ޚަބަރު އިޖުތިމާޢީ

ކަނޑުދަތުރުފަތުރު ކުރުމުގައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރެއްވުމަށް ފުލުހުން އިލްތިމާސް ކުރައްވައިފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

މި ދުވަސްވަރަކީ މޫސުން ގޯސް އަދި ކަނޑުތައްވެސް ގަދަ ދުވަސްވަރަކަށް ވުމާއި ދިވެހިރާއްޖޭގެ މޫސުމާބެހޭ އިދާރާއިން ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ސަމާލު ނެރެފައިވާތީ ދަތުރުފަތުރު ކުރުމުގައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރައްވައި މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން އިލްތިމާސްކުރައްވައިފިއެވެ.

Ads by MWSC

ފުލުހުން ވިދާޅުވީ، ކަނޑުދަތުރުފަތުރު ކުރުމުގެ ޤާނޫނާއި ގަވާއިދުތަކާ އެއްގޮތަށް އުޅަނދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމާއެކު އުޅަނދުގައި ފުރިހަމަވެފައި ހުންނަންޖެހޭ މުވާސަލާތީ ވަސީލަތްތަކާއި ލައިފް ޖެކެޓު ހަމައަށް ހުރިތޯއާއި އެތަކެތި ހުރީ ބޭނުންކުރެވޭފަދަ ހާލަތުގައިތޯ ޔަޤީންކުރުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.

އަދި އެ އުޅަނދަކަށް އެކަށީގެންވާ ވަރަށްވުރެ އިތުރަށް މީހުންނާއި މުދާ ނޭރުވުމަށާއި ކަނޑު އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ އުޅަނދު ދުއްވާ ފަރާތްތަކުންވެސް ޚާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމެއްކަމަށް ފުލުހުންވަނީ އާއްމުންނަށް ހަނދުމަކޮށްދެއްވައިފައެވެ.

މީގެއިތުރުން، މޫސުން ގޯވެ، ބޯކޮށް ވާރޭވެހޭ ވަގުތުތަކުގައި އެއްގަމު އުޅަނދު ދުއްވުމުގައިވެސް ސަމާލުކަން ދެއްވުމަށާއި ވައިގަދަ ވަގުތުތަކުގައި ކޮންޓްރޯލްކުރެވޭ މިންގަނޑެއްގައި އުޅަނދުގެ ސްޕީޑް ބެހެއްޓުމާއި ވިއްސާރައިގައި ދުއްވާއިރު، އުޅަނދުގެ ހެޑްލައިޓް ދިއްލުމަކީ ރައްކާތެރިކަމެއްކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

އަދި ވިއްސާރަވެ މަގުމަތީގައި ފެންބޮޑުވެފައިވާ ވަގުތުތަކުގައާއި އެނޫން ވަގުތުތަކުގައި އުޅަނދު ދުއްވާއިރު ހިނގާ މީހުންނަށް ހާއްސަ ސަމާލުކަމެއް ދިނުމަށްވެސް ފުލުހުން ވަނީ އިލްތިމާސްކުރައްވައިފައެވެ.

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!