ޚަބަރު ސިޔާސީ

ދަޢުވާ އަނބުރާ ގެންދިޔަކަން އެނގުނީ ނޫޫސްތަކުން: މަހުލޫފު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި ޔޫތު މިނިސްޓަރު އަޙްމަދު މަހުލޫފަށް ކުރި ދަޢުވާ އަނބުރާ ގެންދަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމާފައިވާކަން އެނގިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

މިއަދު ރައްޔިތުންގެ މަޖިލީހުގައި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފު ވަނީ މަހުލޫފު ހުދު ފޮގިކޮޅަކަށް ހަދާފައިވާ ކަމަށާއި، ސިޔާސީ ގޮތުން އުފުލި ދައުވާތައް ނެގުމުން އެއްވެސް މަސައްކަތެއް ކުރައްވަންތޯ އައްސަވައިފައެވެ.

ޖަވާބުގައި މަހުލޫފު ވިދާޅުވީ ދައުވާތައް އަނބުރާ ގެންދަން ނިންމާފައިވާކަން އެނގިވަޑައިގަތީ ނޫސްތަކުން ކަމަށާއި،  ރަސްމީ ސިފައެއްގައި އެއްވެސް އިދާރާއަކުން އެކަން އަންގާފައި ނުވާ ކަމަށެވެ.

އެ މައްސަލައަކީ ގަސްތުގައި ބަޔަކު ރާވައިގެން ކޮށްފައިވާ ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ. ދައުވާތައް އަނބުރާ ގެންގޮސްފިނަމަ ވަރަށް އުފާވާނެ ކަމަށް މަހުލޫފު ވެސް ވިދާޅުވިއެވެ.

"ގެންގޮސްފިއްޔާ ވަރަށް ރަނގަޅު. ހަމަ ކަނޑައެޅެގެން ބަޔަކު ގަސްދުތަ އަޑީގަ ތިބެގެން ކުރިކަމެއް އެއީ،" މަހުލޫފް ވިދާޅުވިއެވެ.

ޕީޖީ އޮފީހުން މަހުލޫފުގެ މައްސަލަ އަނބުރާ ގެންދަން ނިންމީ މައްސަލަ ސާބިތު ކުރެވޭ ވަރަށް ހެކި ނެތް ކަމަށް ބުނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!