މަގޭ ހާލު ބުނެދެން މިތުރާއޭ... (ތޭވީސްވަނަ ބައި)
▾ މި ވާހަކައިގެ ޢަދަދުތައް
އަތުގައިއޮތް ބިއްލޫރިކޮޅުން ފިހިފައިވި ތަނުގައި އެޅި އަތުގެ ބޮޑުބައެއް ހުރީ ކަފައިގެން ގޮސްފައެވެ. އެތަނުން ހުއްޓުމެއްނެތި ލޭތިކިތައް ފައިބަމުންދިޔައިރު، މެހެރީންގެ ކުރިމަތީގައި ހުރި ރަޒާނަށް އެތަން ނުފެންނަނީބާއޭ އާރިޒްގެ ހިތަށް އެރިއެވެ. ހުއްޓުމެއްނެތި މެހެރީންގެ ދެލޮލުން ފައިބަމުންދިޔަ ކަރުނަތަކުން އާރިޒްގެ މުޅި ނަފުސަށް ބުނެދޭން ދަތި ރުޅިވެރިކަމެއް ވެރިވިއެވެ.
"މެހެރް.." ބޭނުންނުވި ނަމަވެސް އާރިޒްއަށް ގޮވައިލެވުނީ ހަރުކަށި ރާގަކަށެވެ. އެއަޑަށް ދެބުމަގޮށްޖަހައިލައިގެން ހުރި ރަޒާން ފަސްއެނބުރި އޭނާއާ ދިމާއަށް ބަލައިލީ ނުރައްކާތެރި ގޮތަކަށެވެ.
"ކަލޭ މިތަނު ކީއްކުރަނީ.. ދާންއުޅޭ.." ރުންކުރު ގޮތަކަށް ރަޒާން ބުނެލިއެވެ. އެއަޑުއިވިފައި އާރިޒްގެ ރުޅި ހައްތަހައި ގަދަވީއެވެ. ބަދިގެތެރަށް ވަންނަމުން އޭނާ ރަޒާންއާ ހަތަރުކަޅި ހަމަކޮށް ބަލައިލިއެވެ.
"ދެން ތިބުނަނީ އަހަރެން ކުރިމަތީ އަންހެނަކަށް އަނިޔާވެރިވާއިރުވެސް ބަލަން ހުންނާށޭތަ.. އަހަރެން މީ ތިހާ ރަހުމު ކުޑަ މީހެއް ނޫން.. މެހެރީން އެއީ ތިމާގެ އަނބިމީހާކަންވެސް ރަޒާންއަށް ނުވިސްނޭތަ.. ފިރިންނަކީ އަނބިންގެ މައްޗަށް އަޅާލާ އޯގާތެރިވާންޖެހޭ ބައެއް.. ހިމާޔަތްލިބެންޖެހޭ ދެއަތުން އަނިޔާދެވޭއިރު އިހުސާސުވެސް ނުވޭ ދޯ.. އެއްފަހަރުވެސް ރަޒާންގެ އަނބިމީހާ އެއިން ހާލާމެދު ވިސްނާލަބަލަ.. އަންހެނުންގެ މައްޗަށް އަނިޔާވެރިވާއިރު ރަޒާން އަސްލު ފިރިހެނަކަށްވެސް ނުވެއެއްނު.." ދަތްތަކަށް ބާރުކޮށްލަމުން އާރިޒް ބުނެލީ ނުރުހުންވެފައެވެ. އާރިޒްގެ ވާހަކަތަކުން ރަޒާންގެ ރުޅިގަނޑު އިތުރަށް ހުޅުހިފައި ރޯވިކަހަލައެވެ. ދެއަތްމުށްކަވައިލަމުން އާރިޒްއަށް ބަލަން އޭނާ ހުރިއިރު މެހެރީންގެ ހިތާމަވެރި ނަޒަރު ވެސް ހުރީ އާރިޒްއަށް ހުއްޓިފައެވެ. އޭނާގެ ދިފާއުގައި އާރިޒް ތެދުވެދާނޭ މީގެ ކުރިން ކުޑަކޮށްވެސް މެހެރީނަށް ހީވެފައެއް ނެތެވެ.
"މިއީ ކަލެއާ ބެހޭ ކަމެއްނޫން.. ހަނދާންކުރާތި.. ދެންފަހަރަކުން މިދެމެދަށް ވަންނަންއުޅެންޏާ މަންޒަރު މާ ރީއްޗެއް ނުވާނެ.. ތިގޮނޑިއާއެއްކޮށް މިގެއިން ނެރެ އެއްލާލާކަށްވެސް އަހަރެން ފަހެއް ނުޖެހޭނަން.." އާރިޒް ކުރިމައްޗަށް ހުއްޓި ކުޑަކޮށް ގުދުވެލަމުން ޝަހާދަތް އިނގިލި ދިއްކޮށްލައި ރަޒާން އިންޒާރެއް ދިނެވެ. އެހެނަސް އެކަމުން މާބޮޑު އަސަރެއް އާރިޒްއަށް ކުރިހެނެއް ހިއެއްނުވެއެވެ. އެމޫނުން އެފަދަ އެއްވެސް އަސަރެއް ފައުޅުނުވީތީ ރަޒާން ދަތްކުނޑި ވިކައިލިއެވެ. އޭނާގެ ބޭނުން ހާސިލް ނުވުމުން ނުރުހިފައި ހަށިގަނޑު ތެދުކޮށްލަމުން އެނބުރި މެހެރީނަށް ބަލައިލިއެވެ. އަދި ދެވަނަ ސުކުންތު ހަލުވި ފިޔަވަޅުތަކެއްގައި ބަދިގެއިން ނުކުންނަން އޭނާ ހިނގައިގަތެވެ. އެތަންފެނި ދޮރުމަތީގައި ތިބި ޚާދިމުންތައް އަވަސް އަވަހަށް އެއްފަރާތަކަށް ޖެހިލީ ބިރެއް ފެނިގެން ކަހަލައެވެ. މީހަކަށް ބަލައިލުމެއްނެތި ބަދިގެއިން ނުކުންނަމުން ރަޒާން މިސްރާބުޖެހީ ގެއިން ނުކުތުމަށެވެ. އެކަން ޔަގީންވުމާއެކު ޚާދިމުންތައް ފުންނޭވައެއް ދޫކޮށްލީ އެތައް އިރަކަށްފަހު ހަމަޖެހުން ލިބުނު ފަދައިންނެވެ.
ޖީނާއަށް ގޮވައިލަމުން އާރިޒް އަވަސްވެލީ މެހެރީން ގާތަށް ދިއުމަށެވެ. އޭރު މޭޒުގެ އެއްކަނުގައި ހިފައި ލަސްލަހުން މެހެރީން ކޮޅަށް ތެދުވަނީއެވެ. އާރިޒްގެ އަޑަށް ދުވަމުންކަހަލަ ގޮތަކަށް ޖީނާ އެތެރަށް ވަނެވެ. އާރިޒް އެދުނީ ލަސްނުކޮށް އަވަހަށް ފަސްޓް އެއިޓް ބޮކްސް ގެނައުމަށެވެ. ބޯޖަހައިލަމުން ޖީނާ އެނބުރި އައި ކޮޅަށް ދުއްވައިގަތެވެ. ތިރީގައި ހުރި ބިއްލޫރިކޮޅުތަކަށް ބަލަމުން އާރިޒް އައިސް މެހެރީން ގާތުގައި ހުއްޓުނެވެ. އަދި މަޑުމަޑުން އެއަތުގައި ހިފައިލަމުން ބަދިގެތެރެއިން ލައިފައި ވަދެވެންހުރި ކާކޮޓަރިއާ ދިމާއަށް އޭނާ މިސްރާބުޖެހިއެވެ. ފުންވިސްނުމަކަށް ގެއްލިފައި ހުރި މީހަކު ފަދައިން އާރިޒްއާ އެއްވަރަށް މެހެރީން ހިނގައިގަތެވެ. ބަހެއްވެސް ނުބުނެ އާރިޒް އައިސް ކާމޭޒު ދޮށުން ގޮނޑިއެއް ދައްކައިލަމުން އެތަނުގައި އިނށީނުމަށް އެދުނެވެ. އާރިޒް އެދުނުފަދައިން މެހެރީން ކަންތައްކުރިއެވެ. އެވަގުތު ޖީނާވެސް އައިސް އެމީހުން ގާތުގައި މަޑުކޮށްލިއެވެ. ޖީނާގެ އަތުގައި ހުރި ކުޑަ ފޮށި އަތުލަމުން މެހެރީނާ ކުރިމަތިވާނޭހެން ހުއްޓިލައި، އެއަތުގައި އާރިޒް ހިފައިލިއެވެ. އެއާއެކު ލިބުނު ސިހުމުގައި ތެޅިގަންނަމުން މެހެރީން އާރިޒްގެ މޫނަށް ބަލައިލީ ބިރުގެންފައި އިންފަދައަކުންނެވެ.
"އިޓްސް އޯކޭ.. މެހެރް މީ އަހަންނޭ.. އާޒް.." އޯގާތެރިކަމާއެކު އާރިޒް ބުނެލިއެވެ. ހަމަޖެހިލި މެހެރީންގެ ދެލޯ ވަގުތުން ހޫނު ކަރުނުން ފުރިގެން އައެވެ. މެހެރީން މަސަލަސްކުރުމަށް އެކި ވާހަކަދައްކަމުން ބޭސްއެޅުމުގެ ކުރިން ކަފައިގެންގޮސްފައި ހުރި ތަން އާރިޒް ރަނގަޅަށް ބަލައިލިއެވެ. އަދި އެތަން ކަފަކޮޅަކުން ސާފުކޮށްލިއެވެ. ބޭސްއަޅަމުން އާރިޒް ދިޔައިރުވެސް ބަހެއްނުބުނެ އެމޫނަށް ބަލަހައްޓައިގެން މެހެރީން އިނީއެވެ. އެފަދަ ގޮތަކަށް ރަޒާންއާއި އޭނާއާ ދެމެދުގައި ހިނގި ދެބަސްވުމެއް އާރިޒްއަށް ފެނުމުން މެހެރީން އިނީ ކޮންމެވެސް ވަރަކަށް ލަދުގެންފައެވެ. ރޮވެމުންދިޔައިރުވެސް ކެތްކުރެވޭތޯ އޭނާ ހިތްވަރުކުރިއެވެ. ދޭތެރަކުން އަތުގައި އަޅާ ވޭނުން މެހެރީންގެ އަނގައިން ނުކުންނަމުންދިޔަ މަޑު އާހާއެކު އާރިޒްގެ ނަޒަރު އެމޫނަށް ހުއްޓެއެވެ. ބޭސްއަޅައި ނިމުމުން ޖީނާއަތަށް ފޮށި ދެމުން ފުންނަޒަރަކުން ހިމޭންވެފައިއިން މެހެރީނަށް އާރިޒް ބަލައިލިއެވެ.
"އަހަރެންގެ ދިފާއުގަ އާޒް ތެދުވީ..؟" މެހެރީން ބުނެލިގޮތުން ހީވަނީ އޭނާ އެކަން ޔަގީންކުރަން ބޭނުންވީހެނެވެ. "އޮފްކޯރޒް މެހެރް.. އަހަރެން އަބަދުވެސް މެހެރްގެ ދިފާއުގަ ތެދުވާނަން.. އެކުވެރިން ކަންތައްކުރާނީ އެހެންނު.."
"އަހަރުމެންމީ ހަމައެކަނި އެކުވެރިންތަ.." އެސްފިޔަޖަހައިލުމެއްނެތި އާރިޒްގެ ތޫނު ދެލޮލާ ލޯ އަމާޒުކޮށްލައިގެން އިން މެހެރީންގެ ދުލުން އެހިތުގައި އެނބުރެމުންދިޔަ ސުވާލު ބޭރުވިއިރު، އޭނާއަށް އެކަން އިހުސާސުވެސް ނުވެއެވެ. މިވަގުތު މެހެރީން އިނީ އެއްޗެއް ވިސްނޭވަރަށްވުރެ ނާޒުކު ހާލެއްގައެވެ. އެސުވާލުން އާރިޒްއަށް ލިބުނީ ކުއްލި ސިހުމެކެވެ. ދޭނެ ޖަވާބެއް ނޭނގި ވައިއަޑުން އޭނާއަށް މެހެރީނަށް ގޮވައިލެވުނީއެވެ. އެއާއެކު ހިތިގޮތަކަށް ހީނލަމުން މެހެރީން އިސްޖަހައިލިއެވެ. ދެމެދަށް ވެރިވި ނުތަނަވަސްކަން ދުރުކޮށްލާނެ ގޮތެއް ދެމީހުންކުރެ އެކަކަށްވެސް ނުވިސްނުނެވެ. ހިމޭންކަން ދިގުލާން ފެށުމުން އާރިޒްއަށް އުނދަގޫވިއެވެ. ކަރުކެހިލަމުން އޭނާ ވާހަކަދައްކަން ފެށީ އެހެންވެއެވެ.
"އަހަންނަށް ނުވިސްނެނީ އެކަހަލަ މީހަކާ އެއްކޮށް މެހެރް އަދިވެސް އުޅެންވީ ސަބަބެއް.. އަދިވެސް އަމިއްލަ ނަފުސާމެދު ވިސްނާކަށް ނުވޭތަ.. ކިހާ ދުވަހެއްވަންދެން ތިގޮތުގަ މެހެރް ހުންނާނީ.." މައުޟޫ ބަދަލުކޮށްލަމުން އާރިޒް ބުނެލިއެވެ. ނޭފަށް އެތެރަށް ދަމައިލަމުން އުނގުމަތީގައި އޮތް ދެއަތް ދެއަތާ މެހެރީން މޮޑެންފެށިއެވެ.
"މިދުނިޔޭގަ އަހަރެންގެ ހުރި ހަމައެކަނި އާއިލާ އަކީ އެއީ.. ރަޒާންއާ ވަކިވެއްޖެނަމަ އަހަރެން މުޅިން އެކަނިވާނެ.." މާޔޫސީ ރާގަކަށް މެހެރީން ފައުޅުކޮށްލީ އެހިތުގައި ވަކިހިއްޕައިލައިފައިވި ބިރެވެ. އެކަނިވެރިކަމުގައި ނިމިދާން ބޭނުންވާނީ ކާކުހެއްޔެވެ.
"ތީ ތެދެއް ނޫން.. މެހެރް.. އެންމެ ފަހަރަކު ނަމަވެސް ތިވަކިތައް ދަށުން ސަލާމަތްވެ މިދުނިޔެއަށް ރަނގަޅަށް ބަލާލަބަލަ.. މެހެރްއަށްޓަކާ އެތައް ބައަކު ތިބިކަން އޭރަށް އެނގޭނެ.." މަޑުމައިތިރި ގޮތަކަށް އާރިޒް ބުންޏެވެ. ހިނދުކޮޅަކު އާރިޒްއަށް ބަލަން މެހެރީނަށް އިނދެވުނެވެ. އެވާހަކަތަކާމެދުގައި ފުންކޮށް ވިސްނައިލެވުނެވެ. ބިރުން ހުރުމަކުން ދިމާވާ ދަތިހާލަތްތަކުން ސަލާމަތްނުވާނެކަން ޔަގީނެވެ. ދިރިއުޅުމުގެ އަޑިގުޑަންތަކުން ސަލާމަތްވެވޭނީ ބިރުއެއްކިބާ ކޮށްފައި އެކަންކަމާ ކުރިމަތިލުމުންނެވެ.
"އާރިޒް ކޮއްކޯ.. ރީން ކޮއްކޮ މެންދުރުއްސުރެ އެއްވެސް އެއްޗެއް ނުކަނީ.." އެދެމީހުނަށް ބަލަން ހުރި ޖީނާ ފުރުސަތެއް ލިބުމުން އަވަސް އަވަހަށް ބުނެލިއެވެ. އެއީ ތެދެއްތޯ އަހައިލާފަދަ ގޮތަކަށް އާރިޒް ނިތްއަރުވައިލިއެވެ. ބަހެއްވެސް ނުބުނެ މެހެރީން ދުރަށް ނަޒަރު ހުއްޓައިލިގޮތުން ޖީނާ އެބުނި ވާހަކައިގެ ތެދުކަން އާރިޒްއަށް ވިސްނުނެވެ. ޖީނާ ގާތުގައި މެހެރީނަށް ކެއުން ތައްޔާރުކުރުމަށް އާރިޒް އެދުނެވެ. އެއާއެކު ދެފަރާތަކަށް ބޯހޫރައިލަމުން މެހެރީން އެކަމާ ދެކޮޅުހެދިއެވެ.
"މިހާރު އަމިއްލަ ނަފުސަށްވުރެ ބޮޑަށް މެހެރް ވިސްނަންވާނީ ބަނޑުގަ ތިއޮތް ދަރިފުޅާމެދު.. މެހެރް ކޭ އެއްޗަކުން ނޫނީ އެކުއްޖާއަށް ފައިދާއެއް ނުކުރާނެ.." އެހެން ބުނަމުން ޖީނާއާ ދިމާއަށް ބަލައިލުމަށްފަހު އާރިޒް ބޮލުން އިޝާރާތްކޮށްލިއެވެ. އާރިޒްގެ ފުށުން އިޝާރާތެއް ލިބޭނެ އިރެއްގެ އިންތިޒާރުގައި ޖީނާ ހުރިކަހަލައެވެ. އަތްމަތި އަވަސްކޮށްލަމުން މެހެރީންނަށް ކާން ތައްޔާރުކޮށްލިއެވެ. ދެންވެސް ކާންނޫޅެ އުނގުމަތީގައި ބެންޑޭޖް ކުރެވިފައިއޮތް އަތަށް ބަލަހައްޓައިގެން މެހެރީން އިނީއެވެ. ނުބުންޏަސް މެހެރީންގެ ހިތުގައި އެނބުރެމުންދިޔަ ޚިޔާލުތައް އާރިޒް ދެނެގެންފިއެވެ. ލުއި ގޮތަކަށް ހިނިތުންވެލަމުން އޭނާ އިތުރަށް މެހެރީނާ ގާތަށް ޖެހިލިއެވެ.
މުޅި އެސަރަހައްދުން ކަރަންޓް ކެނޑިގެން ދިޔައީ އެވަގުތުއެވެ. ވަށައިގެން އެކިދިމަދިމާއަށް އާރިޒްއަށް ނަޒަރު ހިންގައިލެވުނެވެ. އުއްބައްތި ހިފައިގެން އަންނާނަމޭބުނެ ޖީނާ އަވަސްވެލީ އެތަނުން ނުކުންނާށެވެ. ހުޅުވައިފައިހުރި ކުޑަދޮރުތަކުން ފުރޭނިގެން ހަނދުގެ ރިހި އަލި މުޅި ކާކޮޓަރިއަށް އެޅިފައިހުރުމުން ހިތްގައިމުގޮތެއް ހުއްޓެވެ. ޖެހެމުންދިޔަ ލުއި ވައިރޯޅިތަކާއެކު ދޮރުފޮތިތައް ހެލިލާގޮތުން އިތުރު ފުރިހަމަކަމެއް ގެނުވައެވެ.
ޖީނާ އަންނަންދެން މަޑުކުރާކަށް އާރިޒް ނުހެދިއެވެ. ތަށި އޭނާއާ ކައިރިކޮށްލަމުން އޭގެއަށް ލައިފައި އޮތް ސަމްސަލުން ބަށްކޮޅެއް ނަގައި މެހެރީންގެ އަނގައާ ކައިރިކޮށްލިއެވެ. ހައިރާންވެފައި މެހެރީން ބަލައިލިއެވެ. ހަނދުވަރުގެ އަލީގައި މެހެރީންގެ ކުޑަ މޫނުކޮޅަށްވެސްވީ ނުހަނު ހިތްގައިމު އަސަރުތަކެއް ވެރިވެފައެވެ. އެކަކު އަނެކެއްގެ ލޮލަށް ގެއްލިފައި ދެމީހުނަށް ތިބެނުވީ ކިހައި އިރަކުކަމެއް ނޭނގެއެވެ. މެހެރީން ނުކާނޭ ހީވާހައި ވަގުތުކޮޅެއް ދިއުމަށްފަހު، އަނގަހުޅުވައިލަމުން އާރިޒް ދިއްކޮށްގެން ހުރި ސަމްސަލުން އެތިކޮޅެއް އޭނާ ކައިލިއެވެ. އެއާއެކު ފަނޑު ހިނިތުންވުމެއް އާރިޒްގެ މޫނަށް ވެރިވިއެވެ. އާރިޒްގެ އޯގަތެރިކަމުން މެހެރީންގެ މުޅި ނަފުސު ވިރިގެން ފައިބާންއުޅޭފަދަ އިހުސާސެއް ކުރެވުނެވެ. ދުވަހަކުވެސް އެ ހެޔޮކަން އޭނާ ހަނދާންނުނެތޭނެއެވެ. ތުންފަތް ހަރަކާތްކޮށްލުމާއެކު މެހެރީން އާރިޒްއަށް ޝުކުރުއަދާކުރިއެވެ. މީހަކަށް އެންމެ ބޭނުންވި ދުވަހު ދެގޮތެއްނުވެ އޭނާއާ އެކުގައި ހުރެދިނީތީއެވެ. ކަރުނައިގެ ތެރެއިންވެސް މެހެރީންގެ މިލާމޯޅިވެފައިވި މޫނުމައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ.
* * * * *
"ދެން ތިވަރުން އަދިވެސް އެ މެހެރީން ގަނޑު ވަރިކުރާކަށް ނުވޭތަ.." ދަތްތައް ޖައްސާ ބާރުކޮށްލައިގެން އިން ޔާނާ އެއްސެވެ. އޭނާ ގާތުގައި އެނދުމަތީގައި އިނށީދެލައިގެން އިން ރަޒާންގެ މޫނުންވެސް ފައުޅުވަނީ ފޫހިކަމެވެ.
"ޔާނާ ހީކުރަނީ މީ ވަރަށް ފަސޭހަކަމެއް ކަމަށްތަ.. އަހަރެން ނަގާ ކޮންމެ ފިޔަވަޅެއްވެސް ނަގަން ޖެހެނީ ނުލާހިކު ވިސްނައިގެން.. މެހެރީންނަކީ ނުވިސްނޭ ގަމާރެއް ނޫނޭ.. އެހެންވީމަ އަހަރެމެން މިކުޅޭ ކުޅިވަރު ކުޑަކޮށްވެސް އޭނާއަށް ޝައްކުވާކަށް އަހަރެން ބޭނުމެއްނޫން.. ވިސްނައިގެން ކޮންމެ ކަމެއް ކުރަން ޖެހެނީ އެހެންވެ.."
"އެޔެއް ނޫން ވާގޮތަކީ.. މެހެރީން ރަޒާންގެ ދަރިއަކަށް ބަލިވެ އިނީމަ މިހާރު ދޫކޮށްލަން ބޭނުން ނުވަނީ.. މިއޮއް ހުރިހާ ދުވަހު އޭނާއަށް ބޭސްދީގެން ބަލިވެ އިނަ ނުދީފަ މިހާރު ކުއްލިއަކަށް އޭނާ ރަޒާންގެ ދަރިއަކަށް ބަލިވެ އިންނަން ޖެހުނު ސަބަބެއް އަދިވެސް އަހަންނަކަށް ނުވިސްނޭ.." ހަސަދަވެރިކަމުން ފުރިފައިވި ޔާނާގެ ދެލޯ ރަޒާނަށް އަމާޒުވެލިއެވެ. އޭނާ ހިވަނީ ހަސަދައިގެ އަލިފާނުން ވިރިގެން ގޮސްފާނެހެނެވެ. ޔާނާއަށް ބަލަން އިނދެފައި ރަޒާން ދޫކޮށްލީ ފުންނޭވާއެކެވެ.
"އަހަންނަށްވެސް ތިކަމޭ ނުވިސްނިގެން މިއުޅެނީ.. އަހަރެން ގަވައިދުން މެހެރީނަށް ނޭނގި ބޭސް ދެނިކޮށް މިހެންވާން ޖެހުނީކީއްވެކަން.. ދެން ނޭނގެ.. ބޯގޮވާވަރުވޭ.."
"ރަޒާން ދެކެ އެންމެ ފުރަތަމަ ލޯބި ވީވެސް އަހަރެން.. ތިހަޔާތަށް ކުރިން އައީވެސް އަހަރެން.. އެކަމަކު.. ރަޒާންގެ އަނތްބަށާ ދަރީގެ މަންމައަކަށް ވުމުގެ ފުރަތަމަ ލަޤަބު ލިބުނީ މެހެރީނަށް.." ހިތްދަތިގޮތަކަށް ޔާނާ ބުންޏެވެ. ދެފަރާތަކަށް ބޯހޫރައިލަމުން ގާތުގައި ރޮވިފައިއިން ޔާނާއަށް ރަޒާން ބަލައިލިއެވެ.
"ޕްލީޒް ޔާން.. ހުއްޓާލަބަލަ.. އަހަރެން ލޯބިވާ ހަމައެކަނި ކުއްޖަކީ ތީ.. މެހެރީން އެއީ ހަމައެކަނި އަހަރެންގެ ހުވަފެންތައް ހަގީގަތަކަށް ހަދަން ބޭނުންކޮށްލި މެދުވެރިއެއް.. އަހަރެންގެ ހިތުގަ މެހެރީންއަކަށްވެސް އަދި އެ ދަރިއަކަށްވެސް އެއްވެސް ކުލުނެއް ނެތޭ.. ޔާން ވިސްނަބަލަ.. މީ އަހަރެމެން ދެމީހުން ބައިވެރިވެގެން ރޭވި ރޭވުމެއްނު.. މިރޭވުން ކާމިޔާބުވާން މިހާ ކައިރިވެފަ ވަނިކޮށް ތިހެން ނުހަދާ.. އަހަރެން މި ހުރިހާ ކަމެއްވެސް މިކުރަނީ ހަމައެކަނި ޔާން އަށްޓަކާ.. ވިސްނާލަބަލަ.. މުއްސަނދި ބައްޕައެއްގެ ހުރި ހަމައެކަނި އަންހެންދަރި.. އަހަރެމެންގެ ގުޅުމަށް ނުރުހުނަސް، މެހެރީނާ އެމީހުން އެއްކޮށް ގުޅުން ކަނޑާލިއަސް، އޭނާއަށް ކަމެއްވާ ނޭދޭތީއެއްނު މި ކޮމްޕެނީ މެހެރީންގެ ނަމަށް އެމީހުން ބަދަލުކޮށްދިނީ.. އަހަރެމެންގެ ހަގީގީ ގޯލަށް ވިސްނަބަލަ.. މެހެރީން އަތުން މިހުރިހާ މުދަލެއް ޖަހާގަނެވުނީމައެއްނު މާދަން ވެސް އަހަރެމެން ދެމީހުނަށް އުފަލުން އުޅެވޭނީ.. ވިސްނަބަލަ ޔާން.. ޔާން އެއްނު ބުނީ އެންމެ ގާތް އެކުވެރިޔާއަސް މެހެރީންދެކެ ނަފުރަތު ކުރެވެއޭ.. ހުރިހާ ކަމަކުން އަބަދުވެސް ކުރި ހޯދަނީ މެހެރީންއޭ.. މީ ޔާންގެ ފުރުސަތު.. އޭނާގެ ކިބައިން ބަދަލުހިފާކަށް ބޭނުމެއްނޫންތަ.. އަމިއްލަ ގެދޮރެއް މުދަލެއް ނެތް ނިކަމެއްޗަކު ފަދައިން މަގުމަތީ އެދަރިއާވެގެން ތެޅޭތަން ބަލާލާކަށް ބޭނުންނުވޭތަ.. ބުނެބަލަ ޔާން.." ޔާނާގެ އިސްއުފުލާ އެދެލޮލާ ސީދާކޮށްލަމުން ރަޒާން ބުނެލީ މަކަރުވެރި ގޮތަކަށެވެ. އޭނާގެ ބޭނުމަކީ ޔާނާގެ ވިސްނުމާ ކުޅެލުމެވެ. ޔާނާގެ ދެލޮލުން ފައުޅުވެލި އާދަޔާ ޚިލާފު ކުލަވަރުން ރަޒާންގެ ބޭނުން އޭނާއަށް ރަނގަޅަށްވެސް ހާސިލްވެއްޖެކަން ގައިމެވެ.
(ނުނިމޭ)