ރިޔާސީ ބަޔާންތަކާ އަމަލު ކުރައްވާ ގޮތާ ދިމަލެއް ނުވޭ: ވައްޑޭ

ކުރައްވާ ވެރިކަމަކާ މެނިފެސްޓޯ ދިމާނުވާކަމަށާއި ރިޔާސީ ބަޔާންތަކާ އަމަލު ކުރައްވާ ގޮތާ ދިމާނުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވެއްޖެއެވެ.
މިއަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވުމުގެ ގޮތުން އިއްވަވާ ރިޔާސީ ބަޔާން މިއަދު އިއްވާފައިވާއިރު ވައްޑޭ ވިދާޅުވީ ރައްޔިތުންގެ މޫނުމަތީ އިތުރު ‘ދޮގުތައް’ ހައްދަވާތަން ބަލަން ގޮސް އަތްޖަހަން އެތާ އިންނަން އޭނާގެޒަމީރު ގަބޫލު ނުކުރައްވާކަމަށެވެ.
"ކުރައްވާ ވެރިކަމަކާ މެނިފެސްޓޯއަކާ ދިމަލެއް ނުވޭ. ރިޔާސީ ބަޔާންތަކާ އަމަލު ކުރައްވާ ގޮތާ ދިމަލެއް ނުވޭ. އަނެއްކާވެސް އިތުރު އަނދުން އަޅުއްވާ ތަނާ، ރައްޔިތުންގެ މޫނުމަތީ އިތުރު ‘ދޮގުތައް’ ހައްދަވާތަން ބަލަން ގޮސް އަތްޖަހަން އެތާ އިންނަން އަޅުގަނޑުގެ ޒަމީރު ގަބޫލެއް ނުކުރޭ." ވައްޑޭ ވިދާޅުވިއެވެ.
2023 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް މިއަދު ބާއްވާ ޚާއްސަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ރިޔާސީ ބަޔާން އިއްވަވަން ފެއްޓެވުމާއެކު އިދިކޮޅު މެމްބަރުން މަޖިލީސް ތެރޭގައި އަޑުގަދަކޮށް އިހްތިޖާޖްކޮށްފައެވެ. އަދި އިދިކޮޅު ޕީޕީއެމްއިން ވަނީ މަޖިލިސް އިދާރާ ކުރިމަތީގައި މުޒާހަރާ ކޮށްފައެވެ.
އަދި މުޒާހަރާގެ ތެރެއިން 8 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. މުޒާހަރާގެ އެއް ބައިވެރިޔަކު މަގުމައްޗަށް ވެއްޓިފައި އޮތް މަންޒަރުވެސް ފެނުނެވެ. އެހެންނަމަވެސް އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ނުލިބެއެވެ.