ޚަބަރު ސަރުކާރު

ގަރލް ގައިޑްސްގެ "ޢީދު ޕްރޮޖެކްޓް" ހަރަކާތުގައި ފަސްޓްލޭޑީ ބައިވެރިވެވަޑައިގަންނަވައިފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

މޯލްޑިވްސް ގަރލް ގައިޑްސް އެސޯސިއޭޝަނުގެ ޔަންގް ލީޑަރުން އިސްނަގައިގެން ކުރިޔަށް ގެންދާ، ޢީދު ޕްރޮޖެކްޓްގެ ހަރަކާތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ޗީފް ގައިޑް ފަޒްނާ އަޙްމަދު ބައިވެރިވެވަޑައިގެންފިއެވެ.

Ads by MWSC

މި ހަރަކާތަކީ، 2000ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެވެސް ވަޅު އީދު ދުވަހު، ގަރލް ގައިޑް އެސޯސިއޭޝަނުން، ކ. ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބޭ ފަރާތްތަކާއި އެކު ޢީދުގެ އުފާ ހިއްސާކޮށް އެފަރާތްތަކަށް އީދު ހަދިޔާ ދިނުމުގެ ގޮތުން ކުރިޔަށް ގެންދާ ޕްރޮޖެކްޓެކެވެ.

މޯލްޑިވްސް ގަރލް ގައިޑްސް އެސޯސިއޭޝަނުންގެ ޔަންގް ލީޑަރުން އިސްނަގައިގެން ކުރިޔަށް ގެންދާ މިހަރަކާތުގައި ބައިވެރިވެވަޑައިގެން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ޗީފް ގައިޑް ފަޒްނާ އަޙުމަދު ވަނީ، މަރުކަޒުގައި ތިއްބެވި ފަރާތްތަކާއި ބައްދަލުކުރައްވައި، އެފަރާތްތަކާއެކު އީދުގެ އުފަލުގައި ބައިވެރިވެވަޑައިގެންފައެވެ. މީގެ ތެރޭގައި އީދު ހަދިޔާ ބަދަލުކުރުމާއި އެމީހުންގެ ހާލުއަހުވާލު އޮޅުންފިލުވުން ހިމެނެއެވެ. އަދި އެ ފަރާތްތަކާއެކު އީދުގެ އެކި ކަހަލަ ކުޅިވަރުތަކުގައިވެސް ބައިވެރިވެވަޑައިގަތެވެ.

މޯލްޑިވްސް ގަރލް ގައިޑް އެސޯސިއޭޝަނުން ވަނީ، ކޯވިޑް-19ގެ ދުވަސްވަރުވެސް މިހަރަކާތް މެދުކަނޑާނުލައި ކުރިޔަށް ގެންގޮސްފައެވެ. މިގޮތުން 2020 ވަނަ އަހަރާއި، 2021 ވަނަ އަހަރު މިހަރަކާތް ކުރިޔަށް ގެންގޮސްފައި ވަނީ ވާޗުއަލް ކޮށެވެ. 2019 ވަނަ އަހަރު ވެސް، ޚާއްޞައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ޒިޔާރަތްކުރައްވައި ޢަމަލީ ގޮތުން މިހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ބައިވެރިވެވަޑައިގެންނެވި އިރު، ކޯވިޑާއި ގުޅިގެން ވަރޗުއަލްކޮށް މިހަރަކާތް ކުރިޔަށް ގެންދިޔައިރުވެސް އެކަމަނާ މިހަރަކާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

މޯލްޑިވްސް ގަރލް ގައިޑްސް އެސޯސިއޭޝަންގެ އީދު ޕްރޮޖެކްޓްގެ ތެރެއިން، ކޮންމެ އަހަރެއްގެވެސް ވަޅު އީދު ދުވަހު، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ދަތުރުކޮށް މިހަރަކާތްތައް މެދު ނުކެނޑި ކުރިޔަށް ގެންދާތާ، މިއީ 24 ވަނަ ފަހަރެވެ. މިއީ އެއް ދުވަހަށް ކުރިޔަށްގެންދިޔަ ހަރަކާތެކެވެ.

Ads by HDC
  1. ނުބައި

    އީދު ނަމާދަށ ދިޔ ގައިމ ބުރިގ އަލާގެނ މިކޮޔ ކުޅޭއެއްޗެއްތ ފަހ ބުރިގާކީ