ޚަބަރު ސިޔާސީ

އޭޖީ ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅައިފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ގުޅިފައިވާ ޕާޓީތަކުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

Ads by Hajj Corporation

މި މައްސަލަ ހުށަހެޅީ ސަރުކާރާ އިދިކޮޅު ގުޅިފައިވާ ޕާޓީތަކުންނެވެ. އެއީ އިދިކޮޅު ޕީޕީއެމާ ޕީއެންސީގެ އިތުރުން އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަންގެ މެންބަރުންނާއި އެމްއެންޕީ އާއި ޖުމްހޫރީ ޕާޓީންނެވެ.

މިކަމާ ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި ޕީޕީއެމްގެ ޕީޖީ ލީޑަރު އަޙުމަދު ސަލީމް ވިދާޅުވީ ދެކުނުގެ ކަނޑު ވިއްކާލި މައްސަލައާ ގުޅިގެން އެކަމާ ގުޅުން ހުރި ވަޒީރުން ބޭފުޅުންނާއި އެނޫވެސް ކަމާ ގުޅުންހުރި ބޭފުޅުންގެ އިތުބާރު ނެތްކަމުގެ ވޯޓު ހުށަހަޅަން ފަށާފައިވާކަމަށެވެ.

އެގޮތުން މިއަދު ރިފްއަތުގެ މައްސަލަ ހުށަހަޅާފައިވާއިރު، ވަރަށް އަވަހަށް ރައީސް ސޯލާއި ފޮރިން މިނިސްޓަރު ޝާހިދުގެ މައްސަލަ ހުށަހަޅާނެ ކަމަށް ސަލީމް ވިދާޅުވިއެވެ.

މިކަމުގައި ގިނަ ސިޔާސީ ޕާޓީތަކެއްތިބީ އެކުގައި މަސައްކަތް ކުރަން ތައްޔާރަށް ތިބިކަން ފާހަގަކުރައްވައި ސަލީީމް ވިދާޅުވީ، ކޮންމެ ބައެއް ވެރިކަމުގައި ތިއްބަސް ދޫނުކުރެވޭނެ ކަންކަން ހުންނާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤަވައިދުގައި ބުނެފައިވާގޮތުން ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅޭނީ 10 މެންބަރުންގެ ސޮޔާ އެކުގައެވެ.

އޭޖީ ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ކިތައް މެންބަރުން ސޮއި ކުރިތޯ ނޫސްވެރިޔަކު ސުވާލު ކުރުމަށް ސަލީމް ވިދާޅުވީ އިތުބާރު ނެތްކަމަށް ހުށަހަޅާފައިވަނީ ޤަވައިދުގައި ބުނާ އަދަދަށް ސޮއި ހަމަކޮށްފައި ކަމަށެވެ. އެހެންނަމަވެސް ސީދާ އަދަދެއް ވިދާޅެއްނުވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!