ވާހަކަ

މަގޭ ހާލު ބުނެދެން މިތުރާއޭ... (އެކާވީސްވަނަ ބައި)

ނައުފާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
މަގޭ ހާލު ބުނެދެން މިތުރާއޭ... (ޓްރެއިލާރ) މަގޭ ހާލު ބުނެދެން މިތުރާއޭ... (އެއްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ދެވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ތިންވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ހަތަރުވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ފަސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ހަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ހަތްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އަށްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ނުވަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ދިހަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އެގާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ބާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ތޭރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސާދަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ފަނަރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސޯޅަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސަތާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އަށާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ނަވާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ވިހިވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އެކާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ބާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ތޭވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސައުވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ފަންސަވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސައްބީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ހަތާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އަށާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ނަވާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ފަހުބައި)

ކެބިންގެ ދޮރުމައްޗަށްއެރި އަންހެންކުއްޖާ ފެނިފައި ދާމިންގެ މޫނަށް ނުރުހުމުގެ އަސަރު ވެރިވިއެވެ. ދަތްކުނޑި ވިކައިލުމާއެކު އޭނާއަށް ދެއަތްތިލަ މުށްކަވައި ބާރުކޮށްލެވުނެވެ. އޭރު އެސްފިޔަ ޖަހައިލުމެއްނެތި، ދެބުމަ ގޮށްޖަހައިލައިގެން އޭނާއަށް ބަލަހައްޓައިގެން ދޮރުކުރިމަތީގައި ތާނީ ހުއްޓެވެ.

Ads by STELCO

"މިތަނަށް ވަނުމުގެ ހުއްދަދިނީ ކާކު.." ހަރުކަށި ގޮތަކަށް ދާމިން އެއްސެވެ. އޭރު ސިހުންއެކުލެވިފައިވި ބެލުމަކުން ތާނީގެ ފަހަތުގައި ހުއްޓި އޭނާއަށް ބަލަހައްޓައިގެން އޭނާގެ ޕީ.އޭ ހުއްޓެވެ.

"އަހަރެން މިއައީ ދާމިންއާ ވާހަކަދައްކަން ބޭނުންވާތީ.. ދާމިން ޖެހޭނީ އަހަރެންގެ ވާހަކަތައް އަޑުއަހަން.." އަމިއްލަ ގޮތުގައި ހިފަހައްޓައިލަމުން ތާނީ ވެސް ހަމަ އެރާގުގައި ބުނެލިއެވެ.

"ލީމްއާ ގުޅުން ހުރި އެކަކާވެސް އަހަރެން ދައްކާނެ ވާހަކައެއް ނޯންނާނެ.. އެހެންވީމަ އަހަރެންގެ އަގުހުރި ވަގުތުތައް ބޭކާރުނުކޮށް މިތަނުން ދިއުން މާ ރަނގަޅުވާނެ.." ދާމިންގެ ވާހަކަތަކަށް ތާނީ ދެބުމަ ހިއްލައިލަމުން މައްޗަށް ލޯހިންގައިލިއެވެ. އޭނާ އެތަނަށް ދާމިންއާ ބައްދަލުކުރަން އައީ ލީމް އުޅެމުންދިޔަ ގޮތް ފެނި އިތުރަށް ކެތްނުކުރެވިގެންނެވެ. ދާމިންއާ ބައްދަލުކުރަން ނިންމިއިރު އޭނާ އެ ވާހަކަތައް ލީމް އަށް ސިއްރުކުރީއެވެ. ވަކިގޮތެއް ނުނިންމެނީސް ލީމް ގާތު ބުނަން ބޭނުން ނުވުމުންނެވެ.

"ދާމިން އަހަރެންގެ ވާހަކަތައް އަޑު ނާހަނީސް މިތަނުން އެންމެ ފިޔަވަޅެއްވެސް ފަހަތަށް ނުޖެހޭނަން.. އެހެންވީމަ ދެމީހުނަށްވެސް އެންމެ ރަނގަޅު ގޮތަކީ އަހަރެންގެ އެދުން ފުރިހަމަކުރުން.. މިތަނަށް އަހަރެން މިއައީ ސީން އެއް ކްރިއޭޓް ކުރާކަށް ނޫން.. ސޯ.. ލެޓްސް ޓޯކް.." ކެބިން ތެރަށް ވަންނަމުން ތާނީ ބުންޏެވެ. ދާމިންގެ ކަތުރުކަށިގަނޑަށް ވާންވެލިގޮތުން އޭނާ ނުރުހުންވެފައި ހުރިވަރު ހާމަކޮށްދެއެވެ. އެހެނަސް އެއިން ކަމަކަށް ތާނީގެ އެއްވެސް ފަރުވާލެއް ނެތެވެ. އެހިސާބަށް ޖަމާވަމުންދިޔަ މުވައްޒަފުންތައް ފެނި ދާމިން އިތުރަށް ހިތްހަމަނުޖެހޭގޮތް ވިއެވެ. އަމިއްލަ އަގު ވެއްޓެން ނޭދޭތީ ތާނީއަށް ބޯޖަހައިލަމުން އައުމަށް އޭނާ އިޝާރާތްކޮށްލީއެވެ. ކާމިޔާބީގެ ހިނިތުންވުމެއް ތާނީގެ ތުންފަތުގައި ކުޅެލިއެވެ. ފަހަތުން ދޮރު ލައްޕައިލަމުން ދާމިން އިޝާރާތްކުރި ގޮނޑިއާ ދިމާއަށް ތާނީ ހިނގައިގަތެވެ.

* * * * *

އާމިރުގެ އެހީތެރިކަމާއެކު ކޮޓަރިއަށް ވަދެގެން އައި އާރިޒް އަށް އެނދުމަތީގައި އިނށީދެލައިގެން އިން މެހެރީން ބަލައިލީ ޝަކުވާގެ ނަޒަރަކުންނެވެ. އިސްޖަހައިލައިގެން އާރިޒް އިން ގޮތުން މެހެރީނަށް ބަލަން ބޭނުންނުވެފައި އިން ކަހަލައެވެ. މެހެރީންއާ ކުރިމަތިވާނޭހެން އާރިޒްގެ ގޮނޑި ހަމަޖައްސައިލުމަށްފަހު އެކޮޓަރިން އާމިރު ނުކުތެވެ. ދެމީހުން އެކަނިވުމާއެކު މެހެރީންގެ ހިތަށް އެނގުންވެލައިފިއެވެ. ހިތްތެޅެން ފެށިއިރު އޭނާއަށް އެސްފިޔަޖަހައިލުމެއްނެތި ބެލެމުންދިޔައީ އާރިޒްއާ ދިމާއަށެވެ. އިސްވެ އޭނާ ވާހަކަދައްކާނެ އިރެއްގެ އިންތިޒާރުގައި މެހެރީން ކެތްމަދުވެފައި އިނެވެ. އެހެނަސް ހިމޭންކަން ދިގުލައިދިޔައިރުވެސް އާރިޒް ވާހަކަދައްކަން ނޫޅުނީތީ މެހެރީން ތުންފިއްތައިލަމުން އާރިޒްއަށް ގޮވައިލިއެވެ. އިސްއުފުލައި މެހެރީނަށް އާރިޒް ބަލައިލީ ދެނެވެ. ކޮންމެވެސް ވަރަކަށް ފައުޅުވާންހުރި މެހެރީންގެ ބަނޑަށް އާރިޒްގެ ނަޒަރު ދަތުރުކޮށްލުމާއެކު އޭނާގެ ހިތުގައި ހިފައި މީހަކު ޗަސްކޮށްލިފަދަ އިހުސާސެއް ކުރެވުނެވެ. އަވަސް އަވަހަށް އެސްފިޔަތައް ތަޅުވައިލަމުން އޭނާ ދުރަށް ބަލައިލިއެވެ.

"އާމިރު އެބުނީ ތެދެއްތަ.. އާޒް އެހެން ގެއަކަށް ބަދަލުވަނީތަ؟" ކެތްތެރިކަން ކުޑަ ގޮތަކަށް މެހެރީން ސުވާލުތައް އަމުނައިލިއެވެ. އިރުކޮޅަކު ހިމޭނުން އިނުމަށްފަހު އާރިޒް މަޑުމަޑުން ބޯޖަހައިލީއެވެ. "ކީއްވެ" މެހެރީންގެ އަޑުގައި ރިހުން އެކުލެވިފައިވިއެވެ. އެކަން އިހުސާސުވީ ކަންނޭނގެއެވެ. އާރިޒްގެ ތޫނު ދެލޯ މެހެރީނާ އަމާޒުވެލިއެވެ. ހިނދުކޮޅަކު ޖަވާބެއް ނުދީ އޭނާ އިނެވެ.

"މެހެރްއަށް އަހަރެންގެ ސަބަބުން އެއްވެސް ތަކުލީފެއް ޖެހޭކަށް ނޭދެން.. ތިއިން ހާލުން ވަޒީފާއަށް ދަމުން އަހަރެންގެ ކަންކަން ބަލަހައްޓަން ވީމަ ކިހާ އުނދަގޫވާނެ.."

"އާޒްގެ ކަންކަން ބަލަހައްޓަން އަހަރެން ހުންނާނީ މީހުން ހަމަޖައްސާފަ.. ކުރިންވެސް ބުނިހެން އާޒް އެއްކޮށް ރަނގަޅުވަންދެން އަހަރެން ބޭނުންވަނީ އާޒް މިގޭގަ ހުންނަން.."

"މެހެރް.. މީ އަހަރެންގެ ދިރިއުޅުން.. އަހަރެން ހުންނަންވީ ތަނެއް އެނގޭނީ އަހަންނަށް.."

"އަހަރެން ހީކުރީ.. ނުބުންޏަސް އަހަރެންގެ ހާލު އެންމެ ބޮޑަށް ދަންނާނެ މީހަކީ ތީ ކަމަށް.. އެކަމަކު.. އެހެންމީހުނެކޭ އެއްގޮތަށް.. އާޒް ވެސް.. އަހަރެން.. އެކަނި ކޮށްލާފަ ދަނީ ދޯ.." ވާހަކަދައްކަމުންގޮސް މެހެރީންގެ އަރު ބެދޭގޮތްވިއެވެ. ހުރިހާ ކަމަކާ ވިސްނާ ވިސްނާ އޭނާގެ ހިތަށް އަސަރުކޮށްފައިވީ ނުހަނު ބޮޑަށެވެ.

"މީ މެހެރް ވެސް ބޭނުންވި ގޮތެއް ނޫންތަ.." މެހެރީނަށް ބަލަން އިނދެ އާރިޒް އަހައިލީ މަޑުމައިތިރި ގޮތަކަށެވެ. އެއާއެކު ލަސްލަހުން މެހެރީން ބޯހޫރައިލިއެވެ.

"އެހާ ދުވަސްފަހުން އަހަނަށް ލިބުނު ހަމައެކަނި ހަގީގީ އެކުވެރިއަކީ ތީ.. އެއްވެސް ފޮރުވުމެއްނެތި އަހަރެންގެ ހުރިހާ ވާހަކަތަކެއް ހިއްސާކުރެވޭވަރަށް އަހަރެން އިތުބާރުކުރާ މިހަކީ ތީ.. ޕްލީޒް.. އަހަރެން އެކަނި ކޮށްލާފަ ނުދޭ.. އެންމެ ކުޑަމިނުން އަހަރެން.. ވިހަންދެން.. މިގޭގަ މަޑުކޮށްލަދީ.." އާދޭހުގެ ނަޒަރަކުން މެހެރީން ބަލައިލިއެވެ. ބުނާނެ އެއްޗެއް ނުވިސްނިފައި އާރިޒް އިނީއެވެ.

"މެހެރް ތިހުރީ އުފަލުންތަ.." ކުއްލިއަކަށް އާރިޒް ކޮށްލި ސުވާލުން މެހެރީންނަށް ސިހުން ގެނުވިއެވެ. ދޭނެ ޖަވާބެއް ނޭނގި މެހެރީން އިސްޖަހައިލީއެވެ. އެ ސުވާލު އަމިއްލަ ނަފުސާ އޭނާއަށް ކޮށްލެވުނެވެ. އޭނާގެ އުފަލަކީ އާރިޒް ކަމުގައި ބުނުމަށް އެހިތް އެދުނެވެ. އެތައް ފަހަރަކު ހުރިހާ ހަގީގަތެއް އާރިޒްއަށް ހާމަކުރުމަށް ބުނެލިއެވެ. ނަމަވެސް ހިންދިރުވައިލުމާއެކު އެއިހުސާސުތައް މެހެރީން އޮއްބައިލީއެވެ. މެހެރީންގެ ފުށުން ޖަވާބެއް ނުލިބުމުން ދެފަރާތަކަށް އާރިޒް ބޯހޫރައިލިއެވެ. ބަސްމޮށުންތެރިކަމެއް ނެތް ނަމަވެސް މެހެރީން ބުނެދެން ބޭނުންވާ ވާހަކަތައް އޭނާއަށް ފަހުމްވީ ކަހަލައެވެ. ފުންނޭވާއެއް ދޫކޮށްލަމުން އެކޮޓަރިން ނުކުންނަން އާރިޒް އެނބުރުނެވެ. އާރިޒް ގޮނޑި ދުއްވައިލުމާއެކު މެހެރީން ކަރުނަވީ ދެލޮލުން އެދިމާއަށް ބަލައިލިއެވެ. ދޮރުކައިރީގައި މަޑުޖެހިލަމުން ކުޑަކޮށް މެހެރީންއާ ވީ ދިމާއަށް އާރިޒް ބޯ އަނބުރައިލިއެވެ. "މެހެރް ވިހަންދެން އަހަރެން މަޑުކޮށްފާނަން.. އެކަމަކު އަހަންނަށް ރަނގަޅީ އޭގެ ފަހުން އަހަރެން ހުއްޓުވަން މަސައްކަތް ނުކުރިއްޔާ.." އެހެން ބުނެލުމަށްފަހު ކޮޓަރީގެ ދޮރު ހުޅުވަމުން އާރިޒް ނުކުތެވެ. ހަރަކާތެއްވެސް ކޮށްނުލައި އެއިން ގޮތަށް މެހެރީން އިނީއެވެ.

* * * * *

"ކޮންވާހަކައެއް ނުދެއްކިގެން ތިއުޅެނީ.." ދާމިންގެ އަޑުގައިވީ ރުންކުރުކަމެވެ. "ލީމް.." އެ ހިސާބަށް ތާނީ ބުނެލާއިރަށް އެއަތް މައްޗަށް އުފުލައިލަމުން ތާނީ ގާތުގައި ހުއްޓައިލުމަށް ދާމިން އަމުރުކޮށްލިއެވެ. "ލީމްއާ ގުޅުންހުރި އެއްވެސް ވާހަކައެއް ދަށްކާކަށް ބޭނުމެއްނޫން.. އެހެން ވާހަކައެއް ނެތިއްޔާ ގޮސްލިއަސް އެންމެ ރަނގަޅު.." ދާމިންގެ ރާގު ހުރިގޮތުން ތާނީ ގާތަށްވެސް ރުޅި އަންނަ ގޮތް ވިއެވެ. މޭޒުމަތީގައި އަތުން ތަޅައިގަންނަމުން ފުންމައިގެން އިނށީދެއިން ގޮނޑިން އޭނާ ތެދުވިއެވެ.

"ތިއޭ ކަލޭމެން ފިރިހެނުންގެ މައްސަލައަކީ.. ދައްކާ ވާހަކައެއް ދައްކަންދެން އަޑުއަހަން އިނިއްޔާ ކީއްތަ.. އަހަރެންވެސް ކުރާނެކަމެއް ނެތިގެނެއް ނޫނޭ މިތަނަށް އައިސް މިއިނީ.. އަހަރެންގެ އެކުވެރިޔާއަށްޓަކާ.. ލީމް އެކުރާ ހިތާމަ ދެކެން ކެތްނުވެގެން.."

"ހެހެހެ.. އަހަރެންގެ ހިތަށް ހުރިހާ އަނިޔާއެއްދީފަ އަދިވެސް ހިތާމަކުރަނީ ލީމް ތަ.." ދާމިން ކޮށްލީ މަލާމާތެވެ.

"ޑޭމްއިޓް ދާމިން.. ޝީ ލަވްސް ޔޫ.. ލީމް އެހުރިހާ ކަމެއް ކުރީ އެހެންވެ.. އަހަރެން ހީކުރީ އެންމެ ކުޑަމިނުން ދާމިން ތަފާތުވާނެކަމަށް.. ލީމްއަށް ކޮންމެވެސް ފުރުސަތެއް ދޭނެ ކަމަށް.. އެޓްލީސްޓް ލީމް އެގޮތަށް ކަންތައްކުރީ ކީއްވެތޯ ލީމް ގާތުން އޮޅުންފިލުވާނެކަމަށް.. އެކަމަކު ދާމިން ވެސް ތިވީ ހަމަ އެހެންމީހުން ކަހަލަ މީހަކަށް.. އަމިއްލަ ނުކުޅެދުންތެރިކަން ސިއްރުކޮށް އެއީ އުނިކަމެއްކަމަށް ލީމް ފަދަ ކުދިން ދެކެނީ ތިކަހަލަ މީހުންގެ ސަބަބުން.." ރުޅިއައިސްގެން ގޮސް ތާނީ އަށް ކިޔޭ ނުކިޔޭއެއްވެސް ނޭނގޭ ކަހަލައެވެ.

"އެންމެ ފުރަތަމަ ލީމްގެ ހަޔާތަށް އައި މީހާވެސް ކަންތައްކުރީ ތިފަދައިން.. ލީމްގެ ލޯބި އެއީ އެއްވެސް މުހިންމު އެއްޗަކަށް ނުވި.. ކޮންމެ މީހަކަށްވެސް ފެންނަނީ އެއަންހެންކުއްޖާގެ ނުކުޅެދުންތެރިކަން.. މަލާމާތްކޮށް ފުރައްސާރަކޮށްކޮށް ލީމް އެހުރީ ނަފުސާނީ ގޮތުންވެސް އަސަރުކޮށްފަ.. އަމިއްލަ ނަފުސުދެކެ ފޫހިވޭ.. އޭނައަކީ ނުކުޅެދޭ ކުއްޖެކޭ ބުނަން ލަދުގަނެ ޖެހިލުންވޭ.. އެކަމަކު އެކަމުގަ ލީމްގެ ކުށެއް ކޮބާ.. އެހުރިހާ ކަމަކާ ހަނގުރާމަކުރަމުން ދަނިކޮށް ލީމްގެ ހަޔާތަށް ދާމިން އައީ.. އަލުން އެކުއްޖާއަށް އާ ދިރުމެއް ލިބުނުކަހަލަ.. ލީމްގެ ކޮންމެ އަމަލެއް އޭނާ ދާމިންދެކެ ވާލޯބި އަންގައިދޭ.. ދާމިން ގާތު ހުރިހާ ވާހަކައެއް ބުނަން ލީމް ބޭނުންވި.. އެކަމަކު ޖެހިލުންވީ އަނެއްކާވެސް އަމިއްލަ ނުކުޅެދުންތެރިކަމުގެ ސަބަބުން އެހިތުގެ ލޯބި ބީވެދާނެތީ.. ލީމް ހުރީ ނިންމައިގެން ދާމިންއަށް އެކަން އެނގިއްޖެއްޔާ ދާމިންވެސް އޭނާއަށް މަލާމާތްކޮށް ބާކީކޮށްލާނެކަމަށް.. ކުޑަދުވަސްކޮޅަކަށް ވިއަސް ތި ލޯބި. ތި ގާތްކަން އިހުސާސުކޮށްލަން ބޭނުންވެގެން އެވާހަކަތައް ލީމް ސިއްރުކުރީ.. އޭނާ ހުރީ ދާމިންގެ ގޮތް ރަނގަޅަށް ދަސްވި ދުވަހަކުން ހުރިހާ ވާހަކައެއް ކިޔާދެން.. އެކަމަކު އޭގެ ކުރިން ދާމިން އަށް ހުރިހާ ކަމެއް އެނގުނީ.. އަހަރެން ގަބޫލުކުރަން ލީމް ކަންތައްކުރީ ރަނގަޅަށް ނޫންކަން.. އެކަމަކު.. ލީމް ދާމިންދެކެ އިންތިހާއަށް ލޯބިވޭ.. ޝީ ހެޑް ނޯ އިންޓެންޝަން ޓް ހާރޓް ޔޫ ދާމިން.. ޕްލީޒް.. ލީމްގެ ހިތް ދެވަނަ ފަހަރަށް ހަލާކުކޮށްނުލާ.. އަމިއްލަ ނަފުސަށް އޮތް ޔަގީންކަން ދެވަނަ ފަހަރަށް ގެއްލިގެންދިޔަ ނުދީ.. އެންމެ ފުރުސަތެއް ނަމަވެސް ލީމްއަށް ދީ.. އަހަރެން ޔަގީންކަންދެން.. ދެވަނަ ފަހަރަށް ދާމިން ޝަކުވާނެ ކުރާނެ ފުރުސަތެއް ލީމް ނުދޭނެ.." ރުޅިއައިސްގެން ވާހަކަ ދައްކަން ފެށި ނަމަވެސް، ވާހަކަދައްކައި ނިންމައިލިއިރު ތާނީގެ އަޑުގައިވީ އާދޭހެވެ. ދެއަތް ޖޯޑުކޮށްލުމާއެކު އޭނާ ދާމިންއަށް ބަލައިލިއެވެ. އިވުނު ވާހަކަތަކުން ބަސްހުއްޓިފައި ދާމިން އަށް ވެސް އިނދެވުނީއެވެ. ލީމް އޭނާދެކެ ލޯބިވާކަން އެއީ ޚުދު އޭނާއަށް ވެސް އެނގިފައިނުވާ ކަމެކެވެ. އެމައުސޫމު ސޫރަ ދެލޯ ކުރިމަތިން ސިފަވެލުމާއެކު ދާމިން ފުންނޭވާއެއް ދޫކޮށްލިއެވެ. މޫނުގައި އަތްހިންގައިލަމުން ތާނީ ގާތުގައި ގޮނޑީގައި އިނށީނުމަށް އޭނާ އެދުނެވެ. މިފަހަރު ދާމިންގެ އަޑުގައިވެސްވީ މަޑުމައިތިރިކަމެވެ. ދާމިން އެދުނު ފަދައިން ތާނީ ކަންތައްކުރިއެވެ. އެއާއެކު ދާމިން ކުރަން ބޭނުންވާ ސުވާލުތަކެއް ހުރިކަން އޭނާ ހާމަކޮށްލިއެވެ. ބޯޖަހައިލަމުން ދާމިން އޮޅުންފިލުވަން ބޭނުންވި ކޮންމެ ކަމެއް އޭނާއަށް ތާނީ ކިޔައިދިނެވެ. އެތައް އިރަކު ވާހަކަދެއްކުމުގައި ދެމީހުން ތިބިއިރު ކުރިން ދެމެދުގައިވި ނުތަނަވަސްކަން މަޑުމަޑުން ފިލައިގޮސްފިއެވެ.

އެއްމަސްދުވަސް ހޭދަވެގެން ދިޔައީ ހީވެސްނުކުރާހައި އަވަހަށެވެ. ވަގުތަކީ ހިތާމަތަކަށްވާ ޝިފާއެކޭ ބުނާފަދައިން ފާއިތުވި ދުވަސްތަކާއެކު ލީމް ކުރަމުންދިޔަ ހިތާމަތައްވެސްވީ މަޑުމަޑުން ލުއިވާން ފަށައިފައެވެ. އިތުރަށް ކުރެވުނު ކަންތަކާމެދުގައި ވިސްނަން ބޭނުން ނުވުމުން އެކަން އޭނާ ހުއްޓައިލީއެވެ. ދިރިއުޅުމައިގެން ކުރިއަށް ދިއުމަށް އޭނާގެ ހިތްވަރަކަށްވި އެކުވެރިޔާގެ ނަސޭހަތްތަކުގައި ހިފަން ނިންމަމުންނެވެ. ތާނީ ނެތްނަމަ އެހިތާމައިގައި އޭނާ ނިމިދިޔައީސްކަން ޔަގީނެވެ.

ރޭގަނޑުގެ ހިތްގައިމު ވަގުތެވެ. ތާނީއާ އެކުގައި ރޭގަނޑުގެ ކެއުމަށް ބޭރަށް ގޮސްލަން ނިންމައިފައިވުމުން ތާނީ އަންނަންވާއިރަށް ލީމް ތައްޔާރުވެލިއެވެ. 8 ޖެހިތަނާހެން ލީމް ބަލައި އެގެއަށް ތާނީ އައެވެ. ލީމްގެ ޚާއްސަ ޑްރައިވަރާއެކު ކާރަށް އަރަމުން ދާންވީ ރެސްޓޯރެންޓްގެ ނަން ތާނީ ބުނެލިއެވެ. "ވަރަށް ފަހުން ހުޅުވި ތަނެއް އެއީ.. އެތަނުގެ ކާ އެއްޗެހި ވަރަށް މީރޭ ކިޔާ އަޑުއިވޭތީ މިރޭ ހަމަ އެތަނަށް ދާހިތްވީ.." ލީމްއަށް ބަލައިލަމުން ހިނިތުންވެލައިފައި ތާނީ ބުނެލިއެވެ. ބަދަލުގައި ލީމްވެސް ލުއި ގޮތަކަށް ހިނިތުންވެލިއެވެ.

ލީމްގެ އަތުގައި ހިފައިގެން ހުރެ ރެސްޓޯރެންޓަށް ވަންނަމުން ތާނީ މިސްރާބުޖެހީ މަތީގައި އޭސީ ކޮށްފައިހުރި ބަޔަށް ދިއުމަށެވެ. ވަށައިގެން ލޯ ހިންގަމުން ތާނީއާ އެކުގައި އައިސް އެބަޔަށް ލީމް ވަނެވެ. ހިތްހަމަޖެހުން އޭނާގެ މޫނުމަތިން ފައުޅުވާން ހުއްޓެވެ.

އޭސީ ކޮށްފައިހުރި ބަޔަށް ވަދެގެން އައިސް އެތަނުން މޭޒެއް ދޮށުގައި ތާނީ އިނށީނެވެ. އެބައިގެ އެކި ހިސާބުތަކަށް ލީމް ނަޒަރު ހިންގައިލިއެވެ. މަޑު އޮރެންޖް އަލިކަމެއް މުޅިތަނަށް ފެތުރިފައިވީއިރު ފިނިމިން ހުރީ ހިތްގައިމު ވަރަކަށެވެ. އެކި ތަންތަން ކޮޅުގައި ޕްލާސްޓިކް ބޮޑެތި ގަސްމުށިތައް ބަހައްޓައިފައި ހުރުމުން އެމާހައުލު އިތުރަށް ފުރިހަމަކަމަށް ދައްކައެވެ. އެމީހުން ފިޔަވައި އެބައިގައި އިތުރު މީހަކު ނެތެވެ. ލީމް އިތުރަށް ހިތްހަމަޖެހުނު ކަމަކަށް އެކަން ވިއެވެ.

އިރުކޮޅަކު ލީމްއާ ވާހަކަދައްކަން އިނުމަށްފަހު ފާޚާނާއަށް ވަދެލައިފައި އެބަ އަންނަންކަމަށްބުނެ އިންތަނުން ތާނީ ތެދުވެއްޖެއެވެ. ތާނީއަށް ބޯޖަހައިލި ލީމް ގޮނޑީގައި ހަމަޖެހިލީ ތާނީ ގާތުގައި އަވަހަށް އައުމަށް ބުނަމުންނެވެ. އާނއެކޭ ބުނެލަމުން ހަލުވި ފިޔަވަޅުތަކެއްގައި އެތަނުން ތާނީ ނުކުތެވެ. އެކަނިމައި އެކަނި އިންނަންވުމުން ކޮންމެވެސް ވަރަކަށް އުނދަގޫވެފައި އިން ލީމް ސިހުނީ ކުއްލިއަކަށް އެބައިގެ ދޮރު ހުޅުވުމުންނެވެ. ތާނީކަމަށް ހީކުރި ނަމަވެސް އެތެރަށް ވަދެގެން އައީ އެހެން މީހެކެވެ. ލައިގެންހުރި ފަޓުލޫނުގެ ޖީބަށް އަތްޖަހައިލައިގެން ހުރެ ލުއި ހިނިތުންވުމަކާއެކު ލީމް އިން މޭޒާ ދިމާއަށް އައި ޒުވާނާ ފެނިފައި ލީމް ލައިލައިހުރި ނޭވާ ވެސް ހިނދުކޮޅަކަށް ތާށިވީކަހަލައެވެ. ދެލޯބޮޑުކޮށްލުމާއެކު ގުޑިލަންވެސް ނުކެރިފައި އޭނާ އިނީ ގަތް ބިރެއްގެ ސަބަބުންނެވެ.

"ހާއި ލީމް.." އެމޭޒު ކައިރިއަށް ހުއްޓެމުން ލާނެތް ހުނުމަކާއެކު ދާމިން ބުނެލިއެވެ.

(ނުނިމޭ)

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!