އޮޅުވާލައިގެން ފްލެޓްތައް ވިއްކާތީ ހުށަހެޅި މައްސަލަ ބޭރުކޮށްލައިިފި
ފްލެޓު ވިއްކުމުގެ ނަމުގައި ގިނަ އަދަދެއްގެ ފައިސާ މީހުންގެ އަތުން ނަގައި ހިޔާނަތްވާ މައްސަލަތައް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ހުށަހެޅި ކުއްލި މައްސަލަ ރައްޔިތުންގެ މަޖިލީހުން މިއަދު ބޭރު ކޮށްލައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެ ކުއްލި މައްސަލަ ހުށަހެޅުއްވީ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒެވެ.
މި ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަތުމަށް ތާއީދު ކުރެއްވީ އެ ވަގުތު ޖަލްސާގައި ތިއްބެވި 47 މެންބަރުންގެ ތެރެއިން 18 މެންބަރުންނެވެ. މައްސަލަ ބަލައިނުގަތުމަށް 24 މެންބަރުން ވޯޓު ދެއްވިއެވެ. މައްސަލަ ބަލައި ގަތުމަށް ބޭނުންވަނީ 23 މެންބަރުންގެ ވޯޓެވެ.
ރިޔާޒް ހުށަހެޅުއްވި ކުއްލި މައްސަލާގައި ވިދާޅުވީ މަކަރާއި ހީލަތުން އެއް ފްލެޓެއް ގިނަ ބަޔަކަށް ވިއްކާ މައްސަލަ އާއި ގިނަ އަދަދެއްގެ ފައިސާ ނެގުމަށް ފަހު ފްލެޓު ނުނިމި ލަސްވުމަކީ ރައްޔިތުން އިންތިހާއަށް ކަންބޮޑުވާ މައްސަލައެއް ކަމަށެވެ.
އަދި ބޯހިޔާވެހިކަމުގެ މަޝްރޫއުތައް އެވޯޑްކުރުމުގައި ސަރުކާރުން އެކަށީގެންވާ ވަރަށް ނުބަލާ ކަމަށާއި މިކަމުގެ ސަބަބުން މަޝްރޫއުތައް ނުނިމި ކުލި ދެއްކުމުގެ ބުރަ ދެގުނަވެ ރައްޔިތުން ބިކަވެފައިވާ ކަމަށް ރިޔާޒް ވިދާޅުވިއެވެ.
ރިޔާޒް ވިދާޅުވީ އެގޮތަށް ލަސްވުމުގެ ސަބަބުން މިހާރު އުޅެމުންދާ ތަނަށް ކުލި ދެއްކުމުގެ ބުރަ ދެގުނަވެ އާންމު ރައްޔިތުން ބިކަވެފައިވާ އިރުވެސް ކަމާބެހޭ އިދާރާތަކުން އަދި ބެލެނިވެރި ފަރާތްތަކުން އެދެވޭ ފިޔަވަޅެއް އަޅާތަން ނުފެންނަ ކަމަށެވެ.