ޚަބަރު ސަރުކާރު

ރާއްޖެއަށް ދިމާވި ކޮންމެ ކަމެއްގައި އިންޑިއާގެ އަސްކަރިއްޔާއިން އެހީތެރިކަން ފޯރުކޮށްދިން: ޝަމާލް

ރައުފާ ރަޝީދު ، ދެން އޮންލައިން

ރާއްޖެއަށް ދިމާވި ކޮންމެ ކަމެއްގައި އިންޑިއާގެ އަސްކަރިއްޔާއިން އެހީތެރިކަން ފޯރުކޮށްދީފައިވާ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ހަދިޔާކުރެއްވި، އޯފްޝޯ ޕެޓްރޯލް ވެސަލް، ހަވާލުކުރެއްވުމަށް މިއަދު ހެނދުނު ހުޅުމާލޭގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ އުޅަނދުފަހަރު ބަނދަރުކުރާ ސަރަޙައްދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޝަމާލް ވިދާޅުވީ އިންޑިއާ އަސްކަރިއްޔާއިން އަބަދުވެސް ރާއްޖެއާ ވަރަށް ގާތް ގުޅުމެއް ބާއްވާ ކަމަށެވެ.

އަދި ރާއްޖޭގެ ސަލާމަތަށް ދިމާވާ ކޮންމެ ކަމެއްގައި އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށާއި ކޮންމެ ކަމެއްގައިވެސް އިންޑިއާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް ޝަމާލް ވިދާޅުވިއެވެ.

އިންޑިއާ ސަރުކާރުން، ދިވެހިރާއްޖެއަށް ހަދިޔާކުރެއްވި، އޯފްޝޯރ ޕެޓްރޯލް ވެސަލް ކަމިޝަންކޮށްދެއްވައި ޚިދުމަތަށް ނެރެދެއްވުމުގެ ގޮތުން، އެ އުޅަނދުގައި ނެގުމަށް ދިވެހި ޤައުމީ ދިދަ، ކޮމާންޑިންގ އޮފިސަރަށް ޙަވާލުކޮށް ދެއްވައި، އުޅަނދުގެ ނަންބޯޑު ކަޝްފުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހެވެ.

މި އުޅަނދުގެ ނަމަކީ "ސީ.ޖީ.އެސް ހުރަވީ"އެވެ. މިއަދު ޚިދުމަތަށް ނެރެވުނު މިއުޅަނދަކީ، ކުރިން އިންޑިއާ ސަރުކާރުން ހަދިޔާކުރެއްވި، "ސީ.ޖީ.އެސް ހުރަވީ"ގެ ނަމުގައި ބޭނުން ކުރަމުން އައި އުޅަނދުގެ ބަދަލުގައި ދެއްވާފައިވާ އުޅަނދެކެވެ.

އިންޑިއާ ސަރުކާރުން މި ހަދިޔާކުރި އުޅަނދުތަކުގެ ސަބަބުން އެމްއެންޑީއެފް ކޯސްޓްގާޑުގެ އޮޕަރޭޝަނަލް ޤާބިލްކަން އިތުރުވެ ދިވެހި ރާއްޖޭގެ ދިފާޢު އަދި ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގައާއި ރާއްޖޭގެ ކަނޑުގެ ސަރަޙައްދުތައް ބެލެހެއްޓުމަށް ކުރާމަސައްކަތް އިތުރަށް ހަރުދަނާވެގެންދާނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!