އިދިކޮޅުގެ މުޒާހަރާ މިރޭ ހުޅުމާލޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަން ދޮރުމަތީ

އިދިކޮޅުން މާލޭގައި ކުރަމުން އަންނަ ސިލްސިލާ މުޒާހަރާތައް މިރޭ، ހުޅުމާލޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަން ދޮރުމަތީގައި ބާއްވައިފިއެވެ.
އާއްމުކޮށް އިދިކޮޅުުގެ މުޒާހަރާތައް ފަށަނީ މާލޭގައި ހުންނަ އެ ޕާޓީގެ އޮފީސް ދޮރުމަތިން ކޮންމެ ރެޔަކު 9:30ހާއިރުއެވެ. އަދި ސޯސަން މަގުގައި ހުންނަ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ގެކޮޅު ކައިިރިއަށް ވެސް މުޒާހަރާގެ ބައިވެރިންދެއެވެ. އާއްމުކޮށް މުޒާހަރާ ކުރާ ފަރާތްތައް އެއް ސަރަހައްދެއްގައި ތިބޭނަމަ ފުލުހުން ބާރުގެ ބޭނުންކޮށް މުޒާހަރާ ރޫޅާއެވެ.

އިދިކޮޅުން މާލޭގައި ބޭއްވި މުޒާހަރާއެއްގެ ތެރެއިން.. ދެން އިމޭޖްސް/އަޔާޒް
މިރޭ އިންޑިއާ ހައި ކޮމިޝަން ކައިރިއަށް 15 ވަރަކަށް މީހުން އެއްވެ އެ ސަރަހައްދުގައި ވަނީ އަޑުގަދަކޮށްފައެވެ. މި މުޒާހަރާގައި، އިންޑިއާއަށް ބޭސް ފަރުވާއަށް ދިއުމުން އެ ޤައުމުން ޑީޕޯޓްކޮށްލި، ސަމަދުބެ ބައިވެރިވި ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް ޕީޕީއެމްގެ ލީޑަރޝިޕްގެ ބޭފުޅުން މުޒާހަރާއިން ފެނިގެންގޮސްފައެއް ނުވެއެވެ.
މި ހަފްތާގައި ތިން ފަހަރެއްގެ މަތިން އެ ސަރަހައްދުގައި މުޒާހަރާކޮށްފައިވާކަމަށް މައުލޫމާތު ލިބެއެވެ.
މުޒާހަރާގެ ބައިވެރިންވަނީ، ރައީސް ޔާމީން ދޫކޮށްލުމަށާއި އިދިކޮޅުން ކުރިޔަށް ގެންދާ އިންޑިއާ އައުޓް ސްލޮގޮންތައް ބޭނުންކޮށްފައެވެ. މީގެ ކުރިން އިންޑިއާ ހައި ކޮމިޝަނަރުގެ ގެ ކައިރީގައިވެސް އިދިކޮޅުން ވަނީ މުޒާހަރާކޮށްފައެވެ.
އިދިކޮޅުން ބުނާ ގޮތުގައި ރާއްޖޭގެ ދާޚިލީ ކަންކަމަށް އިންޑިއާއިން ދަނީ އަތް ބާނަމުންނެވެ. އަދި އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް އެފަރާތްތަކުން ވަނީ ބޮޑު ކެންޕެއިންނެއް ކޮށްފައެވެ. އެ ކެންޕެއިން ހުއްޓުވާފައިވަނީ ރައީސް ޞާލިޙްގެ ޤަރާރަކުންނެވެ.