ޚަބަރު ސަރުކާރު

ޕީޖީގެ މުވައްޒަފުން ރޯދަ މަހު ހަތަރު ދުވަހު އޮފީހަށް ނިކުންނަންޖެހޭގޮތަށް ހަމަޖައްސައިފި

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ފޮޓޯ ޕީއެސްއެމް

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގައި މަސައްކަތް ކުރާ މުވައްޒަފުން މިއަންނަ ރަމަޟާން މަހު ހަފްތާއަކު ހަތަރު ދުވަހު އޮފީހަށް ނިކުންނަންޖެހޭގޮތަށް ހަމަޖައްސައިފި އެވެ.

Ads by MWSC

އެ އޮފީހުން ނިންމީ ހަފްތާގެ އާދިއްތަ ނުވަތަ ބުރާސްފަތި ދުވަހު ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ ކަމަށެވެ. އެހެންވެ ހުކުރު އަދި ހޮނިހިރު ދުވަހާއިއެކު ތިން ދުވަސް އޮފީހަށް ނިކުންނަން ނުޖެހޭގޮތަށް މުވައްޒަފުންނަށް ޕީޖީން ވަނީ ލުއި ދީފަ އެވެ.

އެހެންނަމަވެސް ހަފްތާ ބަންދު ނޫން ދުވަހު ގޭގައި މަސައްކަތް ކުރާގޮތަށް ލުއި ދިނީ ވަކި އުސޫލެއްގެ ތެރެއިންނެވެ. އެގޮތުން ކޮންމެހެން އޮފީހަށް ނިކުންނަން ޖެހިއްޖެ ހާލަތެއްގައި އެމުވައްޒަފު އެގޮތަށް އަމަލު ކުރަން ޖެހޭނެ އެވެ.

އަދި އޮފީހަށް ނިކުންނަންޖެހޭ ދުވަސްތަކުގައި ގަޑި ޖެހޭނަމަ ނުވަތަ ސަލާމް ބުނާނަމަ ޖެހިގެން އަންނަ ހަފްތާގައި އެ ލުއި ނުލިބޭނެ އެވެ. މީގެ އިތުރުން މަސައްކަތުގެ ފެންވަރަށް ބަލައި ގޭގައި މަސައްކަތް ކުރަން ލުއި ދޭ ދުވަހު އޮފީހަށް ނިކުންނަންޖެހޭގޮތަށް އެޗްއާރަށް ހަމަޖެއްސޭނެ އެވެ.

ގޭގައި ތިބެގެން މަސައްކަތް ކުރާ ދުވަހުވެސް އޮފީހުގެ މަސައްކަތްތައް ކުރާ ފެންވަރު ގާތުން ބަލާނެ އެވެ.

މިއީ ރޯދަމަހުގައި މިހާ ބޮޑު ލުއެއް ސަރުކާރުގެ އިދާރާއަކުން ދިން ފުރަތަމަ ފަހަރެވެ. ކޮންމެ ރަމަޟާން މަހެއްގައިވެސް ހަފްތާގެ ދުވަސްތަކުގައި ސަރުކާރު މުވައްޒަފުންނަށް މަސައްކަތުގެ ރަސްމީ ގަޑި ކުޑަ ކުރެ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!