ވާހަކަ

މަގޭ ހާލު ބުނެދެން މިތުރާއޭ... (ފަންސަވީސްވަނަ ބައި)

ނައުފާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
މަގޭ ހާލު ބުނެދެން މިތުރާއޭ... (ޓްރެއިލާރ) މަގޭ ހާލު ބުނެދެން މިތުރާއޭ... (އެއްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ދެވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ތިންވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ހަތަރުވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ފަސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ހަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ހަތްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އަށްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ނުވަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ދިހަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އެގާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ބާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ތޭރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސާދަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ފަނަރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސޯޅަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސަތާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އަށާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ނަވާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ވިހިވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އެކާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ބާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ތޭވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސައުވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ފަންސަވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސައްބީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ހަތާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އަށާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ނަވާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ފަހުބައި)

ހިތްހަމަޖެހޭވަރަށް ބޭނުންވާ ސާމާނުތައް ގަނެގެން ފިހާރައިން މެހެރީން ނުކުތެވެ. އޭނާގެ ފަހަތުން ކަހަލަ ގޮތަކަށް ކޮތަޅުތަކުގައި ހިފައިގެންހުރެ ޖީނާ ވެސް ނުކުތެވެ. ދެމީހުންގެ މޫނުންވެސް ފައުޅުވަމުން ދިޔައީ ހިތްހަމަޖެހުމުގެ ކުލަވަރެވެ. މިއަދަށްދެން ނިމުނީކަމުގައި ބުނަމުން މެހެރީން އުޅުނީ އެއްފަރާތުގައި ޕާރކް ކޮށްފައި އޮތް އޭނާގެ ކާރަށް އަރާށެވެ. ނަމަވެސް އެވަގުތު ފެނުނު މަންޒަރުން އޭނާ އަށް ލިބުނީ ކުއްލި ސިހުމެކެވެ. ކުރިމަތީގައި ހުރި ހޮޓެލަށް އޭނާގެ ނަޒަރު ހުއްޓިފައިވީއިރު، އޭނާއަށް ބެލެމުން ދިޔައީ އަތުގުޅުވައިލައިގެން ދެލޯބިވެރިން ފަދައިން އެތަނަށް ވަދެގެންދިޔަ ރަޒާން އާއި ޔާނާ އަށެވެ. ކާރަށް އަރަން ހުޅުވައިލި ދޮރު ލައްޕައިލުމާއެކު އެ ހޮޓެލާ ދިމާއަށް މެހެރީން ހިނގައިގަތެވެ. ފެނުނު މަންޒަރު އަދިވެސް ޔަގީންކުރަން ބޭނުންވެފައި ވީވަރުންނެވެ.

Ads by Sosun Fihaara

"ކޮއްކޯ" މެހެރީން ހޮޓެލާ ދިމާއަށް މިސްރާބުޖެހުމުން ކަންބޮޑުވެފައި ހުރެ ޖީނާ ގޮވައިލިއެވެ. މެހެރީނަށް ފެނުނު މަންޒަރު އޭނާއަށްވެސް ނުހަނު ސާފުކޮށް ފެނިއްޖެއެވެ. ހާސްވީ އެހެންވެއެވެ. މެހެރީން އިން ހާލާމެދު ވިސްނައިލައިފައެވެ. އެފަދަ ހިތާމައެއް އެދަނޑިވަޅު މެހެރީނަށް އުފުލިދާނެ ކަމާމެދު އޭނާ ސުވާލުއުފެދުނީއެވެ. ދިމާވާ ކަމެއްގެ ސަބަބުން މެހެރީނަށް ވެސް އަދި އޭނާގެ ބަނޑުގައިވި ތުއްތު ދަރިފުޅަށް ވެސް އެއްވެސް ގެއްލުމެއް ވާކަށް ޖީނާ ނޭދެއެވެ. މެހެރީން ހުއްޓުވަން އޭނާ އުޅުނީ އެހުރިހާ ކަމަކާމެދުގައި ވިސްނައިފައެވެ. ނަމަވެސް މެހެރީން ހުރީ ޖީނާގެ ވާހަކަ އަޑުއަހާފަދަ ހާލަތެއްގައެއް ނޫނެވެ. އޭނާ ބޭނުންވީ އޭނާގެ ހިތުގައި ހިނގައި ޝައްކުގެ އޮއެވަރު ޔަގީންކުރާށެވެ. ރަޒާން އާއި ޔާނާ އާއި މެދުގައިވީ އޭނާއަށް ހީވަމުންދިޔަ ފަދަ ގުޅުމެއްތޯ ބަލާށެވެ. އެންމެ ސުކުންތުކޮޅެއްވެސް މަޑުކޮށްލުމެއްނެތި ހަލުވި ފިޔަވަޅުތަކެއްގައި މެހެރީން އައިސް އެ ހޮޓެލް ކުރިމަތީގައި މަޑުކޮށްލިއެވެ. ފަހަތުން އައިސް ޖީނާ ވެސް އޭނާ ގާތުގައި ހުއްޓުނެވެ. އޭރު ދެމީހުންގެ ނަޒަރު އަމާޒުވެފައި ހުރީ ހޮޓެލަށް ވަންނަންހުރި މައި ދޮރާދިމާއަށެވެ.

* * * * *

އަތުކުރީގައި އޮތް ގަޑިއަށް އާރިޒްއަށް ބަލައިލެވުނީ ކިތައް ފަހަރުކަމެއް ޚުދު އޭނާއަށް ވެސް ނޭނގެއެވެ. އިރުއިރުކޮޅުން ކެތްތެރިކަން ކުޑަވެފައިވި އޭނާގެ ނަޒަރު ގަޑިއަށް ހުއްޓެއެވެ. މެހެރީން ގާތު އަންނަން ބުނި ވަގުތު ފަހަނައަޅައި ދިޔައީއެވެ. ނަމަވެސް އަދިވެސް އޭނާގެ ޚަބަރެއް ނުވެއެވެ. އާރިޒް އުޅެމުންދިޔަ ގޮތް ފެނި މެހެރީންގެ ޚަބަރެއް ބަލައިލުމަށް އާމިރު ޖީނާއަށް ވެސް ގުޅިއެވެ. ނަމަވެސް ރިންގް ވެފައި ކެނޑެނީއެވެ. ސެޝަން ގަޑި ޖެހުނު އިރުވެސް މެހެރީން ނައީތީ އާރިޒްގެ ހިތަށް ތަދުވެލިއެވެ. އެންމެ ފަހު ސުކުންތާ ޖެހެންދެން އޭނާ މެހެރީނަށް އިންތިޒާރުކުރިއެވެ. ނަމަވެސް އޭނާގެ ތެރެޕިސްޓް އެތެރަށް ވަންނަން އެދުމުން ބަލިގަބޫލުކުރި މީހަކު ފަދައިން ފުންނޭވާއެއް ދޫކޮށްލަމުން އާރިޒް އެކޮޓަރިއާ ދިމާއަށް ގޮނޑި ދުއްވައިލިއެވެ. މާޔޫސްވެފައި ހުރި އާމިރުވެސް އާރިޒްގެ ފަހަތުން އައިސް ވަނެވެ. މެހެރީން އަންނާނެކަމަށް ޔަގީންކޮށް އާރިޒްގެ ދެލޮލުގައިވި ވިދުން އޭނާ ނުހަނު ގާތުން ދުއްޓެވެ. އެހެނަސް ފިޒިއޮތެރެޕީ ހަދާ ކޮޓަރިތެރަށް ވަދެގެންދިޔަ އާރިޒްގެ މޫނުގައި އިހު ހުރި ހިނިތުންވުމާއި އެދެލޮލުގައިވި ވިދުން ފަނޑުވެފައިވިއެވެ. އާރިޒް އަށްޓަކައި ދެރަވި ނަމަވެސް މިވަގުތު ވަކި އޭނާއަށް ވެސް ކޮށްދެވޭނެ ކަމެއް ނެތެވެ. އިތުރު އެއްޗެކޭ އާމިރު ނުބުނީ އެހެންވެއެވެ.

އެކި ގޮތްގޮތަށް އާރިޒް ބެލުމަށްފަހު އޭނާ މުޅިން ރަނގަޅުވެއްޖެ ކަމުގެ އުފާވެރި ޚަބަރު ތެރެޕިސްޓް ދިނެވެ. އެވަގުތު ހިނދުކޮޅަކަށް އާރިޒްގެ ތުންފަތް ދެފަރާތަށް ދެމިލަން އުޅުނެވެ. އެހެނަސް މެހެރީން މަތިން ހަނދާންވެފައި އޭނާއަށް ތުންފިއްތައިލަމުން އިސްޖަހައިލެވުނެވެ. އޭނާއަށް ވަޢުދުވުމަށްފަހު މެހެރީން ނައީތީ އާރިޒްގެ ހިތުގައި ކޮންމެވެސް ވަރަކަށް ޝަކުވާ އުފެދޭ ގޮތްވިއެވެ.

އާރިޒްއަށް ދޭންވާ އެތައް އިރުޝާދުތަކެއް ދިނުމަށްފަހު ގޮނޑިން މަޑުމަޑުން ތެދުވުމަށް ބުނެލިއެވެ. ރަނގަޅުވީ ނަމަވެސް އަދިވެސް އާރިޒްގެ ފައި ކޮންމެވެސް ވަރަކަށް ބަލިކަށިވީތީ ތެރެޕިސްޓް އެދުނީ އަސާގަނޑެއްގެ އެހީގައި ކުޑަދުވަސްކޮޅެއް ވަންދެން ހިނގައި އުޅުމަށެވެ. ބޯޖަހައިލި އާރިޒްގެ ހަރަކާތްތަކަށް ބަލަން އާމިރު ހުރީ ހިނިއައިސްފައެވެ. އެމީހުނާ އެކުގައި އެހައި ދުވަހު އާރިޒް އުޅުނީތީ އޭނާގެ ހިތުގައި އާރިޒްއަށްވީ ޚާއްސަކަމެއް ދެވިފައެވެ. ވަކިން ބޮޑަށް އާރިޒްގެ އެހުންނަ މަޑުމައިތިރި މިޒާޖާ ރިވެތި އަޚުލާގު އޭނާއަށް ނުހަނު ކަމުދެއެވެ.

* * * * *

އެތެރަށް ވަންނާކަށް މެހެރީން ގަސްދެއް ނުކުރެއެވެ. އެތާ ދޮރުމަތީގައި އެމީހުންގެ އިންތިޒާރުގައި ހުންނާނީކަމަށް މެހެރީން ބުނެލީ އެހެންވެއެވެ. ބަހެއް ބުނުމެއްނެތި ޖީނާ ހަމައެކަނި ބޯޖަހައިލީއެވެ. މިވަގުތު ކޮންމެ އެއްޗެއް ބުނި ނަމަވެސް މެހެރީން ގަބޫލުނުކުރާނެކަން އޭނާއަށް ވިސްނުނީއެވެ.

އެތާކުރިމަތީގައި ގަޑިއެއްހާއިރު އެމީހުނަށް މަޑުކުރަން ޖެހުނެވެ. ނަމަވެސް އިންތަނުން ގުޑިލާންވެސް މެހެރީން ބޭނުމެއްނުވިއެވެ. ކިތަންމެ ގިނައިރެއްވިއަސް އެތަނުން އޭނާ ދާނީ ހުރިހާ ހަގީގަތެއް ހޯދައިފައެވެ.

ހެވިފައިތިބެ އެދިމާއަށް އައި ރަޒާން އާއި ޔާނާ ލޮލުގައި އަޅައިގަތުމާއެކު މެހެރީންގެ ހަށިގަނޑަށް ފާޑެއްގެ ހަރުކަށިކަމެއް ވެރިވިއެވެ. ފުންނަޒަރަކުން އެދެމީހުންގެ ހަރަކާތްތަކަށް އޭނާ ބަލައިލީ ކަމެއް ދެނެގަންނަން ބޭނުންވެފައި ހުރި މީހަކު ފަދައިންނެވެ. ވަކި ހިސާބަކަށް އައުމަށްފަހު ޔާނާގެ އުނަގަނޑުގައި ހިފައި ގަޔައި ކައިރިކޮށްލަމުން ނުހަނު ލޯބިން އޭނާގެ ކޯތާފަތާއި ނިތުގައި ރަޒާން ބޮސްދިނެވެ. އަދި ބައްދައިލަމުން ޔާނާއަށް ބަލައިލުމަށްފަހު ހިނިތުންވެލިއެވެ. އެމަންޒަރުން މެހެރީނަށް ހީވީ އޭނާގެ ވަށައިގެންވި ދުނިޔެ އެނބުރިގަތް ހެނެވެ. ފައިދަށުން ބިންގަނޑު ދެމިގެންދިޔަފަދަ އިހުސާސެއް އޭނާއަށް ކުރެވުނެވެ. މިއޮއް ހުރިހައި ދުވަހު އޭނާއަށް އުޅެވުނީ އޮޅުވައިލުމެއްގެ ތެރޭގައިކަން ހިނދުކޮޅެއްގެ ތެރޭ ސިކުނޑި ވިސްނައިދެން ފެށިއެވެ. ރަޒާންގެ އުޅުމަށް އެހައި ބޮޑު ބަދަލުތަކެއް އައި އިރުވެސް އެއީ އެފަދަ ކަމެއްގެ ސަބަބުން އައިސްފާނެ ބަދަލެއްކަން މެހެރީންއަށް ނުވިސްނުނީ ކީއްވެހެއްޔެވެ. އަބަދުވެސް ރަޒާންގެ އަނިޔާތަކުގައި މެހެރީނަށް ކުށްވެރިކުރެވުނީ އަމިއްލަ ނަފުސެވެ. އެއީ އޭނާގެ ސަބަބުން ވާކަމެއްކަމުގައި ހީވިއެވެ. ދިރިއުޅުން އެހައިވަރުން ސަލާމަތްކުރަން އޭނާ މަސައްކަތްކުރި އެންމެ ބޮޑު އެއްސަބަބަކީވެސް އެއީއެވެ.

މިއަދު މެހެރީނަށް އިހުސާސުކުރެވެމުން ދިޔައީ މުޅިން ތަފާތު ގޮތަކަށެވެ. ކައިވެނި ސަލާމަތްކުރަން ބޭނުންވީ ހަމައެކަނި އޭނާ ކަމެވެ. އެކަމަށްއެދި ހިތްވަރުކުރީވެސް ހަމައެކަނި އޭނާއެވެ. ރަޒާންގެ ފުށުން އޭނާއަށް އެއްވެސް އެއްބާރުލުމެއް ނުލިބުނީ އެކައިވެނި އޭނާއަށް މުހިންމުނުވީތީއެވެ. ރަޒާން ދެއްކީ ހަގީގަތެއްނެތް ދަޅަތަކެކެވެ. ސައިބޯނި ބޮކިތަކެއްފަދައިން ރީތި ކުލަތަކެއް ދައްކައިލުމަށްފަހު ހިނދުކޮޅެއްގެ ތެރޭގައި ވައިގެތެރަށް ވިރިގެންދިޔައީއެވެ. ނުވިސްނުނީ މެހެރީނަށެވެ. ރަޒާންދެކެ ވެވުނު ލޯބީގައި އޭނާގެ ދެލޯ ކަނުވީއެވެ. އިތުބާރުކުރެވުނީ އެންމެ ބޮޑަށެވެ. ނަމަވެސް މިއަދު އޭނާގެ ދެލޯ ހުޅުވިއްޖެއެވެ. ދެން އެންމެ ހިނދުކޮޅެއްވެސް ރަޒާންގެ އެކުޅިވަރު ބަލަން ހުންނާކަށް އޭނާ ބޭނުމެއް ނުވެއެވެ.

ހޮޓެލްގެ ދޮރާ ކުރިމަތިވާނޭހެން ހަށަންބަނދެލަމުން މެހެރީން ހުއްޓުނެވެ. ހީނސަމާސަ ކުރަމުން ބޭރަށް ނުކުންނަން އައި ރަޒާން އާއި ޔާނާއަށް މެހެރީން ފެނުނީ އެވަގުތުއެވެ. ލިބުނު ސިހުމުގައި ތެޅިގަނެފައި ރަޒާންއަށް ކުއްލިއަކަށް ޔާނާ ގަޔާ ދުރުކޮށްލެވުނެވެ. ރަޒާންގެ ހަރަކާތުން ހުއްޓުންއަރައިފައި ހުރި ޔާނާއަށް ވެސް ލިބުނީ ސިހުމެވެ. ހިތްހަމަނުޖެހިފައި އޭނާ ރަޒާންއަށް ބަލައިލިއެވެ.

"ރީން.. މި.. މިތާނގަ.. ކި.. ކީއް.." ވާހަކަދެއްކުން ރަޒާންއަށްވީ ދަތިކަމަކަށެވެ. ބުނާނެ އެއްޗެއް ނުވިސްނި އޭނާ އަނގައޮޅޭގޮތް ވިއެވެ. ޔާނާ އިތުރަށް ހިތްހަމަނުޖެހުނު ކަމަކަށް އެކަންވިއެވެ. މެހެރީން ފެނުމުން ރަޒާން ޖެހިލުންވެއްޖެކަން އެނގުމުންނެވެ.

"ވަރަށް ހައިރާންވެއްޖެ ދޯ. ބުނެއެއްނު ވަގަކަށް ހާސްދުވަހޭ.. ވެރިއަކަށް އެއް ދުވަހޭ.. މިއަދު މިއޮތީ އަހަރެންގެ ފަސްފަހަތުން ރަޒާން ތިކުޅޭ ކުޅިވަރު ފަޅާއަރާފަ.. އަހަރެން ކުޑަކޮށްވެސް ހިއެއްނުކުރަން ރަޒާން ތިފަދަކަމެއް ކޮށްފާނެ ކަމަކަށް.. އަދި އެ ވެސް އަހަރެންގެ އެންމެ ގާތް އެކުވެރިޔާއާ އެއްކޮށް.. ޔާން.. ހައު ކުޑް ޔޫ.. އަހަރެން މި އިން ހާލާ މެދުވެސް ތިދެމީހުން ވިސްނާނުލި" މެހެރީންގެ އަޑުގައި ހިތާމައާ އެއްވަރަށް ނަފުރަތު ވެސް ވިއެވެ. އެވާހަކަތައް އަހައިފައި ދެފަރާތަކަށް ބޯހޫރައިލަމުން ރަޒާން އުޅުނީ މެހެރީނާ ގާތަށް ޖެހިލުމަށެވެ. ނަމަވެސް އޭނާގެ މަގުސަދަށް ހުރަސްއެޅީ ޖީނާ އެވެ. މެހެރީނާ ގާތްވެލުމާއެކު ރުޅިއައިސްފައި ރަޒާންގެ މޫނަށް އޭނާ ބަލައިލިއެވެ.

"ޕްލީޒް ރީން.. ވާހަކަދައްކާނީ މިތާނގައެއް ނޫން.. މީ ތިހީކުރާކަހަލަ ކަމެއް ނޫނޭ.. އަހަންނާ ޔާނާއާ ދެމެދު އެކަހަލަ އެއްވެސް ގުޅުމެއް ނޯންނާނެ.. އަހަރެންގެ ލޯބި އަނތްބަކު ހުއްޓަ ކީއްކުރަން އެހެން އަންހެނެއް ފަހަތުން ދާންވީ.. އަހަރެން މިދައްކާ ވާހަކަ ގަބޫލުކޮށްބަލަ.. ޔާނާ އެއީ އަހަންނަށް އެއްވެސް މުހިންމު މީހެއް ނޫން.. އަހަރެންގެ ހުރިހާވެސް މީހަކީ ހަމައެކަނި ރީން" ހުރިހާ ހަގީގަތެއް ކުރިމަތީގައި ސާފުކޮށް ފެންނަން އޮތްއިރުވެސް ރަޒާން ބެލީ އަދިވެސް މެހެރީނަށް އޮޅުވައިލެވޭތޯއެވެ.

"ވަޓް.." އެއްޗެއް ބުނަން މެހެރީން ހުޅުވައިލި އަނގަ ލައްޕައިލީ ރުޅިއައިސްފައި ރަޒާންގެ މޭގައި ތަޅައިގަންނަމުން ޔާނާ ހަޅޭއްލަވައިގަތް އަޑަށެވެ.

"ރަޒާންއަށް ދޮގު ހަދަން ހާދަ ފަސޭހައޭ ދޯ.. އަހަރެންމީ އެއްވެސް މީހެއް ނޫނޭ.. ރަޒާންގެ ބޭނުން ފުދުނީމަ އަހަރެން މިއަދު މުހިންމު މީހަކަށްވެސް ނުވީ އެހެންނު.. އެކަމަކު ބުނަން.. އަހަންނަށް ދެން އިތުރަށް މި ޑްރާމާއެއް ނުކުޅެވޭނެ.. ލައްކަ ދުވަހު އަހަރެން ކެތްކޮށްފިން.. މެހެރީންގެ މުދާގަނޑެއް އަހަރެން ދެން ބޭނުމެއްނޫން.. އުމުރުން ކިހާ ދުވަހެއް މިކަމާހުރެ ބޭކާރުވެ މިދަނީ.. އަހަރެން ވެސް ބޭނުމީ ދިރިއުޅުމެއް ފަށައިގެން އުފަލުން އުޅެން.. އަހަރެން ހިތްހަމަޖެހޭވަރަށް މެހެރީނަށް އަނިޔާދެވިއްޖެ.. އިތުރަށް މެހެރީނަށް އޮޅުވައިލުމުގެ ބޭނުމެއް ނެތެއްނު.. ހަގީގަތް މިއޮތީ ކުރިމަތީ.. އެހެންވީމަ މިހާރުން މިހާރަށް ރަޒާން މެހެރީން ވަރިކުރޭ.. މި ބުނީނު ވަރިކުރާށޭ.. ރަޒާނަށް އަޑެއް ނީވޭތަ.. ވަރިކުރާށޭ!!" ރަޒާންގެ ބަސްތަކުން އައި ރުޅިއަށްވުރެ ބޮޑަށް ޔާނާ ހިތުޖެހުނީއެވެ. އޭނާ އެންމެ ނުރުހޭ މީހާގެ ކުރިމަތީގައި ރަޒާންގެ ދިރިއުޅުމުގައި އޭނާގެ އެއްވެސް އަގެއްނެތޭ ބުނީތީ އެކަން ޔާނާއަށް ހަޖަމުނުވީއެވެ. އޭނާގެ ދިފާއުގައި ވާހަކަދެއްކުމުގެ ބަދަލު ރަޒާން މެހެރީން އިސްކުރީތީ އެކަން ބަލައިގަންނަން ދަތިވީއެވެ. އެމީހުން ރޭވި އެއްވެސް ކަމެއް އެހިނދުކޮޅު ޔާނާއަށް މުހިންމެއް ނުވިއެވެ. ޔާނާ ބޭނުންވީ އޭނާއަކީ ރަޒާނަށް ކިހައި މުހިންމު މީހެއްކަން މެހެރީނަށް އަންގާށެވެ.

"އޭތް.. ކަލޭ މައިތިރިވެގެން ހުރެބަލަ.." ޔާނާގެ ވާހަކަތަކުން ރުޅި އައިސްފައި ރަޒާން ދަތްކުނޑި ވިކައިގަތެވެ. އޭނާގެ ޕްލޭން ކާމިޔާބުވާން އެހައި ކައިރިވެފައި ވަނިކޮށް ޔާނާގެ ސަބަބުން އެކަން އަތުން ގެއްލިގެންދާކަށް ރަޒާނަކަށް ނުރުހެވޭނެއެވެ. އޭނާގެ ހުރިހައިވެސް ބޭނުމަކީ މެހެރީންގެ މުއްސަނދިކަން މިލްކު ކުރުމެވެ. އެކަން ހާސިލްކުރުމަށް ޔާނާގެ ހިތް ހަލާކުކޮށްލަން ޖެހުނަސް އޭނާއަށް ހެވެވެ. އެފަދަ ކިތަންމެ ޔާނާއެއް އޭނާއަށް ލިބިދާނެއެވެ.

"އަހަރެންގެ މުދާގަނޑޭ.." ހައިރާންވެފައި ދެލޯބޮޑުކޮށްލަމުން މެހެރީން ބުނެލިއެވެ. އޭނާގެ އަޑަށް ޔާނާ އާއި ރަޒާންގެ ނަޒަރު މެހެރީނަށް ހުއްޓުނެވެ. އިވެމުންދިޔަ ވާހަކަތައް ގަބޫލުކުރަން ދަތިވެފައި މެހެރީން ހުއްޓެވެ. ރަޒާން އޭނާއަށް އޮޅުވައިލައިފައިވީ ހީވެސްނުކުރާފަދަ ދަރަޖައަކަށްކަން މިއެނގުނީ އަދި ކިރިޔާއެވެ.

"މިހުރިހާ ކަމަކީވެސް ޕްލޭނެއް ދޯ.. އަހަރެންނާ ބައްދަލުވުމާ، އަހަރެންނަށް ލޯބި ހުށައަޅާ ތިލޯބީގައި ދީވާނާ ކޮށްލުމާ، އަހަރެންގެ ސިކުނޑިއާކުޅެ އަހަރެންގެ މުޅި އާއިލާއާ ވަކިކޮށް ދުރަށް ގެނައުމާ.. މީ ހުސްވެސް ރަޒާންގެ މޮޅެތި ރޭވުން ދޯ.. ހަމައެކަނި ފައިސާއަށްޓަކާތަ ރަޒާން.. އަހަންނަށް ތިހާބޮޑު ނިކަމެތިކަމެއް ދިން އިރު ރަޒާންގެ ހިތަށް އެއްވެސް އެއްޗެއް ނޭރިތަ.. ފައިސާ ބޭނުންވާ ވާހަކަ ރީތިކޮށް ބުނި ނަމަ.. އަހަރެންގެ އިހުސާސުތަކާ ތިގޮތަށް ކުޅުނީ ކީއްވެ.. އަހަރެންގެ ކޮން ކުށެއް އޮވެގެން.. ރަޒާންއަށްޓަކާ އަހަރެން ނުކުރަނީ ކޮންކަމެއް.. އެދުނު ކޮންމެ އެދުމެއް ފުއްދަދިނިން.. އެކަމަކު އޭގެ ބަދަލުގަ އަހަންނަށް ލިބުނީ ކޯއްޗެއް.. ހިތާމައާ، އެކަނިވެރިކަމާ، އަނިޔާނޫން އެއްވެސް އެއްޗެއް ބަދަލުގަ ރަޒާން އަހަންނަށް ނުދޭ.. ދެން މިހުރީ އެންމެ ކުޑައިރުންސުރެ ދެގޮތެއްނުވެ އަހަރެންނާ އެކުގައި ވާނެކަމަށް އުއްމީދުކުރި އަހަރެންގެ އެންމެ ގާތް އެކުވެރިޔާ.. ޔާނާ އެކުވެރިކަން މާނަކުރަނީ ތިގޮތައްތަ.. ޔާނާއަށް ދިމާވި ކޮންމެ ކަމެއްގަ އަބަދުވެސް އެންމެ ގާތުގަ އަހަރެން ހުރެދިނިން.. އެކުވެރިއެއް ގޮތުގަ އަހަރެން ފެއިލް ނުވާކަން ޔަގީން.. އެކަމަކު ޔާން.. ކީއްވެ.. އަހަރެންގެ ހިތްދަތި ދިރިއުޅުން އެނގިހުރެ.. ކީއްވެ އަހަންނަށް ތިހެން ހެދީ.. މިވަރުގެ އޮޅުވާލުމެއް.. ކީއްވެ ޔާން.. ބުނެބަލަ.." ދެމީހުނަށް ބަލަމުން މެހެރީން ވާހަކަދެއްކިއެވެ. އޭރު ހޫނު ކަރުނުން އޭނާގެ ކޯތާފަތްވީ ތެމިފައެވެ. ރަޒާންގެ ބޭވަފާތެރިކަމުން ހިތަށް ކުރި އަސަރަށްވުރެ އޭނާ އެންމެ އިތުބާރުކުރާ އެކުވެރިޔާގެ ބޭވަފާތެރިކަމުން އެހިތަށް ކުރުވި އަސަރު ފުނެވެ.

"އައްޗީޑި.. އެކުވެރިންނޭ.. އަހަރެމެން ދެމީހުންގެ އެކުވެރިކަން ކެނޑުނުތާ ކޮން ދުވަހެއް.. އަހަންނަށް ލިބެން އޮންނަ ކޮންމެ މޮޅަކަށް މެހެރީން ހުރަސްއަޅާން ފެށި ދުވަހުން ފެށިގެން މިއެކުވެރިކަން ނިމިއްޖެ.. ސްކޫލްގަވެސް ހުރިހާ ރީތި ނަމެއް ލިބެނީ މެހެރީނަށް.. އަހަރެން ކުރާ ހުރިހާ މަސައްކަތެއް ދަނީ ފެނަށްވެގެން.. އެއްވެސް ޓީޗަރަކަށްވެސް އަހަރެންގެ މޮޅުކަމެއް ނުފެނޭ.. އެހެންނުވާނީ.. އަލިގަދަ ތަރިއެއް ގޮތަށް ވިދާތީ އެމީހުނަށް ފެންނަނީ މެހެރީން އެކަނި.. އެކުވެރިން އެގޮތަށް ކަންތަކެއް ނުކުރާނެ.. ހުރިހާ އުފަލަކާ މޮޅެއް ލިބެނީ މެހެރީނަށް.. އެކަން ބަލައިގަންނަން އަހަންނަށް އުނދަގޫވީ.. ތި ދިރިއުޅުމަށް ވިހަލާން ބޭނުންވީ އެހެންވެ.. މިއަދު ބަލާބަލަ.. މެހެރީން ތިހުރީ އަހަންނަށްވުރެވެސް ނިކަމެތި ހާލެއްގަ.. އާއިލާއެއް ހުރެމެ ދުނިޔެއިން މުޅީން އެކަނިވެރިވެފަ.. ކުޑަމިނުން ބަނޑުގަ ތިއޮތް ދަރިފުޅު ވެސް އުފަންވުމުގެ ކުރިން ބައްޕަ ގެއްލި އާއިލާ ރޫޅޭ ހިސާބަށް ގޮއްސަ.. ކޮބާތަ އެދުވަހު ހޯދި ކާމިޔާބީތަކުން ލިބުނު މޮޅެއް.. އަހަންނަށް ނުލިބުނު އުފަލެއް ވަކި މެހެރީނަށްވެސް ލިބޭކަށް ބޭނުމެއްނޫން.." މަލާމާތުގެ ރާގަކަށް ޔާނާ ބުނެލިއެވެ.

"އަހަރެން ސްކޫލް ދުވަސްވަރު މޮޅަށް ކިޔެވީ އަހަރެންގެ މުސްތަޤްބަލަށްޓަކާ.. އެއީ ވަކި މީހަކަށް ދެރައެއްދޭން ކުރިކަމެއް ނޫން.. އެފަދަ އެއްވެސް ގަސްދެއް އަހަރެންގެ ނެތް.. އެކަމަކު.. މިއަދު އަހަންނަށް ވިސްނިއްޖެ އަހަރެންގެ ކާމިޔާބީތަކަށް އުފާވުމުގެ ބަދަލުގަ ޔާނާ ހަސަދަވެރިވެއްޖެކަން.. އެންމެ ގާތްކޮށް ދެކޭ މީހާވެސް ދިރިއުޅުމަށް ވިހަލައިފާނެކަން.. އެއްވެސް މީހަކަށް ދެލޯ މަރާފަ އިތުބާރުކުރާކަށް ނުވާނެކަން.. ރަޒާން އާއި ޔާނާ އަހަންނަށް ތިދަސްކޮށްދިން ފިލާވަޅަށް ވަރަށް ބޮޑަށް ޝުކުރިއްޔާ.. ދުވަހަކުވެސް ތިކަން އަހަރެންގެ ހިތުން ފިލާގެން ނުދާނެ.." އިތުރަށް އެމީހުނާ ޖަދަލުކުރާކަށް މެހެރީން ބޭނުމެއް ނުވިއެވެ. އެމީހުނާ ވާހަކަދައްކައިގެން ކަންކަން އޮޅުންފިލުވާކަށްވެސް އޭނާ ބޭނުމެއްނުވެއެވެ. ދިރިއުޅުމުގެ އަގުހުރި ވަގުތުތަކެއް އެފަދަ ބޭވަފާތެރިންނަށްޓަކައި ބޭކާރުކުރަނީ ކީއްކުރަން ހެއްޔެވެ. ލޮލުން ފައިބަމުންދިޔަ ކަރުނަތައް އަތުގެ ނުފުށުން ފުހެލަމުން އެތަނުން ދިއުމަށް މެހެރީން އެނބުރުނެވެ. އެވަގުތު ޔާނާ ދުރަށް ޖައްސައިލަމުން ކުރިއަށް ޖެހިލައި ނުހަނު ލޯބިން މެހެރީންގެ ނަމުން ރަޒާން ގޮވައިލިއެވެ. އަދިވެސް މެހެރީންގެ ވިސްނުމާ ކުޅެލަން އޭނާ ފައިވިއްދާފައި ހުރިކަހަލައެވެ.

"ސްޓޮޕް އިޓް ރަޒާން.. އިތުރަށް ތިބޭކާރު އެކްޓް ތައް ކުރުމުގެ ބޭނުމެއް ނެތް.. މާދަމާ އިރުއަރަން ވާއިރަށް އަހަރެންގެ ގެއިން ރަޒާން ނުކުންނަން ޖެހޭނެ.. ތީ މިހާރު އަހަންނާ އެއްވެސް ގުޅުމެއްހުރި މީހެއް ނޫން.. ވީ އެންމެ އަވަހަކަށް ރަޒާން ގާތުން ވަރިވާން އަހަރެން ނިންމައިފިން.." ފަސްއެނބުރި ބަލައިލުމެއްނެތި އެހެން ބުނެލުމަށްފަހު މަގުގެ އަނެއް ފަރާތުގައި އޮތް ކާރާ ދިމާއަށް މެހެރީން ހިނގައިގަތެވެ. ދެފަރާތަށް ބޯހޫރައިލަމުން މެހެރީންގެ ފަހަތުން ހިނގައިގަންނަން ރަޒާން އުޅުނެވެ. ނަމަވެސް އޭނާ ހުއްޓުވަމުން ބޯވައެއްހެން އޭނާގެ ގައިގައި ޔާނާ ތަތްކޮށްލިއެވެ. ރުޅިގަދަވެގެން ގޮސް ރަޒާން އަށް ކިޔޭ ނުކިޔޭ އެއްޗެއް ވެސް ވަކިނުވެއެވެ. ނަމަވެސް އެއިން ކަމަކަށް ޔާނާގެ ސަމާލުކަމެއް ނެތެވެ. އޭނާ ބޭނުންވީ މެހެރީން ގާތަށް ރަޒާން ދިއުން ހުއްޓުވާށެވެ.

ކާރާ ހަމައަށް ނުދެވެނީސް މެހެރީންގެ ބޮލުގައި ކުއްލި ކުއްލިއަށް ރިއްސަން ފެށިއެވެ. އިވުނު ވާހަކަތައް ސިކުނޑީގައި ބުރުޖަހަމުން ދިޔައިރު އޭނާގެ ބޮލަށްވެސް އެނބުރުން އަރަން ފަށައިފިއެވެ. ހިނގުން ދަތިވެ ކޮންމެ ފިޔަވަޅެއް އޭނާ އަށް އެޅެމުންދިޔައީ ލަސްލަހުންނެވެ. މަގުގެ މެދަކަށް ދެވުނުތަނާ ކުއްލިއަކަށް ބަނޑަށް އިހުސާސު ކުރެވުނު ގަދަ ވޭނުން ބަނޑުގައި ހިފައިހައްޓައިލަމުން އަޑުގެ ކޮޅަށް މެހެރީނަށް ރޮއެގަނެވުނެވެ. އެވޭންވަރު ހިނދެއް ހިނދަކަށް އައީ ގަދަވަމުންނެވެ. އެންމެ ފިޔަވަޅެއްވެސް ކުރިއަށްނޭޅި ހުރި ހިސާބުގައި މެހެރީނަށް މަޑުޖެހިލެވުނެވެ. ލަމުންދިޔާ ނޭވާ އަވަސްވެ ފިނިދަލެއް ހިއްލައިލައީ ކުޑަ ހިނދުކޮޅެއްގެ ތެރޭއެވެ. ހާސްވެފައި ހުރި ޖީނާ އިތުރަށް މެހެރީން ގާތްކޮށްލިވަގުތު މަންމާއޭ ކިޔައި މެހެރީން ބާރަށް ހަޅޭއްލަވައިގަތެވެ. އެއާއެކު ޚަބަރު ހުސްވެ ހުރި ދިމާއަށް އޭނާ ތިރިވެއްޖެއެވެ.

(ނުނިމޭ)

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!