ވާހަކަ

މަގޭ ހާލު ބުނެދެން މިތުރާއޭ... (ސައްބީސްވަނަ ބައި)

ނައުފާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
މަގޭ ހާލު ބުނެދެން މިތުރާއޭ... (ޓްރެއިލާރ) މަގޭ ހާލު ބުނެދެން މިތުރާއޭ... (އެއްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ދެވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ތިންވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ހަތަރުވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ފަސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ހަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ހަތްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އަށްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ނުވަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ދިހަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އެގާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ބާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ތޭރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސާދަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ފަނަރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސޯޅަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސަތާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އަށާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ނަވާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ވިހިވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އެކާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ބާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ތޭވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސައުވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ފަންސަވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސައްބީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ހަތާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އަށާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ނަވާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ފަހުބައި)

ކާރާ ހަމައަށް ނުދެވެނީސް މެހެރީންގެ ބޮލުގައި ކުއްލި ކުއްލިއަށް ރިއްސަން ފެށިއެވެ. އިވުނު ވާހަކަތައް ސިކުނޑީގައި ބުރުޖަހަމުން ދިޔައިރު އޭނާގެ ބޮލަށްވެސް އެނބުރުން އަރަން ފަށައިފިއެވެ. ހިނގުން ދަތިވެ ކޮންމެ ފިޔަވަޅެއް އޭނާ އަށް އެޅެމުންދިޔައީ ލަސްލަހުންނެވެ. މަގުގެ މެދަކަށް ދެވުނުތަނާ ކުއްލިއަކަށް ބަނޑަށް އިހުސާސު ކުރެވުނު ގަދަ ވޭނުން ބަނޑުގައި ހިފައިހައްޓައިލަމުން އަޑުގެ ކޮޅަށް މެހެރީނަށް ރޮއެގަނެވުނެވެ. އެވޭންވަރު ހިނދެއް ހިނދަކަށް އައީ ގަދަވަމުންނެވެ. އެންމެ ފިޔަވަޅެއްވެސް ކުރިއަށްނޭޅި ހުރި ހިސާބުގައި މެހެރީނަށް މަޑުޖެހިލެވުނެވެ. ލަމުންދިޔާ ނޭވާ އަވަސްވެ ފިނިދަލެއް ހިއްލައިލައީ ކުޑަ ހިނދުކޮޅެއްގެ ތެރޭއެވެ. ހާސްވެފައި ހުރި ޖީނާ އިތުރަށް މެހެރީން ގާތްކޮށްލިވަގުތު މަންމާއޭ ކިޔައި މެހެރީން ބާރަށް ހަޅޭއްލަވައިގަތެވެ. އެއާއެކު ޚަބަރު ހުސްވެ ހުރި ދިމާއަށް އޭނާ ތިރިވެއްޖެއެވެ.

Ads by MWSC

ކޮއްކޯއޭ ކިޔައި ޖީނާއަށް ގޮވައިލެވުނީ ހަސްވެފައެވެ. އެއަޑަށް މީހުންތައްވެސް އެދިމާއަށް ބަލައިލިއެވެ. އެއްބައަކު ހުއްޓެމުން ޖީނާއަށް އެހީވާން މަސައްކަތް ކުރަމުންދިޔައިރު އަނެއްބައަކު ވީނުވީ އޮޅުންފިލުވަމުން ދިޔައެވެ. އެތަނުން މީހަކު އަވަސްވެލީ އެންބިއުލާންސަށް ގުޅުމަށެވެ. އޭރު އުނގުގައި މެހެރީން ބާއްވައިލައިގެން ރޮވިފައި ޖީނާ އިނެވެ. ކުޑައިރުކޮޅެއްފަހުން ބާރު ދުވެލީގައި އައިސް އެދިމާއަށް މަޑުކޮށްލި އެންބިއުލާންސްފެނި މީހުންތައް ދުރުވެލީ އޭގެން ފޭބި މީހުނަށް ޖާގަ ދިނުމުގެ ގޮތުންނެވެ. ޚަބަރު ހުސްވެފައިވި މެހެރީން އެންބިއުލާންސަށް އެރުވުމާއެކު ފަހަތުން ޖީނާ ވެސް އޭގެއަށް އަރައި މެހެރީން ގާތުގައި އިނށީދެލިއެވެ. އަދި މެހެރީންގެ ގަނޑުފެންކޮޅެއްފަދަ އަތްތިލައިގައި ހިފައިލަމުން އޭނާ ދެލޯމަރައި ބާރުކޮށްލިއެވެ.

ގައިގައި އޮޅުލައިގަނެގެން ހުރި ޔާނާ ދުރަށް ޖައްސައިލަމުން ރަޒާން އުޅުނީ އެތަނުން ނުކުންނާށެވެ. ކުއްލިއަކަށް އެދިމާއަށް ދިޔަ އެންބިއުލާންސްފެނި އޭނާ އެހައި ހާސްވީ ކީއްވެކަމެއް ނޭނގެއެވެ. މެހެރީނަށް ކަމެއް ވީބާއޭ ހިތަށް އަރައި އޭނާއަށް ތެޅިގަނެވުނެވެ. އޭނާއަށް ކަމެއްވެއްޖެނަމަ ރަޒާންގެ ހުރިހައި މަސައްކަތެއް ފެނަށްވީއެވެ. އަދިވެސް ބަލިގަބޫލުކުރާން ރަޒާން ބޭނުންނުވާ ކަހަލައެވެ. އެހައި ފަސޭހައިން މެހެރީން ދޫކޮށްލުމުގެ ވިސްނުމެއް އޭނާގެ ނެތެވެ.

"ކިހާ ދެރަކަމެއް ޔާނާ.. ދޫކުރޭ.. ކަލޭ ތިއުޅެނީ މޮޔަވެގެންތަ.. ބުނަން، އަހަރެން ބޭނުމެއްނޫން ޔާނާގެ ތި މޮޔަކަމާހުރެ އަހަރެން އަތުން އެއްވެސް އެއްޗެއް ގެއްލޭކަށް.. ޔާނާ ބޭނުންނުވިއަސް އަހަރެން މެހެރީންގެ ހުރިހާ މުދަލެއް މިލްކު ކުރަން ބޭނުމޭ.." ފަހަތުން އައިސް އަނެއްކާވެސް ޔާނާ ބައްދައިގަތުމުން ދަތްކުނޑި ވިކައިލައިފައި ރަޒާން ބުނެލިއެވެ. ޔާނާ އުޅެމުންދިޔަ ގޮތުން އޭނާ ހުރީ ބޮލަށް އުނދަގޫވެފައެވެ.

"ކީއްވެތަ ރަޒާނަށް އަދިވެސް ނުވިސްނިގެން ތިއުޅެނީ.. ހުރިހާ ކަމެއް ނިމިއްޖޭ.. މެހެރީނަށް ހުރިހާ ކަމެއް އެނގުނީމަވެސް އަދިވެސް ތި ކުޅިގަނޑެއް ހުއްޓާކަށް ނުވޭތަ.. ކިހާ ދުވަހެއްވަންދެން އަހަރެން މިހެން ހުންނަންވީ.. ރަޒާންދެކެ ކިތަންމެ ލޯބިވިއަސް އަހަރެންނަށްވެސް އިންތިޒާރުކުރެވޭނީ ވަކި ދުވަހެއްވަންދެން.. އުމުރު ރަޒާންގެ ތިކުޅިވަރާހެދި ހުސްވާކަށް އަހަރެން ވެސް ބޭނުމެއްނޫން.."

"އެހެންތަ.. އެހެންވީއިރު ޔާނާ ދޭ.. އަހަރެންގެ އެއްވެސް ޝަކުވާއެއްނެތް.. އަހަރެން ބޭނުންވާ ކަންތައް ނުފުދޭހާ ހިނދަކު ހުއްޓާލުމުގެ ވިސްނުމެއް ނެތް.."

"ރަޒާން މޮޔަވީތަ.. ތިކިޔޭ އެއްޗެއް އެބަ އެނގޭތަ.. ރަޒާން ކުރިމަތީގަ އަހަރެންގެ ލޯބީގެ އެއްވެސް އަގެއް ނެތް ދޯ.." ޔާނާގެ ދެލޮލަށް ކަރުނަތައް ބޮނޑިވެގަތީ އަމިއްލަ އިޚުތިޔާރުން ބޭރުއެވެ. ހަގީގަތުގައިވެސް ރަޒާންގެ ބަސްތަކުން އޭނާގެ ހިތުގައި ޖެހުނީއެވެ. ބަހެއްވެސް ނުބުނެ އޭނާއަށް ބަލަހައްޓައިގެން ރަޒާން ހުރީއެވެ. އެދެލޮލުން އެކަނިވެސް އޭނާ އެތަނުން ދާން ބޭނުންވެފައި ހުރި ވަރު އަންގައިދެއެވެ.

"މައްސަލައެއް ނެތް.. ރަޒާން ބޭނުންގޮތަކަށް ހުރިހާ ކަމެއް ކުރިއަށް ގެންދޭ.. އެކަމަކު ބުނަން.. މިއަދު ރަޒާން ޖެހޭނީ އަހަރެންނާ މެހެރީންއާ ދެމެދުން ކޮންމެވެސް އެކަކު ޚިޔާރުކުރަން.. ދެން އިތުރަށް މިހެން އުޅޭކަށް އަހަންނަށް ކެތެއްނުވާނެ.." ދަތްތައް ޖައްސައި ބާރުކޮށްލަމުން ރުޅިއައިސްފައި ޔާނާ ބުނެލިއެވެ. އޭނާއަށް ބަލަން ހުރި ރަޒާންގެ މޫނަށް އެހިނދު ވެރިވީ މަލާމާތުގެ ހިނިތުންވުމެކެވެ. އިރުކޮޅަކު ހިމޭންކަމުގައި ޔާނާއަށް ބަލަން ހުރުމަށްފަހު އަނެއްފަރާތަށް އެނބުރެމުން ރަޒާން މިސްރާބުޖެހީ މަގުމައްޗަށް ނުކުތުމަށެވެ.

"ގުޑް ބާއި ޔާނާ.. ތީ ޔާނާގެ މޮޔަކަން.. އަހަރެން ދުވަހަކުވެސް މުދަލުގެ މައްޗަށް ލޯތްބެއް އިސްނުކުރާނަން.. ހީކުރަން އަހަރެންގެ ޖަވާބު ލިބިއްޖެކަމަށް.." ތަންކޮޅަކަށް ގޮސް ހުއްޓިފައި އެއްވެސް އަސަރެއް ނެތްފަދަ ގޮތަކަށް ރަޒާން ބުނެލިއެވެ. އިވުނު ބަސްތަކުން ޔާނާގެ މޫނުގެ ކުލަ ފަނޑުވެ ހުދުވެގެން އައީ ގަބޫލުކުރަން ދަތިވީވަރުންނެވެ. ހަގީގަތުގައިވެސް މެހެރީނަށްޓަކައި ރަޒާން އޭނާ ދޫކޮށްލީ ހެއްޔެވެ. މިއޮއް ހުރިހާ ދުވަހު ރަޒާން އޭނާގެ ލޮލުގައިވެސް އަނދުން އެޅުވީ ހެއްޔެވެ. ލޯބިވެއޭ ކިޔައި ދެއްކީ އެއްވެސް މާނައެއްނެތް ބޭކާރު ވާހަކަތަކެއް ތާއެވެ. ރަޒާން ބޭނުންވީ ވަގުތީ އުފަލެވެ. އެކަން ފުދުމުން މިއަދު އޭނާގެ އެއްވެސް ބޭނުމެއް ނެތެވެ. ކުށްހީއެއް ކުރެވުނީ ޔާނާއަށެވެ. ރަޒާން އެބުނީ ތެދެކެވެ. މިއީ ހަމަ އޭނާގެ މޮޔަކަމެވެ. ބުނާނެ އެއްޗެއް ނުވިސްނިފައި ޖެހިބުދެއްހެން ރަޒާން ނުކުމެގެން ދިޔަ ދިމާއަށް ބަލަހައްޓައިގެން ޔާނާއަށް ހުރެވުނީއެވެ. އެފަދަ ގޮތަކަށް އެގުޅުމަށް ނިމުން އަތުވެދާނެކަމަށް ހީކުރާނީ ކާކު ހެއްޔެވެ. އަނެކާއަށް ހިތާމައެއް ދީފައި ވަކި ތިމާއަށްވެސް އުފަލުގައި ނޫޅެވޭނޭ ބުނަނީ އެހެންވެއެވެ.

* * * * *

އާމިރުގެ އަތުގައި ހިފައިލަމުން ތެރެޕީ ކޮޓަރިން ނުކުނަން އައި އާރިޒް މަޑުޖެހިލީ އާމިރުގެ ފޯނު ރިންގްވާން ފެށުމުންނެވެ. އެއްފަރާތަކަށް ޖެހިލަމުން އާމިރު ފޯނު ނެގީ ޖީނާގެ ކޯލެކޭ ބުނެފައެވެ. ބޯޖަހައިލަމުން އާރިޒް އިސްޖަހައިލީ ފުންވިސްނުމަކަށް ގެއްލުނު ފަދައިންނެވެ. ނަމަވެސް އެގޮތުގައި އޭނާއަށް ހުރެވުނީ ފަޅި ސުކުންތެއް ވަންދެނެވެ. ކީކޭހޭ ކިޔައި އާމިރު ހަޅޭއްލަވައިގަތް އަޑަށް ސިހިފައި އާރިޒް ބަލައިލިއެވެ. އާމިރުގެ މޫނުމަތިން ފައުޅުވަމުންދިޔަ ކަންބޮޑުވުމުގެ އަސަރުތަކުން ކޮންމެވެސް ކަމެއް ވަރަށް ގޯސްވެއްޖެކަން އޭނާއަށް ވިސްނުނެވެ. އެއްޗެއް ބުނުމުގެ ކުރިން ފޯން ބާއްވަމުން ހާސްވެފައި އާމިރު ބަލައިލީ އާރިޒް އަށެވެ. އެއާއެކު އޭނާ ނިތްއަރުވައިލީ ވީގޮތެއް އޮޅުންފިލުވުމުގެ ގޮތުންނެވެ.

"ރީ.. ރީން ކޮއްކޮ.. ހޮސް.. ޕިޓަލުގަ.. ބަނޑުގަ ރިއްސައިގެން.." ހާސްވެފައިވީ ވަރުން ވާހަކަދެއްކުންވެސް އާމިރުއަށް ދަތިވިއެވެ. އިވުނު ވާހަކައިން އާރިޒްއަށް ތެޅިގަނެވުނެވެ. އާމިރުއަށް ބަލައިލަމުން ކަންބޮޑުވެފައި އޭނާ އެދުނީ އަވަހަށް މެހެރީން ގާތަށް އޭނާ ގެންދިއުމަށެވެ. ބޯޖަހައިލަމުން އިތުރަށް ލަސްކުރާކަށް އާމިރުވެސް ނޫޅުނެވެ. އާރިޒްގެ އަތުގައި ހިފައިލުމާއެކު ޖީނާ ބުނި ކޮޓަރިއާ ދިމާއަށް އޭނާ ހިނގައިގަތެވެ.

އެމާރޖެންސީ ކޮޓަރީގެ ދޮރު ކުރިމަތީގައި ހާސްވެފައި ދެކޮޅަށް ހިނގައިލަ ހިނގައިލައި ޖީނާ ހުއްޓެވެ. އާމިރާއި އާރިޒް ފެނުމާއެކު އޭނާގެ ކަރުނަތައް ހިފަހައްޓަން ދަތިވެ ޖީނާއަށް ބާރަށް ރޮއިގަނެވުނެވެ. އޭނާއާ ގާތަށް ޖެހިލަމުން އާރިޒް މަސައްކަތްކުރީ ކަންތައްވީ ގޮތް އޮޅުންފިލުވުމަށެވެ. ހިތްވަރުކޮށްފައި ކުރު ގޮތަކަށް ޖީނާ ކަންތައްވެދިޔަ ގޮތް އޮޅުންފިލުވައިދިނެވެ. އެއާއެކު އާރިޒްގެ މުށްކެވިގެންދިޔައީ އައި ގަދަ ރުޅިންނެވެ. މެހެރީނަށް އޭނާ ގާތަށް ނާދެވުނީ ކީއްވެކަން ވިސްނުމުން އާރިޒް ދެރަވިއެވެ. މެހެރީންއާ މެދުގައި އޭނާއަށް ވިސްނުނީ ކިހައި ގޯސްކޮށްކަން އިހުސާސުވީއެވެ.

މެހެރީން ހޭއެރި ނަމަވެސް އޭނާ އަށް ލިބުނު ޝޮކުގައިގައި އެކަމުގެ އަސަރު ބަނޑުގައިވި ދަރިފުޅަށްވެސްވީ ކޮށްފައެވެ. ދުވަސް ހަމަނުވަނީސް އެމާރޖެންސީގައި މެހެރީން އޮޕެރޭޝަން ކުރުމަށްފަހު ދަރިފުޅު ނަގަން ޖެހުނީ އެކުއްޖާގެ ސަލާމަތައްޓަކައެވެ. އެހުރިހައި ކަމެއް ހިނގައިދިޔައިރުވެސް ރަޒާންއަށް ގުޅައި އެވާހަކަތައް ބުނާކަށް އެކަކުވެސް ނޫޅުނެވެ. މާކުރިން މެހެރީންގެ ނިންމުން ޖީނާގެ ފަރާތުން އެނގިފައިވީތީއެވެ. ރަޒާން ނެތީތީ ހޮސްޕިޓަލުގެ ފަރާތުން ނިންމަން ޖެހުނު ހުރިހާ ކަމަކާ ހަވާލުލީ އެ ޚަބަރު ލިބިގެން އެތަނަށް އައިސް ހުރި ޖުމާނާއެވެ. ޖުމާނާ ހުރީތީ ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް އާރިޒްއަށް ލިބުނެވެ.

ހުރިހާ އެންމެންގެ ދިގު އިންތިޒާރަށް ނިމުން އައީ އޮޕެރޭޝަން ތިއޭޓާރ އިން ބޯދިއްކޮށްލި ނަރުސްކުއްޖާ ދިން އުފާވެރި ޚަބަރުންނެވެ. މެހެރީނަށް ލިބުނީ ލޯބިލޯބި އަންހެން ކުއްޖެއްކަމާއި މިވަގުތު ދެމައިންގެ ހާލުވެސް ރަނގަޅުކަމުގައި އެކުއްޖާ ބުނެލީ ހިނިއައިސްފައި ހުރެއެވެ. ޙަމްދުއަޅައިލި އާރިޒްގެ މޫނުންވެސް ހާސްކަން ފިލައި ފަނޑު ހިނިތުންވުމެއް ވެރިވިއެވެ. އެތަނުގައި ދެންތިބި މީހުނަށްވެސްވީ އެވަރެވެ. އިރުކޮޅެއްފަހުން މެހެރީން ނެރޭނެ ވާހަކަ ބުނުމުން ޖުމާނާ އަވަސްވެލީ މެހެރީނަށް ޕްރައިވެޓް ކޮޓަރިއެއް ހޯދުމަށެވެ. އޭނާއަށް ވެވެން ހުރި ހުރިހާ އެހީތެރިކަމެއް މެހެރީނަށް ފޯރުކޮށްދެން ބޭނުންވެފައި ހުރީތީއެވެ.

ނިދިފައި އޮތް މެހެރީނަށް ހޭވެރިކަމެއްވީ އެރޭގެ ދަންވަރުގެ ވަގުތުއެވެ. ލަސްލަހުން އެސްފިޔަތައް ތަޅުވައިލަމުން ވަރުބަލި ގޮތަކަށް އޭނާ ދެލޯހުޅުވައިލިއެވެ. އަދި ވަށައިގެން ނަޒަރު ހިންގައިލިއެވެ. ފަނޑު އަލިކަމެއް ވެރިވެފައި ކޮޓަރި ތެރެއިން އޭނާއާ ބައްދަލުކުރީ ހިމޭންކަމެވެ. ޖެހިގެން ހުރި ކުޑަ އެނދާ ދިމާއަށް ބަލައިލި މެހެރީންގެ ލޮލަށް އުފާވެރިކަމުގެ ކަރުނަތައް ބޮނޑިވެގަތީ ކުޑަ ހިނދުކޮޅެއްގެ ތެރޭއެވެ. އެތައް ދުވަހެއްގެ ދިގު އިންތިޒާރާއި ވޭނަށްފަހު އޭނާގެ ހުވަފެން މާތް ރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފިއެވެ. ހިތާހިތުން ﷲ އަށް ޝުކުރުވެރިވަމުން އޭނާ ތުންފިއްތައިލިއެވެ. ފައުޅުނުކުރިއެއް ކަމަކު ދަރިފުޅަށްޓަކައި އޭނާ ވީ ޖެހިލުންވެފައެވެ. އެކަނި ހާލާއިގެން އެ ތުއްތު ކުއްޖާ ބަލާބޮޑުކުރާނީ ކިހިނެއްތޯ އަމިއްލަ ނަފުސާ އޭނާ އަށް ސުވާލުކޮށްލެވުނެވެ. އެއްފަރާތުގައި ހުރި ފާޚާނާގެ ދޮރު ހުޅުވައިލުމަށްފަހު އެތަނުން އާރިޒް ނުކުތީ އެވަގުތުއެވެ. ފަނޑުއަލީގެ ތެރެއިންވެސް ކޮޅަށް ހުރި އާރިޒް ސާފުކޮށް މެހެރީނަށް ފެނުނެވެ. ދެލޯބޮޑުކޮށްލުމާއެކު އެސްފިޔަޖަހައިލުމެއްނެތި އެދިމާއަށް ބަލަހައްޓައިގެން އޭނާ އަށް އޮވެވުނީ ފެންނަމުންދިޔައީ ހުވަފެނެކޭ ހީވެފައެވެ. އޭނާއަށް ބަލަން އޮތް މެހެރީން ފެނިފައި އާރިޒްއަށް ވެސް ހުރި ފިޔަވަޅުމަތީގައި ހުރެވުނީއެވެ. ހިމޭންކަމުގައި އެކަކު އަނެކެއްގެ މޫނަށް ބަލަމުންދިޔައިރު ދެމީހުންގެ ފަރާތުންވެސް ފައުޅުވަމުންދިޔައީ އެއް ޝުއޫރުތަކެކެވެ. އެއް ޖަޒުބާތު ތަކެކެވެ.

މެހެރީނާ ދުރުގައި އާރިޒްއަށް ކެތްވީ ކުޑަ ހިނދުކޮޅެކެވެ. ކުދި ފިޔަވަޅުތަކެއްގައި ނުހަނު ބަލައިގެން އައިސް އޭނާ މެހެރީންއާ ކުރިމަތިވާނޭހެން އެތަނުގައި ހުރި ގޮނޑީގައި އިނށީނެވެ. އޭރުވެސް އެ އޮތް ގޮތަށް މެހެރީން އޮތީތީ އާރިޒް ގާތަށް ހިނިއަންނަގޮތް ވިއެވެ.

"މަރުޙަބާ.." ބޯއަރިކޮށް މެހެރީންގެ މޫނަށް ބަލައިލަމުން ހިނިއައިސްފައި އާރިޒް ބުންޏެވެ. ދެންވެސް ބަހެއް ނުބުނެ މެހެރީން އޮތީއެވެ. އަދިވެސް މިއީ ހަގީގަތެއްކަމަށް އޭނާއަށް ގަބޫލުނުކުރެވޭ ކަހަލައެވެ.

"އާޒް.. ކިހިނެއް.. ކޮ..ކޮންއިރަކު.." ދެވަނަ ފަހަރަށް މެހެރީންގެ ނަމުން އާރިޒް ގޮވައިލުމުން އޭނާ މަޑުމަޑުން އަހައިލިއެވެ. އެއަޑު އިވިފައި އާރިޒް ބަދަލުކޮށްލީ ލުއި ހިނިތުންވުމެކެވެ. މެހެރީނަށް ހުރިހައި ކަމެއް އޭނާ އޮޅުންފިލުވައިދިނެވެ. އެކަން ސިއްރުކުރީ މެހެރީނަށް ސަޕްރައިޒްއެއް ދިނުމަށްކަމަށް ބުނެލިއެވެ. އެއާއެކު ކަރުނުން ފުރެމުންދިޔަ ލޮލުގެ ފުސްކަމުގެ ތެރެއިން އާރިޒްގެ ސޫރައަށް ބަލަން އޮތް މެހެރީން ހީނލިއެވެ. އެހިނދު ކުޑަ ކަރުނަތިއްކެތް އޭނާގެ ކޯތާފަތް ވެއްޓުނެވެ. އެތަންފެނި މެހެރީނާ ދިމާއަށް ކުޑަކޮށް ގުދުވެލަމުން އެކަރުނަ ތިކި އަތުގެ ނުފުށުން އާރިޒް ފުހެލީ ނުހަނު އޯގާތެރިކަމާއެކުއެވެ. އަދި ދެފަރާތަކަށް އޭނާ ބޯހޫރައިލީ ނުރޯށޭ ބުނެލާފަދަ ގޮތަކަށެވެ.

(ނުނިމޭ)

  1. ހާދަކުރޭޑ