ސަރުކާރު ދެމެހެއްޓުމަށް، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން މަސައްކަތް ކުރައްވާނެ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެމްބަރު އަޙްމަދު ޙަލީމް(ދޮންބިލެތް) ވިދާޅުވެއްޖެއެވެ.
ފ.މަގޫދޫގެ ފެނަކައިގެ އައު އޮފީހާއި، އެ ރަށުގެ ފެނާއި ނަރުދަމާގެ ޚިދުމަތް އިފްތިތާޙު ކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދޮންބިލެތް ވިދާޅުވީ، ރައްޔިތުންނަށް ޚިދުމަތް ކުރުމަށްޓަކައި، 2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގައި ވާދަ ކުރެއްވުމަށް، އެންމެ ބޮޑު ހިތްވަރެއް ލިބިވަޑައިގަތީ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ފަރާާތްޕުޅުން ކަމަށާއި، ދޮންބިލެތް މަޖިލީހުގައި، ބިލެތްދޫ ދާއިރާ ތަމްސީލު ކުރައްވަން ޖެހޭ ކަމަށް، ރައީސް ޞާލިޙު އޭނާގެ އަރިހުގައި ވިދާޅުވިކަން ދޮންބިލެތް ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުވެސް ރައްޔިތުންގެ މަޖިލީހަށް ހޮވުނު ދުވަހުން ފެށިގެން، އަޅުގަނޑުގެވެސް ތަސައްވުރެއް އޮތް، އަޅުގަނޑުގެ ވެސް ވިސްނުމެއް އޮތް. އެ ވިސްނުން އަޅުގަނޑަށް އައި އެންމެ ބޮޑު ސަބަބަކީ، އަޅުގަނޑު މި ދާއިރާއަށް އައި އިރުގައި، މި ދާއިރާގެ ރައްޔިތުން ވަނީ ވަރަށް ބޮޑަށް މާޔޫސް ވެފައި."
ދޮންބިލެތް ވަނީ ދާއިރާގެ ބޮޑު މެޖޯރިޓީއަށް ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ލިބޭނެކަމުގެ ޔަގީންކަން ވެސް ދެއްވާފައެވެ.
ދޮންބިލެތަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވަރަށް އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ބޭފުޅެކެވެ.
އޭނާ މަޖިލީހުގައި މީގެކުރިން މަސައްކަތް ކުރައްވާފައިވަނީ ވެސް، ރައީސް ނަޝީދަށް ތާއީދުކުރައްވައެވެ. އަދި ގެންދެވީ ސަރުކާރަށް ވަރަށްބޮޑަށް ފާޑު ވިދާޅުވަމުންނެވެ.