ޚަބަރު ރައްޔިތުންގެ މަޖިލިސް އިޖުތިމާޢީ

މިދިޔަ ހަތަރު އަހަރު ހަށިވިއްކުމުގެ 33 އޮޕަރޭޝަނެއް، 99 މީހުން ހައްޔަރުކޮށްފި

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ހަށި ވިއްކަމުން ދިޔަ ބަޔަކު ހައްޔަރު ކުރަނީ

ރާއްޖޭގައި ހަށި ވިއްކާކަމުގެ މައުލޫމާތު ލިބިގެން މިދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި 33 އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށާއި އަދި އެ އޮޕަރޭޝަންތަކުގައި 99 މީހަކު ހައްޔަރުކޮށްފައިވާކަމަށް ސަރުކާރުން ބުނެފި އެވެ.

Ads by STELCO

ސަރުކާރުން މިފަދައިން ހާމަކޮށްފައިވަނީ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ)، ލިޔުމުން ޖަވާބު ހޯއްދެވުމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އާއި ކުރެއްވި ސުވާލުގެ ޖަވާބުގަ އެވެ.

މެމްބަރު ބޮންޑޭ މިނިސްޓަރާއި ސުވާލު ކުރައްވާފައިވަނީ ފާއިތުވި ހަތަރު އަހަރު ދުވަހު އިޖުތިމާއީ އަދި އިގްތިސޯދީ ހައްގުތަކަށް ހުރަސް އެޅޭގޮތަށް، ބިދޭސީންތަކެއް ލައްވައި ހަށިވިއްކުމުގެ ކަންކަން ހުއްޓުވުމަށް ސަރުކާރުން ކޮށްފައިވަނީ ކޮން މަސައްކަތެއްތޯ އެވެ.

އެ ސުވާލަށް ލިޔުމުން މިނިސްޓަރު އަރުވާފައިވާ ޖަވާބުގައި ބުނެފައިވަނީ ހަށިވިއްކާ ތަންތަން ދެނެގަނެ އެކަން ހުއްޓުވުމަށް ވޭތުވެދިޔަ އަހަރުތަކުގައި ގިނަ އޮޕަރޭޝަންތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އެގޮތުން 2022 ވަނަ އަހަރު އެފަދަ ތިން އޮޕަރޭޝަނެއްގައި 14 މީހަކު ހައްޔަރު ކޮށްފައިވާކަމަށާއި އޭގެ ކުރީ އަހަރު ހަތް އޮޕަރޭޝަނެއް ހިންގާ 28 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން 2020 ވަނަ އަހަރު 9 އޮޕަރޭޝަނެއް ހިންގާ 25 މީހަކު ހައްޔަރު ކޮށްފައި ވާކަމަށާއި 2019 ވަނަ އަހަރު 14 އޮޕަރޭޝަނެއް ހިންގާ 32 މީހަކު ހައްޔަރު ކޮށްފައި ވާކަމަށް ޖަވާބުގައި ވެ އެވެ.

މިމައްސަލަތަކަށް ދާއިމީ ހައްލެއް ލިބިފައި ނުވަނީ ބިދޭސީން ހިންގާ ދުވަހު ކުއްޔަށް ދޭ ތަންތަން ރަނގަޅަށް ރެގިއުލޭޓު ނުކުރެވޭތީކަމަށް މިނިސްޓަރުގެ ޖަވާބުގައި ވިދާޅުވި އެވެ. އެތަންތަނުގައި ޖުވާ ކުޅުމާއި ހަށި ވިއްކުންފަދަ ކަންކަން ކުރިއަށްގެންދާކަމަށް ވަނީ ފާހަގަކޮށްފަ އެވެ.

މީގެ އިތުރުން މިހާރު ހަށިވިއްކުމުގެ ކަންކަން ކުރިއަށް ގެންދަނީ ސޯޝަލް މީޑިއާ މެދުވެރިކޮށްކަމުން ސައިބާ ކްރައިމްގެ ތެރެއިން އެފަދަ ކަންކަން ހުއްޓުވަން ގޮންޖެހުންތަކެއް ހުރިކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މާލެ ސަރަހައްދުގައި ހަށިވިއްކުން އިޝްތިހާރު ކުރަމުން ދަނީ ފާޅުކަން ބޮޑު ގޮތެއްގަ އެވެ. ހަމައެކަނި މި ބޭނުމަށް މަސާޖު ޕާލާތަކުގެ ނަމުގައި ހިންގާ ތަންތަނަށް ފިލިޕިންސާއި ތައިލޭންޑު ފަދަ ގައުމުތަކުން މީހުން ގެނަސް ހިދުމަތް ދެމުން ގެންދާކަން ފާހަގަކޮށްލެވެ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!