އަދީބު އަތުން ދެ މިލިއަން ރުފިޔާގެ ޖޫރިމަނާ ހޯދަން ކޯޓަށް
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަތަކުގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާ ސާބިތުވެ ދައުލަތަށް ދެ މިލިއަން ރުފިޔާ ދެއްކުމަށް ކުރި ޖޫރިމަނާ ހޯދަން ސިވިލް ކޯޓުގައި ދައުވާ ކޮށްފިއެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި އަދީބުގެ މައްޗަށް ދައުލަތުން ކްރިމިނަލް ކޯޓުގައި ހަތް ދައުވާއެއް ވަނީ އުފުލާފައެވެ. މި ދައުވާތަކުގެ އަދަބެއްގެ ގޮތުގައި 20 އަހަރަށް ޖަލަށް ލުމާއި ދެ މިލިއަން ރުފިޔާ އިން އަދީބު ޖޫރިމަނާ ކުރަން ހުކުމް ކުރިއެވެ. އަދި ޖޫރިމަނާ ފައިސާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް ވަނީ އަންގާފައެވެ.
ނަމަވެސް އެ ފައިސާ އަދީބު އެއްކޮށް ދައްކާފައި ނުވާތީ ދައުލަތުގެ ފަރާތުން އެޓާނީ ޖެނަރަލްގެ އޮފީހުން ވަނީ އަދީބު އަތުން އެ ފައިސާ ނަގައި ދިނުމަށް އެދި ސިވިލް ކޯޓުގައި ދައުވާކޮށްފައެވެ.
އަދީބަށް އިއްވާފައިވާ ޖަލު ހުކުމް ތަންފިޒު ކުރައްވަނީ ގޭ ބަންދުގައި ހުންނަވައިގެންނެވެ.