ޚަބަރު އިޖުތިމާޢީ

ރިޒާ އެންމެފަހުން އެދިވަޑައިގެންނެވީ ގުރުއާން މުބާރާތެއް ބޭއްވުމަށް: ޔާމިން

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ކުރީގެ މެމްބަރު އަލް އުސްތާޛް މަރްހޫމް އިބްރާހިމް ރިޒާގެ އެންމެ ފަހުގެ އެދިވަޑައިގަތުމަކީ ގުރުއާން މުބާރާތެއް ބާއްވައިދިނުން ކަމަށް ގުރައިދޫ ކައުންސިލްގެ ރައީސް ހުސައިން ޔާމީން މުހައްމަދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

މަޖިލީހުގެ މެމްބަރު ކަން ކުރައްވަނިކޮށް އަވަހާރަވި މެމްބަރު ރިޒާގެ ތައުބީން ޖަލްސާގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ ދާއިރާގެ ތަރައްގީއަށް މެމްބަރު ރިޒާ ހާއްސަ ސަމާލުކަމެއް ދެއްވިކަމާއި އޭރުގެ ދަތި ހާލަތު ބަދަލުކުރެއްވުމަށް އަބަދު އަބަދު ވިސްނުންގެން ގުޅުއްވިކަމަށެވެ.

"މިރަށްރަށަކީ މީގެ 10 ވަރަކަށް އަހަރު ކުރިއަށް ބަލާލާއި ވަރަށް ހާލުގައި އޮތް ރަށްރަށް އެންމެ އަސާސީ ކަންކަން ނުފުދި އެންމެ މުހިންމު ބޭނުންތަކުގައި މާލެއަށް ބަރޯސާވާންޖެހިފައިވާ ރަށްރަށް އޭރުގެ ދަތި ހާލަތު ބަދަލުކޮށް ދިނުމަށް ކެނޑިނޭޅި އަބަދު އަބަދު އެމްޕީ ރިޒާގެ ވިސްނުން ގެންގުޅުނު" ޔާމީން ވިދާޅުވިއެވެ.

ޔާމީނު ވިދާޅުވީ ރިޒާ އެންމެފަހުން އެދިލެއްވީ ގުރުއާން މުބާރާތެއް ބޭއްވުމަށްކަމަށާއި އެކަންކުރައްވަން އެހީތެރިވުމަށް ތައްޔާރުގައި ހުންނެވިކަމަށެވެ.

"އެންމެފަހުން މެލޭޝިއާގައި ހުންނަވާ އަޅުގަނޑަށް ގުޅުއްވާފައި ވިދާޅުވި ޔާމީންއޭ ތިމަންނަ ބޭނުމޭ ގުރުއާން މުބާރާތެއް ބާއްވަން ކުރަންޖެހޭ ހުރިހާ ކަމެއް އަޅުގަނޑު ދެންނެވިން އަޅުގަނޑުމެން ކުރާނަމޭ، އެމްޕީ އެކަމާ ނުވިސްނަވާށޭ އެވަރުންވެސް ވިދާޅުވި އެކަމަކުވެސް ތިމަންނަ އެހީތެރިވާނަމޭ."

ރޭގެ ޖަލްސާގައި ގުރައިދޫ ކައުންސިލުގެ ރައީސް މިހެން ވިދާޅުވި އިރު ރިޒާގެ ހަނދާނީ ގުރުއާން މުބާރާތް މިއަހަރުގެ ރޯދަމަހު ގުރައިދޫގައި ބޭއްވުމަށް ނިންމާ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލައިފައެވެ.

ރޭ ގުރައިދޫގައި ބޭއްވި މި ޖަލްސާގައި ގުރައިދޫގެ ގިނަ އަދަދެއްގެ ރައްޔިތުންވެސް ވަނީ ބައިވެރިވެފައެވެ. އަދި މެމްބަރު ރިޒާ ނިސްބަތްވެ ވަޑައިގަންނަވާ ޕީޕީއެމް ޕީއެންސީގެ ލީޑަރޝިޕްގެ ބޭފުޅުންވެސް މިޖަލްސާގައި ވަނީ ބައިވެރިވެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!