ދާއޫދަށް މެޑެލް ދިނުމުން ރިޔާޒުގެ ފާޑުކިޔުން، ވިދާޅުވީ ރޭވުންތެރިކަމެއް ހިންގުންތެރިކަމެއް ނެތްކަމަށް

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހު ފުލުހުންގެ ވަޒީފާއިން ވަކިކުރަން ޕޮލިސް ބޯޑުން ލަފާދީފައިވާ ޗީފް ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދަށް ރައީސުލްޖުމްހޫރިއްޔާގެ ޝަރަފްގެ މެޑަލް ދެއްވުމުން އެކަމާއި ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ރިޔާޒް ފާޑުވިދާޅުވެއްޖެއެވެ.
ރިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދު މިފެންނަނީ ވިސްނުމެއް، ރޭވުމެއް އަދި ހިންގުންތެރި ކަމެއްނެތް ބަޔަކު ވެރިކަމުގަ ތިބެގެން ކަންކުރާގޮތައް ކަންތައްތައް ކުރާމަންޒަރު ކަމަށެވެ.
"ރައީސުލް ޖުމްހޫރިއްޔާގެ މެޑަލް ދެވެންވާނީވެސް އަދި އަތުލެވެންވާނީވެސް ބަލަންވާވަރަށް ބެލުމަށްފަހު! ވިސްނުމެއް ، ރޭވުމެއް އަދި ހިންގުންތެރި ކަމެއްނެތް ބަޔަކު ވެރިކަމުގަ ތިބެގެން ކަންކުރާގޮތައް ކަންތައްތައް ކުރާމަންޒަރު މިއަދު މިފެންނަނީ." މިހާރު ރައްޔިތުންގެ މަޖިލީހަށް ތިމަރަފުށީ ދާއިރާގެ މެމްބަރު ރިޔާޒު ވިދާޅުވިއެވެ.
ޗީފް ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދަށް ރައީސުލްޖުމްހޫރިއްޔާގެ ޝަރަފްގެ މެޑަލް ދެއްވުމުން އެކަން ހިނގިގޮތެއް ބަލައިދޭން ޕޮލިސް ބޯޑުން ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ އަރިހުން ވަނީ އެދިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެޑެލް އަކީ ފުލުހުންނަށް ދެވޭ މެޑެލްތަކުގެ ތެރެއިން، ޤަވައިދުގައި ދެވަނަ އަށް ދަރަޖަ ކޮށްފައިވާ މެޑެލް އެވެ. އެއީ ރައީސުލްޖުމްހޫރިއްޔާގެ ކުލަ އަށް ވުރެ ޚާއްސަ ޝަރަފެކެވެ.