ނޮޅިވަރަމުގައި ގުރުއާން ހިތު ދަސްކުރާ ކޮންމެ މީހަކަށް ބައިލައްކަ ރުފިޔާ ދެނީ!

ހދ. ނޮޅިވަރަމްގައި ކީރިތި ޤުރުއާން ހިތުދަސްކުރާ ކޮންމެ މީހަކަށް ބައިލައްކަ ރުފިޔާ ދޭން އެ ރަށު ޓިއުޝަން ސެންޓަރަކުން ނިންމައިފިއެވެ.
ނޮޅިވަރަމު އޭއާރްޔޫ ޓިއުޝަން ސެންޓަރުން ބުނި ގޮތުގައި މި ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ ޤުރުއާން ހިތުދަސް ބަޔަކު ރަށުގައި އުފެއްދާއި މިކަން ކުރަން ގިނަ ބަޔަކަށް ހިތްވަރު ދިނުމެވެ. ގުރުއާން ހިތު ދަސްކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ އުމުރުން 5 އަހަރާއި 25 އަހަރާއި ދެމެދުގެ މީހުންނަށް މިހާރު އެސެންޓަރުން ވަނީ ފުރުސަތު ހުޅުވާލައިފައެވެ.މި ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ މީހުން މި މަސް ނިމުމުގެ ކުރިން ނަން ނޯޓުކުރަން ޖެހެއެވެ.
ނޮޅިވަރަމްގެ ޓިއުޝަން ކުލާހަކުން ޤުރުއާން ހިތުދަސްކުރާ ކޮންމެ މީހަކަށް 50،000ރ. ދޭން ނިންމި އިރު، މިއީ އަމިއްލަ ފަރާތަކުން އެހާ ބޮޑު އިނާމެއް ހުށަހަޅަައިގެން ރާއްޖޭގައި މިކަން ކުރާ ފުރަތަމަ ފަހަރެވެ.
މީގެ ކުރިން އއ. ތޮއްޑޫ ކައުންސިލުންވެސް ވަނީ އެރަށުން ހާފިޒުކަމުގެ ސަނަދު ހާސިލްކުރާ ކޮންމެ މީހަކަށް ބައިލައްކަ ރުފިޔާގެ އިނާމު ދިނުމަށް ނިންމާ އެކަން އިއުލާނުކޮށްފައެވެ.