ޚަބަރު ސިޔާސީ

ރައީސް ޞާލިޙުގެ ރަނިންމޭޓު ކަމަށް ނައިބު ރައީސް ފައިސަލް ޝައުގުވެރިވެވަޑައިގަންނަވާކަން ހާމަ ކުރައްވައިފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ދެވަނަ ދައުރެއްގައިވެސް، ނައިބު ރައީސްގެ މަޤާމުގައި ރަައްޔިތުންނަށް ޚިދުމަތް ކުރެއްވުމުގެ ޝައުގުވެރިކަން ހުންނެވިކަން، ނައިބު ރައީސް ފައިސަލް ނަސީމް ހާމަކުރައްވައިފިއެވެ.

Ads by Hajj Corporation

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރަނިންމޭޓަކަށްވެވަޑައިގަތުމުގެ ޝައުގުވެރިކަން ހުންނެވިކަން ނައިބު ރައީސް ހާމަ ކުރެއްވީ އޮންލައިން ނޫސް "މިހާރު"އަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ.

ނައިބު ރައީސް ފައިސަލް އަކީ ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީ(ޖޭޕީ)އަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި، ރައީސް ޞާލިޙުގެ ރަނިންމޭޓަކަށް ވެވަޑައިގަތުމުގެ ފުރުސަތު ލިބިވަޑައިގެންފިނަމަ، ޤަބޫލު ކުރައްވާނަންތޯ "މިހާރު" ނޫހުން ސުވާލު ކުރުމުން ނައިބު ރައީސް ވިދާޅުވީ، ތަޖުރިބާއާއެކުގައި މިހާރަށްް ވުރެވެސް މާ ރަނގަޅަށް އެކަން ކުރެއްވޭނެ ކަމަށެެވެ. '

ރައީސް ޞާލިޙަށް ވެރިކަމުގެ ދެވަނަ ދައުރެއް ދިނުމަކީ ކުރަންޖެހޭ ކަމެއް ކަމަށްވެސް އެ މަނިކުފާނުގެ ވާހަކަފުޅުގެ ތެރެއިން ފާހަގަކުރެއްވިއެވެ.

އަދި ފުރުސަތެއް ލިބިވަޑައިގެންފިނަމަ، ޤައުމަށް ޚިދުމަތް ކުރައްވަން ބޭނުންފުޅުވެލައްވާ ކަމަށް ވިދާޅުވެ، މިހާރު ހުންނެވި މަޤާމުގައި ދެމި ހުންނެވުމުގެ ޝައުގުވެރިކަން ހުންނެވިކަަން ހާމަކުރެއްވިއެވެ.

"އަޅުގަނޑަށް ފުރުސަތު އޮތް ކަަމަށް ވަންޏާ، ލިބޭ ކަމަށް ވަންޏާ، އަދި މާ ރަނގަޅަށްވެސް، މާ ރަނގަޅަށްވެސް، އެ ކުރެވޭ ތަޖުރިބާއާއެކު، މާ ރަނގަޅަށްވެސް މަސައްކަތުގައި ބައިވެރިވެ، އެކަމައިގެން، ރައްޔިތުންނަށްޓަކައި ކަމެއް ކޮށްދިނުން. އެހެންވީމަ، އަޅުގަނޑު ވަރަށް ޝައުގުވެރިވާނެ ހަމަ، މިގޮތަށް މަސައްކަތުގައި އުޅެން."

ފައިސަލް އިތުރަށް ވިދާޅުވީ ރައްޔިތުން އެ މަނިކުފާނު ހޮވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބެއްގެ ގޮތުގައިކަން އެއްވެސް އިރެއްގައި ހަނދުމަފުޅު ނުނެތޭ ކަމަށާއި، އަދި ނައިބު ރައީސްގެ މަޤާމަކީ ކޮން މަޤާމެއްކަން އެނގިވަޑައިގަންނަވާކަމަށްވެސް ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ އެކި ދާއިރާތަކުގައި ޚިދުމަތް ކުރައްވާތާ 30 އަހަރު ވެފައިވާއިރު، އެ މަނިކުފާނަށް ދުވަހަކުވެސް މަގު އޮޅިވަޑައިނުގަންނަވާ ކަމަށާއި، ކުރިއަށް ވަޑައިގެންނެވީ ކިހިނެއްކަންވެސް އޮޅިވަޑައިގެންފައި ނުވާ ކަމަށެވެ.

"އަޅުގަނޑުގެ ހަމަ ޢަޒުމެއް، އެންމެ ފުރަތަމަ ދުވަހުވެސް އަޅުގަނޑު ކުރި ހުވަޔާ އެކުގައި، އެގޮތުގެ މަތިން، ޤާނޫނުތަކަށް ޙުރުމަތްތެރިކޮށް ހިތައި، ޤައުމަށް އެންމެ ރަނގަޅު، ރައީސުލްޖުމްހޫރިއްޔާއަށް ވަފާތެރިކޮށް، ވީހައިވެސް ގިނަ މަސައްކަތްތަކެއް، ވީހައިވެސް ގިނަ ކަންތައްތަކެއް، ފަސް އަހަރުގެ ތެރޭގައި، ތެދުވެރިކަމާއެއްކޮށް ކުރުން އެއީ އަޅުގަނޑުގެ އަބަދުވެސް ޢަޒުމެއް. އަޅުގަނޑު އަބަދުވެސް ބޭނުންވާ ކަމެއް."

އެ މަނިކުފާނުގެ ވާހަކަފުޅުގައި، މި ދައުރުގެ ބާކީ އޮތް ދުވަސްތަކުގައިވެސް މިހާރުވެސް މަސައްކަތް ކުރައްވާ ގޮތަށް ރައްޔިތުންނަށްޓަކައި މަސައްކަތް ކޮށްދެއްވާނެ ކަމުގެ ޔަޤީންކަންވެސް ދެއްވިއެވެ.

ނައިބު ރަައީސް ފައިސަލް، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ޞާލިޙުގެ ރަނިންމޭޓަކަށް ވެވަޑައިގަތުމުގެ ޝައުގުވެރިކަން ފާޅު ކުރެއްވިއިރު، ޖޭޕީން އަދި މި އަހަރުގެ ރިޔާސީ އިންތިޚާބުގައި އަމަލު ކުރާނެ ވަކި ގޮތެއް ހާމައެއް ނުކުރެއެވެ.

ނައިބު ރައީސް ފައިސަލް ރައީސް ޞާލިޙަށް ތާއީދު ކުރައްވާކަން ހާމަކުރެއްވުމުން، އެ ޕާޓީން ބުނެފައިވަނީ، އެ ފަދަ ނިންމުމެއް މިހައި ކުރިން ނިންމާއިރު، އެންމެ ރަނގަޅު ގޮތަކީ ޕާޓީން ވަކިވުން ކަމަށެވެ.

ރައީސް ޞާލިޙުގެ ރަނިންމޭޓުގެ ގޮތުގައި، މި އަހަރުގެ ރިޔާސީ އިންތިޚާބަށް ނުކުންނެވުމުގެ ޝައުގުވެރިކަން ނައިބު ރައީސް ފާޅުކުރެއްވިއިރު، ރައީސް ޞާލިޙަށް، ރަސްމީކޮށް އެމްޑީޕީގެ ރިޔާސީ ޓިކެޓު އެރުވުން އޮތީ އަންނަ ހުކުރު ދުވަހުގެ ރޭ، އެކަމަށްޓަކައި ބާއްވާ ޚާއްސަ ޖަލްސާއެއްގައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!