ސަމާލުވޭ!ބައެއް ރަށްރަށަށް އުދައިގެ އަސަރު ކުރުން އެކަށީގެންވޭ

ދިޔަވަރު ބޮޑުވާގަޑިތަކުގައި ބައެއް ރަށްރަށަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާތީ ސަމާލުވުމަށް މޫސުމާބެހޭ ގައުމީ އިދާރާއިން އިލްތިމާސްކޮށްފިއެވެ.
މޯލްޑިވްސް މީޓިއޮރޯލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން މިއަދު ހަވީރު 6:00 އާ ހަމައަށް މޫސުން ލަފާކޮށް ނެރުނު ލިޔުމުގައި ބުނެފައި ވަނީ އެންމެ އުތުރުގެ އަތޮޅުތަކަށް މޫސުން އާންމު ގޮތެއްގައި ރަނގަޅު ވިޔަސް، އެހެން ހިސާބުތަކުގެ ބައެއް ރަށްތަކަށް ވިއްސާރަ އާއެކު ގުގުރުން އެކަށީގެންވާކަމަށެވެ.
ވައިޖެހޭނެ ކަމަށް ލަފާ ކުރެވެނީ ހުޅަނގު ދެކުނާއި، ހުޅަނގުން، ގަޑިއަކު ތިން މޭލާއި 13 މޭލާއި ދެމެދުގެ ބާރުމިނުގައެވެ. އަދި ހަމައެހެންމެ ރާއްޖޭގެ ކަނޑުތައް މަޑުވާނެކަމަށް ލަފާކުރެވޭކަމަށާއި ރާޅު އުސްމިނުގައި 2 ފޫޓާއި 5 ފޫޓުގެ ބާނި ހުންނާނެކަމަށް ލަފާކުރެއްވޭކަމަށް މެޓު އޮފީހުން މައުލޫމާތު ދެއްވައެވެ.
ރާއްޖޭގެ އެކި ހިސާބުތަކަށް ދޭތެރެ ދޭތެރެއިން އުދައިގެ އަސަރު ކުރެއެއެވެ. އަދި މިގޮތަށް އަރާ އުދައިގެ ސަބަބުން ބައެއްރަށްރަށަށް ބައެއްފަހަރު ބޮޑެތި ގެއްލުންތައްވެސް ލިބިފައިވާކަން ފާހަގަކޮށްލެވެއެވެ.