނު އަޑާމެދު ޔަގީންނުވެފައެވެ. ހިންދިރުވައިލުމާއެކު މަޑުމަޑުން މެހެރީންގެ މޫނުގައި ހިފަހައްޓައިލައިގެން އިން އަތްތިލަ އާރިޒް ދުރުކޮށްލިއެވެ. އަތްމުށްކަވައިލުމާއެކު އޭނާ ގޮނޑީގައި ހަމަޖެހިލިއެވެ. ކުރެވުނީ ކޮށްގެން ނުވާނެ ކަމެއްކަން ވިސްނި އަމިއްލަ ނަފުސަށް އޭނާ އަޑުލައިގަތެވެ. މެހެރީންއަކީ މީހެއްގެ ހައްގެއްކަން އޭނާ ހަނދާންނެތުނީ ކިހިނަކުން ހެއްޔެވެ. އަމިއްލަ ނަފުސުގެ ހިފެހެއްޓުން ގެއްލި އެދަރަޖައަށް ވެއްޓުނީ ކީއްވެހެއްޔެވެ. މެހެރީން އޭނާއާ މެދުގައި ހީކުރާނީ ކީކޭހެއްޔެވެ. މުށްކެވިފައިވި އަތަށް އިތުރަށް ބާރުކޮށްލަމުން އާރިޒް ދުރަށް ނަޒަރުހުއްޓައިލީ މެހެރީނާ ދިމާއަށް ބަލާލަން ނުކެރުމުންނެވެ. ހަގީގަތުގައިވެސް ދެންމެ އެދެމެދު ހިނގައިދިޔަ ކަންތަކާމެދުގައި އޭނާ ލަދުގަތީއެވެ. ވިސްނައިލުމެއްނެތި ކުރެވުނު ކަމެއް ނަމަވެސް އޭނާއަށް ހެދުނީ ގޯހެއްކަން އާރިޒް ގަބޫލުކުރިއެވެ.

"ސޮރީ.. އަހަރެން.. އަހަރެން ގަސްދުގައެއްނޫން.." އާރިޒްގެ އަޑުގައި ހިސާބަކަށް ކުށްވެރިކަމުގެ އަސަރު އެކުލެވިފައި ހުއްޓެވެ.

"އިޓްސް.. އޯކޭ.." ޔަގީންނޫންފަދަ ގޮތަކަށް މެހެރީން ބުންޏެވެ. އަނެއްކާވެސް ދެމެދަށް ހިމޭންކަން ވެރިވީއެވެ. ބުނާނެ އެއްޗެއް ޚުދު އާރިޒްގެ ސިކުނޑިއަކަށްވެސް ނައެވެ. އޭނާގެ ސިކުނޑީގައި އެނބުރެމުންދިޔައީ މެހެރީންގެ ދުލުން ބޭރުވި ލަފުޒުތަކެވެ. މެހެރީން ބަނޑުބޮޑުވި ވާހަކައެވެ. ދެމެދަށް އިތުރު ހިރާސްތަކެއް އަތުވެއްޖެކަން ވިސްނުނުހިނދު އާރިޒްގެ ހިތުގައި އިހުނަށްވުރެ ބޮޑަށް ރިއްސައިލިއެވެ. ދުލުން ފައުޅުނުކުރިއެއްކަމަކު ދެންމެ ވީކަންތަކުން އޭނާގެ ހިތުގެ ސިއްރު ބޭޒާރުވެއްޖެކަން އާރިޒްއަށް ޔަގީންވެއެވެ. މެހެރީނަށްޓަކައި އުފާވާން ބޭނުންވިއަސް އޭނާގެ ހިތުގައި ވޭން އަޅަމުންދިޔައީ އިންތިހާއަށެވެ. ހިންދިރުވައިލުމާއެކު ދެލޮލަށް ބޮނޑިވެގަންނަން އުޅުނު ކަރުނަތައް ގަދަކަމުން އާރިޒް ދިރުވައިލިއެވެ. އޭނާއަށް ނޭނގުނީ ޚުދު މެހެރީންގެ ހާލަކީވެސް އެއީ ކަމެވެ. މެހެރީންގެ ހިތުގައި އޭނާއަށްޓަކައި ހުސްކުރެވިފައިވި މަގާމެވެ. ފުންނޭވާއެއް ދޫކޮށްލަމުން މެހެރީނާ ވީ ދިމާއަށް އާރިޒް މޫނު އަނބުރައިލިއެވެ. އެހެނަސް އިސްއުފުލައި އޭނާ މެހެރީނާ ދިމާއަށް ބަލައެއްނުލިއެވެ.

"މަރުހަބާ.. ވަރަށް.. އުފާވެއްޖެ.." މުށްކެވިފައިވި އަތަށް ބާރުކޮށްލަމުން ގަދަކަމުން ކަހަލަ ގޮތަކަށް އާރިޒް ވާހަކަދެއްކިއެވެ. ކަރުނަތައް ހިފަހައްޓަން މަސައްކަތް ކުރަމުންދިޔައިރު، އޭނާގެ އަޑު ކުރެހިދާނެތީ އާރިޒް ހިސާބަކަށް ހާސްވާގޮތްވިއެވެ. މެހެރީންގެ ކުރިމަތީ އެއިން އެއްވެސް އިހުސާސެއް ފައުޅުކުރާކަށް އޭނާ ބޭނުންމެއްނުވެއެވެ. ރޯލަން ނުހަނު ބޭނުންވެފައިވި ވަގުތެއްގައި ކަރުނަތައް ހިފެހެއްޓުމަކީ ކިހައިވޭންދެނިވި ކަމެއްކަން އެ އިހުސާސުނުކުރާ މީހަކަށް ނުވިސްނޭނެއެވެ. ހިތްވަރުކުރަމުންދިޔައިރު އާރިޒްގެ ހިތް ހީވަނީ އެތެރޭން ޗިސްޗިސްވާ ހެނެވެ. ލަގޮނޑިއަށް ވާންވަމުންދިޔައީ ކެތްނުވާވަރަށެވެ. އަވަސް އަވަހަށް އެސްފިޔަޖަހަމުންދިޔައީ އެކަރުނަތައް އޭގެ މަގާމުން ބޭރުވެދާނެތީއެވެ.

ބަހެއްވެސް ނުބުނެ މެހެރީން އިނީތީ ހަށީނެތް ހިތްވަރުން ވިއަސް އެދިމާއަށް އާރިޒް ބަލައިލިއެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވީހިނދު ދެހިތަށްވެސް ކުރުވީ ފުން އަސަރެކެވެ. އެކަކު އަނެކަކަށް އިންތިހާއަށް ބޭނުންވެފައިވި ނަމަވެސް ދުލުން އެކަން ފައުޅުކުރާނެ ހިތްވަރެއް ނެތެވެ. ހިތުގައި އެކަން އޮއްބައިގެންތިބެ ހިނިތުންވަމުންދިޔައީ ދެހިތަށް ކުރަމުންދިޔަ އަސަރު އަނެކާއަށް އެނގިދާނެތީއެވެ. އާރިޒްގެ ދެލޮލުން ސާފުކޮށް ފައުޅުވަމުންދިޔަ އަސަރުތަކުން މެހެރީންއަށް ކެތްކުރުންވީ ދަތިކަމަކަށެވެ. އިތުރަށް އެ ތޫނު ދެލޮލަށް ބެލަންވެއްޖެނަމަ އޭނާ މޮޔަވެދާނެއެވެ. އާރިޒްއާ ނަޒަރު ވަކިކޮށް އެހެން ދިމާއަކަށް އޭނާ ބަލައިލީ އެހެންވެއެވެ.

"މެހެރް ހިއެއްނުވޭ އެހާ އުފާވެފަ އިންހެނެން.. ކަމެއްވީތަ.." މެހެރީންގެ ހަރަކާތްތަކަށް ބަލަން އިން އާރިޒް އެއްސެވެ. ސިހިފައި އާރިޒްއަށް މެހެރީން ބަލައިލިއެވެ. ލޮލުގައި ފޮރުވިފައިވި ތެތްކަމުގެ ތެރޭންވެސް އާރިޒް ހިނިތުންވެލީތީ އޭނާ ދުއްޓެވެ. ކަރުނައިގެ ތެރޭންވެސް ހިނިތުންވެލާނީ ކިހައި ހިތްވަރުގަދަ ބައެއްކަން އާރިޒް ބުނި ހަނދާންވެފައި މެހެރީންގެ މެޔަށް ބާރުވެލިއެވެ. އަވަސް އަވަހަށް ދެފަރާތަށް ބޯހޫރައިލަމުން ނިކަން ފުޅާ ހިނިތުންވުމެއް އޭނާގެ މޫނުމައްޗަށް ވެރިކޮށްލިއެވެ.

"ތީ ހަމަ އާޒްއަށް ހީވާ ގޮތް.. މީ އަހަރެން.. އެންމެ ބޭނުންވި ކަންތައް.. މިއަދު މިހުވަފެންވެސް ފުރި.. ފުރިހަމަވީ.. ދެން ކީއްވެ އުފާނުވާންވީ.." އަރުބެދޭގޮތްވެ ވާހަކަ ދެއްކުން މެހެރީނަށްވީ ދަތިކަމަކަށެވެ. އެހެނަސް އެކަން ނުދައްކައިވޭތޯ އޭނާ މަސައްކަތްކުރިއެވެ. މޫނުމަތީގެ ކުލަވަރު ބަދަލުކޮށްލުމާއެކު މެހެރީން ހިނިގަނޑެއް ޖަހައިލިއެވެ. ބޭނުންވީ އާރިޒްއަށް އޭނާ ހުރީ އުފަލުންކަން ދައްކާށެވެ. ވަކިއެއްޗެއް ބުނުމެއްނެތި އާރިޒްވެސް ލުއި ހިނިތުންވުމަކުން ފުއްދައިލީއެވެ. ދާދި ދެންމެއަކު ހިނގައިދިޔަ ކަންތަކުގެ ވާހަކަ ދެމީހުންކުރެ އެކަކުވެސް ދައްކާކަށް ބޭނުމެއްނުވިއެވެ. އާރިޒްވެސް ބޭނުންވީ އެއީ ނުވާކަމެއްކަމަށް ވިސްނައި ހަނދާންނައްތާލާށެވެ. ކިތަންމެ ބޭނުންވި ނަމަވެސް މެހެރީން ލިބުން އޭނާގެ ނަސީބުގައި ނެތްކަން އަމިއްލަ ހިތަށް ވިސްނައިދޭށެވެ.

"ވަރަށް ނިދިއާދޭ އެބަ.. އަހަރެން ދެން ދަނީއޭ.. އާޒްވެސް ނިދަން ދޭ.. ގުޑް ނައިޓް.." އިރުކޮޅަކު އެހެން އިނުމަށްފަހު މެހެރީން ބުންޏެވެ. ކުޑަކޮށް ބޯޖަހައިލަމުން އާރިޒް ވެސް މަޑުމަޑުން ރޭގަނޑުގެ ސަލާމް ކޮށްލިއެވެ. އިންތަނުން ތެދުވެ އާރިޒްއަށް ފުރަގަސްދެމުން މެހެރީން ހިނގައިގަތެވެ. އަނެއްފަރާތަށް އެނބުރުމާއެކު ވަގުތުން މެހެރީންގެ މޫނުމަތީގެ ކުލަވަރު ބަދަލުވެއްޖެއެވެ. ގަދަކަމުން ތުންފަތަށް ވެރިކުރުވި ހިނިތުންވުން ފިލައިފިއެވެ. މޫނުގެ ކުލަ ފަނޑުވިކަހަލައެވެ. ހިތާމައާއި މާޔޫސްކަން އެމޫނުމަތިން ފައުޅުވެލިއެވެ. ހުރިހައިއިރު ހިފަހައްޓަން މަސައްކަތްކުރަމުންދިޔަ ކަރުނަތައް ދެލޮލަށް ބޮނޑިވެގަތީ ކުޑަ ހިނދުކޮޅެއްގެ ތެރޭއެވެ. ދެލޮލުން ހޯސްލައިފައި ކަރުނަތައް ފައިބަންފެށުމާއެކު އަނގަމަތީގައި އަތް އަޅަމުން މެހެރީން ހިނގުން ބާރުކޮށްލިއެވެ. ދުވެފައިކަހަލަ ގޮތަކަށް އޭނާ ގޮސް ގޭތެރަށް ވަނުމާއެކު އިސްޖެހިފައިއިން އާރިޒް ވެސް އިސްއުފުލައިލައި މެހެރީން ދިޔަދިމާއަށް ބަލައިލިއެވެ. އޭރު ހުއްޓުމެއްނެތި އޭނާގެ ދެލޮލުންވެސް ދިޔައީ ހޫނު ކަރުނަތިކިތައް ފައިބަމުންނެވެ. ލަސްލަހުން އުފުލައިލި އަތްތިލަ ގެނެސް މޭގައި ޖައްސައިލަމުން އޭނާ އަށް ބާރުކޮށްލެވުނެވެ. އޭނާގެ ހިތުގައި ރިއްސަމުންދިޔައީ އިންތިހާއަށެވެ. އެ ވޭން ލުއިކުރާން ހަދާނެ ގޮތެއް ޚުދު އާރިޒް އަކަށްވެސް ނުވިސްނެއެވެ. ކުރަމުންދިޔަ ހިތްވަރުއެލި އޭނާ ބަލިކަށިވާގޮތް ވީއެވެ. ރޮވެމުންދިޔަ ވަރަކަށް މަޑު ގިސްލުމެއްގެ އަޑު ވެސް އެތުންފަތް ފޫއަޅުވައިލުމަށްފަހު އިވެން ފެށިއެވެ. ހަމަހިމޭންކަން ވެރިވެފައިވި މާހައުލުގެ ހިމޭންކަން އެވޭންދެނިވި ގިސްލުމުގެ އަޑުންވީ ނެތިފައެވެ.

ބާރު ގުގުރީގެ އަޑާއެކު ވިދައިލީ އެވަގުތުއެވެ. ހީވަނީ އަންނަންއޮތް ކޮޅިގަނޑުގެ އިންޒާރެއް ދިންހެނެވެ. އެހެނަސް އެއިން ކަމަކަށް އާރިޒްގެ ކުޑަވެސް ސަމާލުކަމެއް ނެތެވެ. އިންތަނުން ގުޑިވެސްނުލައި އެއިން ގޮތަށް އާރިޒް އިނެވެ. ވާރޭގެ ބޮޑެތި ތިކިތައް އޮއްސައިގަތީވެސް އޭނާ އެގޮތުގައި އިންދައެވެ. އަންނަމުންދިޔަ ބާރު ވައިރޯޅިއާ އެކުވެ ވިއްސަމުންދިޔަ ވާރޭގެ ތިކިތަކުން ތެމެމުންދިޔައިރުވެސް އާރިޒްއަށް އެކަން އިހުސާސުނުވާކަހަލައެވެ. ހިނދުކޮޅަކަށް ހުރިހައި ހިއްސެއް މަސައްކަތްކުރުން ހުއްޓިފައިވީފަދައެވެ.

ދުވަމުން އައިސް ކޮޓަރިއަށްވަދެ ދޮރުލައްޕައިލަމުން ދޮރުގައި މެހެރީން ލެގިލިއެވެ. އޭރު ރަނގަޅަށްވެސް އޭނާއަށް ރޮވިއްޖެއެވެ. އިތުރަށް އެކަރުނަތައް ހުއްޓުވާނެހައި ވަރެއް އޭނާގެ ނެތެވެ. މުޅި ކޮޓަރިތެރޭގައި ގުގުމަމުން ދިޔައީ މެހެރީންގެ ރުއިމުގެ އަޑެވެ. ގިސްލެވިފައިވީލެއް ބޮޑުކަމުން އޭނާގެ އަޑުވެސް ހިނދޭގޮތްވިއެވެ. ލަސްލަހުން ބަނޑުގައި އަތްޖައްސައިލަމުން މެހެރީން ދެލޯމަރައި ބާރުކޮށްލިއެވެ. ކުރެވެމުންދިޔައީ ކޮންފަދަ އިހުސާސުތަކެއްކަން ދެނެގަތުމަށް މިވަގުތު އޭނާވީ ނުކުޅެދިފައެވެ. އިރުކޮޅަކު އެހެން ހުރުމަށްފަހު ތުރުތުރުލަމުންދިޔަ އަތުން މޫނު ފުހެލަމުން އޭނާ ހިނގައިގަތީ ކޮޓަރީގައިހުރި ބެލްކަނީގެ ދޮރާދިމާއަށެވެ. ދޮރުހުޅުވައިފައި ހުރުމުން ލައްޕައިލުމަށްފަހު ހަމަޖެހިލުމުގެ ނިޔަތުގައެވެ. އެހުރިހައި ކަމަކާމެދު ރަނގަޅަށް ވިސްނައިލަން މެހެރީން ހުރީ ބޭނުންވެފައެވެ. ކުރިއަށް ކަންތައްކުރާނެ ގޮތްވެސް އޭނާ ނިންމަން ޖެހެއެވެ.

ކުޑަދޮރާ ކައިރިވެލިތަނާ ތިރީގައި ވާރެޔާ ތެމި ފޯވެގެން އިން އާރިޒް މެހެރީންގެ ލޮލުގައި އަޅައިގަތެވެ. އާޒްއޭ ކިޔައި އޭނާއަށް ވައިއަޑުން ގޮވައިލެވުނެވެ. އާރިޒްގެ އެ ހާލަތު ދެކެން މެހެރީންގެ ހިތަށް ކުޅަދާނަކަމަށް ނުވީއެވެ. ލަސްހަރަކާތަކާއެކު ބެލްކަންޏަށް މެހެރީން ނުކުތެވެ. އަދި ފަރުވާތެރިކަމާއެކު ފުންނަޒަރަކުން އާރިޒްއަށް ބަލައިލިއެވެ. އެވަގުތު އެއްއަތް އުފުލައިލަމުން އާރިޒް ދެލޯ ކައިރި ފުހެލިތަން ސާފުކޮށް މެހެރީނަށް ފެނުނެވެ. އޭނާއަށް ހީވީ ހިތުގައިހިފައި މީހަކު ފިތައިލިހެންނެވެ. ރެއިލިންގްގައި އަޅުވައިލެވިފައިވި ދެއަތަށް ބާރުކޮށްލެވުނީ ބޭއިޚުތިޔާރުގައެވެ. އެއާއެކު އަނެއްކާވެސް މެހެރީންގެ ދެލޯފުރި ބަންޑުންވާން ފަށައިފިއެވެ. މިއީ ކޮންފަދަ މަޖުބޫރީއެއް ހެއްޔެވެ.

ރޮވެމުންދިޔަ މެހެރީން މަޑުމަޑުން އެއްއަރިއަކަށްވާހެން ހުރި ދިމާލުގައި އިނށީނެވެ. އާރިޒް އޭނާއަށް ސާފުކޮށް ފެންނާނެ ފަދައިންނެވެ. ހިތްދަތިވިއަސް އެގޮތަށް ކަރުނައަޅައި އޭނާއަށްޓަކައި އާރިޒް ރުއިފާނެކަމަކަށް ކުޑަކޮށްވެސް މެހެރީން ހިއެއް ނުކުރެއެވެ.

އަޑުބޭރުވާން ފެށުމުން މެހެރީން އަނގަމަތީގައި އަތްއަޅައި ބާރުކޮށްލިއެވެ. އާރިޒް އެތަނުގައި އިންހައި ހިނދަކު ކޮޓަރިއަށް ވަންނާކަށް މެހެރީންގެ ހިތް އެއްބަހެއް ނުވިއެވެ. އެ ސޫރަ ފެންނަ ހިސާބުގައި ވުމަށް އެދެވޭތީއެވެ. ދުރުން ނަމަވެސް އެ ފިރިހެންވަންތަ ސޫރައަށް ހިތްފުރެންދެން ބަލައިލަން ބޭނުންވީތީއެވެ. މޭގައި ދެއަތް ބޮނޑިކޮށްލައިގެން ކަރުނުން ފުސްވެފައި ދެލޮލުން އާރިޒްގެ ކޮންމެ ހަރަކާތަކަށް ބަލަން މެހެރީން އިނެވެ. އެގޮތުގައި ހޭދަވެގެން ދިޔައީ ކިހައިވަގިތެއްކަމެއް އޭނާ ނުދެނަހުއްޓެވެ. ބެލްކަނީގެ ރެއިލިންގްގައި ޖައްސައިލައިގެން އިން ބޯ ހިއްލައިލަމުން މެހެރީން ސީދާ ކޮށްލީ އާރިޒް ގޭތެރަށް ވަންނަން އެދިމާއަށް އެނބުރުމުންނެވެ. އޭރު ކޮންމެވެސް ވަރަކަށް ވާރޭވެސް ތުނިކޮށްލައިފިއެވެ.

އާރިޒް ގޮސް ގެއަށް ވަންނަންދެން ގުޑިވެސްނުލައި މެހެރީން އިނެވެ. އިންތަނުން އޭނާ ތެދުވީ އޭގެ އިރުކޮޅެއް ފަހުންނެވެ. ކުދިކުދި ފިޔަވަޅުތަކެއްގައި ހަށިގަނޑުގައި ދެއަތްވަށައިލައިގެން ހުރެ އައިސް ކޮޓަރިއަށް މެހެރީން ވަނެވެ. އަދި ބެލްކަނީގެ ދޮރު ލައްޕައިލަމުން ހަރުގައި އޮތް ތުވާލި ހިފައިގެން އައިސް ފާޚާނާއަށް ވަނެވެ.

ލޯގަނޑުން ފެންނަންހުރި އަމިއްލަ ސޫރައަށް ބަލަހައްޓައިގެން މެހެރީން ހުރީ އެއްވެސް ދިރުމެއްނެތް ފަދައިންނެވެ. އަދިވެސް އާރިޒް ވާރޭތެރޭގައި އިންގޮތް އޭނާގެ ދެލޯކުރިމަތީގައި ސިފަވަމުންދިޔަ ކަހަލައެވެ. ތުންފަތުގައި ދަތްއަޅައި ބާރުކޮށްލި ނަމަވެސް ދެލޮލަށް ޖަވާމި ކަނުރަތަށް މެހެރީނަކަށް ނުހުއްޓުވުނެވެ. ރަތްވެ ދުޅަވެފައި މޫނުގައި ދެއަތް އުނގުޅައިލުމާއެކު މެހެރީން ނޭފަތް އެތެރަށް ދަމައިލިއެވެ.

"އާޒް.. އަހަންނަށް މަޢާފުކުރޭ.. އަހަރެން ވެސް ބުނަން ބޭނުންވި.. ވަރަށް ބޮޑަށް ބޭނުންވި.. އާޒް ދެކެ ލޯބިވެއޭ އެންމެ ފަހަރަކު ނަމަވެސް ބުނެލަން ބޭނުންވި.. އެކަމަކު... އަހަންނަށް މަޖުބޫރު.. މި ދަރިފުޅަށްޓަކާ ނަމަވެސް.. މިއަދު ރަޒާންއާ އެކު އުޅެން އަހަންނަށް މަޖުބޫރު.. އަހަ..ންނަށް.. މަ..މަޖުބޫރު.." މޫނުގައި ދެއަތްއަޅައިގެންހުރެ އެކަނިމައި އެކަނި މެހެރީން ވާހަކަދައްކަމުންދިޔައެވެ. އެއަޑުގައިވީ އިންތިހާ ދަރަޖައިގެ ވޭނެވެ. އާރިޒް ކުރިމަތީ ނެތެއްކަމަކު އޭނާ ގާތުގައި ތަކުރާރުކޮށް މެހެރީން އާދޭސްކުރާކަހަލައެވެ. އެކަނިވެރިކަން ހަފަރާތުން ވަށައިލައިފައި ވީހިނދު، ދިރިއުޅުމުގެ މި އައު ބާބާއި ކުރިމަތިލާނެ ގޮތެއް ނުވިސްނިފައި އޭނާ ވިއެވެ.

ރަޒާނަށް އޭނާ ބަލިވެއިންކަން އެނގިއްޖެނަމަ ކަންތައްކުރާނީ ކިހިނެއްބާއެވެ. ރަޒާން އުފާވާނެ ހެއްޔެވެ. އޭނާއާ މެދުގައި ކަންތައްކުރާ އިހާނެތިގޮތް ބަދަލުވެދާނެ ހެއްޔެވެ؟ އޭނާއާއެކު އެދަރިފުޅު ރަޒާން ބަލައިގަންނާނެބާއެވެ. ދަރިފުޅަށްޓަކައި ނަމަވެސް އެކައިވެނީގައި ދެމިހުރުމަށް ވިސްނައި އަނެއްކާ މެހެރީނަށް އެ ނިންމެނީ އެންމެ ރަނގަޅު ނިންމުމެއްބާއެވެ.

* * * * *

ހެކިވެޔެ ތަރި ހަނދު ދައުރުކުރާހާ...

އިތުބާރޭ ކޮށްގެން މިހުރީ ހީނުކުރާހާ...

ހިތާއި ވިންދާ ނާރު ތަކަށްވެސް...

އަމުރުކުރާނީ މިއަދު ކަލާއޭ.. މިއަދު ކަލާއޭ...

މަގޭ ހާލު ބުނެދެން މިތުރާއޭ...

ޔާރުގެ ހިޔަނިން މަދަދު ލިބުންމީ އަޅުގެ ދުޢާއޭ...

* * * * *

(ނުނިމޭ)

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!