90ވަނަ މެރެތަންއަށް ނަޞްރު ސިންގަޕޫރަށް، ސްޕޮންސަރަކީ މާސްޓަރ ޑިސްޓްރިބިއުޝަން

100 މެރެތަން ހަމަކުރުމުގެ އަމާޒުގައި ދުވަމުން އަންނަ ރާއްޖޭގެ ކާމިޔާބު އެތުލީޓް އަދި ކޯޗް ، ނަސްރުﷲ އަޙުމަދުގެ 90ވަނަ މެރެތަންއަށް މިއަދު ސިންގަޕޫރަށް ފުރައިފިއެވެ.
ނަޞްރުގެ 90ވަނަ މެރެތަންއަކީ އެ ގައުމުގައި އަންނަ ހޮނިހިރު ދުވަހު އޮންނަ އޯސިމް ސަންޑައުން މެރެތަންއެވެ. މިއީ ނަޞްރު ސިންގަޕޫރުގައި ދުވާ 10ވަނަ މެރެތަންއެވެ.
ނަސްރުގެ މި މެރެތަން ސްޕޮންސަރކޮށްފައި ވަނީ ކުޑަކުދިންނަށް ބޭނުންވާ އެކި ސާމާނާއި ދޫންޏާއި ދޫނި ކާނާ ވިއްކުމުގައި ފުޅާ ދާއިރާއެއްގައި މާލެ އަދި ހުޅުމާލޭގައި ވިޔަފާރިކުރާ މާސްޓަރ ފިހާރަތައް ހިންގާ މާސްޓަރ ޑިސްޓްރިބިއުޝަނުންނެވެ.

90ވަނަ މެރެތަންއަށް މާސްޓަރ ޑިސްޓްރިބިއުޝަންއިން ޖާޒީ ޙަވާލުކޮށްދެނީ
"ދެން"އާ ވާހަކަ ދައްކަމުން ނަސްރު ބުނީ ކޮންމެ މެރެތަންއަކީ ވެސް އޭނާއަށް ޚާއްޞަ މެރެތަންއެއް ކަމަށާއި ނަމަވެސް މިމެރެތަންއަކީ 100 ހަމަކުރުމަށް ، ފަހު ދިހައެއް ގުނަން ފަށާ މެރެތަންކަމަށް ވުމާ އެކު މި ދުވުން ވަރަށް ބޮޑަށް ޚާއްސަވެގެންދާ ކަމަށެވެ. އަދި ބައިނަލްއަޤުވާމީ 90 މެރެތަންއާ ހިސާބަށް ދެވުނީ އެކަމުގައި ވަރަށް ގިނަ ބައެއްގެ ހިތްވަރާއި ސަޕޯޓްގެ އިތުރުން މާލީ ގޮތުން ވެސް ވަރަށް ބޮޑު އެހީތެރިކަން ލިބިގެންކަމަށާއި މި ފުރުޞަތުގައި ވެސް އެ ފަރާތްތަކަށް ޝުކުރު އަދާކުރަން ބޭނުންވާކަން ނަޞްރު ފާހަގަކުރިއެވެ.
"އެނގިލައްވާނެ، 90 މެރެތަންއަކީ ވަރަށް މަސައްކަތާއި ވަގުތު، އެއީކީ ފަސޭހަކަމެއް ނޫން ، މި ހިސާބަށް މި އައީ ހަމަ ވަރަށް ގިނަ ބައެއްގެ ހިތްވަރާއި އެހީތެރިކަމާ އެކު ، އަޅުގަނޑުގެ މި މެރެތަން ވެސް ޚާއްޞަކޮށްލަން ބޭނުން ވަނީ އެ ފަދަ ފަރާތަކަށް ، އެއީ އަޅުގަނޑު މި ހިސާބަށް އައުމުގައި ވަރަށް ބޮޑު އެހީތެރިކަމެއް ވެދެއްވި ކާނަލް އަޙްމަދު ޝާރިމް، ކާނަލް ކޮށްދެއްވާ މަސައްކަތަށް ، ރަމްޒީ ހަދިޔާއެއް ދިނުން ބޭނުމަކީ"

ނަސްރު،ކާނަލް ޝާރިމްއާ އެކު
ނަސްރުއަކީ މިހާރު ވެސް ރާއްޖޭގައި ހުރި އެންމެ ގިނަ ބައިނަލްއަޤުވާމީ މެރެތަން ފުރިހަމަކުރި އެތުލީޓެވެ. މީގެ އިތުރުން މި ސަރަހައްދުގައި ވެސް ހުރި އެންމެ ގިނަ މެރެތަން ދުވި ، އެކްޓިވް އެތުލީޓަކީ އޭނާއެވެ. އޭނާ ވަނީ މި އަހަރުގައި ވެސް ދުބާއީ،ނިއުދިއްލީ އަދި އަނަޓޯލިއާގައި މެރެތަން ފުރިހަމަކޮށްފައެވެ.