ނިމިދިޔަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ އިން ލިބިވަޑައިގެންނެވި ނާކާމިޔާބީއަށްފަހު "ފިކުރެއްގެ ދިރުން" ނަމުގައި އެމްޑީޕީތެރެއިން ގޮތްޕެއް އުފެއްދެވުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު އަމަލީ މަސައްކަތް ފައްޓަވައިފިއެވެ.
މިގޮތުން ރައީސް ނަޝީދު ވަނީ ފިކުރެއްގެ ދިރުންގެ ބައްދަލުވުމެއް ރޭ ބާއްވައިފައެވެ.
އެ މަނިކުފާނަށް ތާއީދު ކުރާ ކެމްޕެއިން ޓީމުތަކުން ބައްދަލުވުމުގެ ފޮޓޯތައް ވެސް ހިއްސާކޮށްފައިވެއެވެ. އެ ޓީމުން ނިންމާފައި ވަނީ، ޕްރައިމެރީގެ ކެމްޕެއިންތައް ކުރިޔަށް ގެންދިޔަ ގ. ބޮޑުފެންފަޅުގޭގައި އެ ހަރަކާތްތައް ކުރިޔަށް ގެންދިއުމަށެވެ. އަދި މި ހަރަކާތްތައް ސިލްސިލާކޮށް ކުރިޔަށް ގެންދިއުމަށް ވަނީ ނިންމައިފައެވެ.
އަދި "ފިކުރެއްގެ ދިރުން" ގޮތްޕައް މީހުން ވެއްދުމަށް މިހާރު ވަނީ ފޯމް ފުރަންފަށާފައެވެ. އަދި މި ފޯމް ފުރަން ބޭނުންވާ އެމްޑީޕީގެ ހުރިހާ މެމްބަރުންނަށް އެފުރުސަތު ހުޅުވާލާފައިވާ ކަމަށް ރައީސް ނަޝީދުގެ ކެމްޕޭން ޓީމުން މައުލޫމާތު ދެއްވައެވެ.
ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއިން ބޮޑު ތަފާތަކުން ބަލިވެ، ބަލި ޤަބޫލުކުރައްވައި މެމްބަރުންނަށް ފޮނުވި މެސެޖެއްގައި އެމަނިކުފާނު ވިދާޅުވީ 'ފިކުރެއްގެ ދިރުން' ނަމުގައި އުފައްދަވާ ގޮފިތައް ކުރިއަށް ގެންދަވާނީ އެޕާޓީން ވަކި ކުރި 39000 މީހުންނާއެކުގައި ކަމަށެވެ
"އަޅުގަނޑު ހުށަހަޅަނީ 'ފިކުރެއްގެ ދިރުން' ނަމުގައި އެމްޑީޕީގެ ގޮފިތައް ހުރިހާ ރަށެއްގައި ވެސް އަލުން ހަދައި، ކަނޑާލި 39،000 އަށް ވުރެ ގިނަ މީހުން އަލުން އެމްޑީޕީއާ ގުޅި، އެ މީހުންނާ އެކު އަޅުގަނޑުމެންނަށް ފެންނަ ގޮތް ނިންމުން" ނަޝީދު ވިދާޅުވިއެވެ.
ނަޝީދުގެ މި މެސެޖަށް ދެއްވި ޖަވާބުގައި އިކޮނޮމިކް މިނިސްޓަރުކަންވެސް ކުރައްވާ ފައްޔާޒު ވިދާޅުވީ ޕާޓީގެ އުސޫލާ ގަވާއިދު ބަދަލުކޮށް އެ ގޮތަށް ކަންކުރެވޭނެ ކަމަކަށް ޤަބޫލެއް ނުކުރެވޭކަމަށެވެ.
މީގެ އިތުރުން އެމަނިކުފާނު އުފައްދަވަން މަސައްކަތްކުރާ "ފިކުރެއްގެ ދިރުން" ގޮފިތަކަށް އަންނަ ޖުލައި މަހުގެ ކުރިން 50،000 މީހުން ހަމަކުރަން ޖެހޭކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ފިކުރެއްގެ ދިރުމެއްނޫން’މަކަރެއްގެފެށުން..