ދީން

ދުނިޔެއާ ހިތާވާ މީހާއަށް ދުނިޔެ ދަންނަ މީހާ މުހިންމު،އާޚިރަތް ހޯދަން އެދޭ މީހާއަށް މުހިންމުވާނީ އެ ކަމަށް އެހީވާ މީހާ!

ދެން އެމްވީ ، ދެން އޮންލައިން

އަހަރެމެންގެ ހަމަ ކޮންމެ ދުވަހެއްގެ ދިރިއުޅުމަކީ އެތައް ކަމެއްގައި ޝާމިލްވާ ދިރިއުޅުމެކެވެ. އަނބިދަރީންނަށް ކާންބޯން ދިނުމާއި ، އެމީހުންނަށް ލުއި ފަސޭހަ ކަންކަން ހޯދައިދިނުމާއި ދަރީންނަށް ތަޢުލީމު ދިނުމާއި އަރާމު ދިރިއުޅުމެއް ހޯދައިދިނުމަކީ ކޮންމެ މީހެއް ، ހަމަ ކޮންމެ ދުވަހެއްގައި ކުރާ މަސައްކަތުގެ އަމާޒެވެ. މި އަމާޒަށް ކުރާ ދަތުރުގައި ، އެއް ބަޔަކީ ތިމާގެ އަމިއްލަ ނަފްސަށް ފާރަވެރިވެ ، އެ ނަފްސު ، ގިލަންވެރިކަމުން ރައްކާތެރިކުރާ މީހުންނެވެ. އަނެއްބަޔަކީ ދިރިއުޅުމުގެ ފޮނިކަން ހޯދުމުގައި އާޚިރަތް ހަނދުމަ ނެތިކޮށް ، ތިމާއަށް ލިބޭ ކޮންމެ ''އުފަލަކީ'' ހެޔޮ ގޮތް ކަމަށް ދެކޭ މީހުންނެވެ.

Ads by MWSC

މި ދެ ޖަމާޢަތާއި މެދު ފިކުރު ކޮށްލަމާ ހެއްޔެވެ؟

ފުޓްބޯޅަ ކޯޗަކަށް މުހިންމު ވާނީ ފުޓްބޯޅަ ކުޅުމުގެ ޝައުޤާއި އެކަމުގެ ހުނަރު ހުންނަ މީހުންނެވެ. އެ ކުޅިވަރުގައި ކުރިއަރައިދާން މަސައްކަތް ކުރާ މީހުންނެވެ. ހަމަ އެފަދައިން ދުނިޔެ ހޯދަން އެދޭ އަދި ދުނިޔެއާ ހިތާވެގެން އުޅޭ މީހުންނަށް މުހިންމު ވާނީ ދުނިޔޭގެ ފަންނުވެރިންނެވެ. ވިޔަފާރީގައި ކުރިއަރާނެ ގޮތާއި ތިމާގެ ދިރިއުޅުން ތަނަވަސް ކުރުމުގެ ގޮތް ކިޔައިދޭ މީހުންނެވެ. ނަމަވެސް އުޚްރަވީ ޙަޔާތެއް ނުވަތަ ދުނިޔަވީ ޙަޔާތުގެ ބަދަލު ދިނުމެއް އޮތްކަން ވިސްނާ މީހުންގެ ވިސްނުމާއި އެމީހުންނަށް މުހިންމުވާ ކަންކަމާއި މީހުން ތަފާތެވެ. އެފަދަ މީހުންގެ ކުރިމަތީގައި އެންމެ ބޮޑު މަތިވެރިކަމެއް ، އެންމެ މަތީ އިޙްތިރާމެއް ދެވިގެންވާ ބަޔަކީ އުޚްރަވީ ޙަޔާތުގައި ކާމިޔާބު ހޯދާނެ ގޮތުގެ އިރުޝާދާއި މަޢުލޫމާތު ދޭ މީހުންނެވެ.

އުޚްރަވީ ޙަޔާތާ މެދު ޣާފިލްވެ ދުނިޔޭގެ ލައްޒަތު ހޯދުމުގައި އަވަދިނެތިވެ އުޅޭ މީހުންގެ ހަމައެކަނި ވިސްނުމަކީ ދުނިޔޭގެ ޖާހާއި މަންސިބެވެ. ހަމަލޮލަށް ފެންނަށް ހުންނަ ޒީނަތްތެރިކަމެވެ. އުޚްރަވީ ޙަޔާތުގެ އެއްވެސް ކަމެއް ނުދަންނަ އިރު ނޫނީ ހަނދާން ނައްތައިލައިފައިވާ އިރު އެމީހުންގެ ތެރެއިން ދަންނަ މީހަކީ ވެސް ނުވަތަ މޮޅު މީހަކީ ވެސް ދުނިޔޭގެ ކަންކަން ދަންނަ ، އެކަންކަމުގެ މާހިރުންނެވެ. ރަނގަޅާއި ނުރަނގަޅު އަދި މަތިވެރިކަމާއި ނިކަމެތިކަމުގެ ހިސާބު ޖަހާ މިންގަނޑަކީ ވެސް ދުނިޔަވީ ފަންނުތަކެވެ.

ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.

يَعۡلَمُوۡنَ ظَاهِرًا مِّنَ الۡحَيٰوةِ الدُّنۡيَا ​ۖۚ وَهُمۡ عَنِ الۡاٰخِرَةِ هُمۡ غٰفِلُوۡنَ‏

މާނައީ: ދުނިޔޭގެ ދިރިއުޅުމުން އެއުރެންނަށް އެނގެނީ ބޭރުފުށުގެ ކަންތަކެވެ. އަދި އެއުރެން ވަނީ އާޚިރަތް ދުވަހާ މެދު ޣާފިލް ވެގެންވާ ބަޔަކުކަމުގައެވެ.

ޙަސަނުލް ބަޞަރީ ވިދާޅުވެފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. ދުނިޔެއާއި މެދު ބައެއް މީހުން މަސްޣޫލްވެފައިވާ މިންވަރު ދެކޭށެވެ. އިނގިލިން ދީނާރު ހިއްލައިލާފައި އޭގެ ބުރަދަނަކީ ކިހާވަރެއްކަން އެމީހުން ބުނާނެއެވެ.

ދުނިޔެ އާރާސްތު ކުރުމުގެ ފަންނުގައި މީހުން މިފަދައިން ކުރިއަރައިފައިވާއިރު ، އެފަދަ މީހުން އެންމެ ހިނދުކޮޅަކަށް ވެސް ހަނދާން ނައްތައިލައިގެން ނުވާނެ ކަމަކީ އުޚްރަވީ ޙަޔާތެއް އެބައޮތް ކަމެވެ. މަރުވުމަކީ ނިމުން ނޫންކަމާއި އެއީ އެތައް ބައިވަރު ކަންތައްތަކެއްގެ ފެށުން ކަމެވެ.

ޝަރުޢީ މިންގަނޑުގެ ތެރެއިން ދުނިޔެވީ އަރާމާއި އުފާ ހޯދުމަށް މަސައްކަތް ކުރުމަކީ އެއްވެސް މައްސަލައެއް އޮތް ކަމެއް ނޫން ނަމަވެސް ،ތިމާގެ އަމިއްލަ ނަފްސާ މެދު ފާރަވެރިވުން ހުއްޓެވެ. ދުނިޔެވީ ފަންނުތަކުގައި ކުރިއަރައި ދިޔަ ނަމަވެސް ދީނީކަންކަމާ މެދު ޖާހިލު ނުވުން ހުއްޓެވެ. ސަލާމަތް ވެގެންވާ ހިތަކައިން މި ދުނިޔެއިން ނިކުމެގެންދާ މީހަކަށް މެނުވީ އާޚިރުގައި މަންފާއެއް ނެތެވެ. ﷲ ގެ މި ވަޙީ ބަސްފުޅުގައިވާ ފަދައިންނެވެ.

يَوْمَ لَا يَنفَعُ مَالٌ وَلَا بَنُونَ
إِلَّا مَنْ أَتَى اللَّهَ بِقَلْبٍ سَلِيمٍ

މާނައީ: އެ ދުވަހަކީ މުދަލަކުން އަދި ދަރީންގެ ފަރާތުން މަންފާއެއް ނުކުރާނެ ދުވަހެވެ. ސަލާމަތް ވެގެންވާ ހިތަކައިގެން ﷲގެ ޙަޟްރަތަށް އައި މީހަކު މެނުވީއެވެ.

 

(ޝައިޚް ސަމީރުގެ ދަރުސަކުން)

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!