ފެމިލީ ކޯޓް ރިސެސް އަށް، މައްސަލަތައް ހިނގުން މަދުވާނެ

މިހިނގާ 2023 ވަނަ އަހަރު ފެމިލީ ކޯޓުގެ ފުރަތަމަ ރިސެސް މާދަމާ ފެށޭނެ ކަމަށް އެކޯޓުން ބުނެފިއެވެ.
ފެމިލީ ކޯޓުން މިއަދު ބުނި ގޮތުގައި އެކޯޓު ރިސެސް އަށް ދާނީ މާދަމާއިން ފެށިގެން ޖޫން 15 އާއި ހަމައަށެވެ. އަދި މިމުއްދަތުގައި އެކޯޓުގައި މައްސަލަތައް ހިނގުން މަދުކުރެވޭނެކަމަށްވެސް އެކޯޓުން ވަނީ ބުނެފައެވެ.
"ނަމަވެސް ފޯމު ބަލައިގަތުމާއި ކައިވެނިކޮށްދިނުމާއި އެހެނިހެން އިދާރީ ކަންކަން މެދުނުކެނޑި ކުރިއަށް ދާނެ" ފެމިލީ ކޯޓުން ބުނެފައިވެއެވެ.
އެކޯޓުން އިތުރަށް ބުނިގޮތުގައި މި ރިސެސްގެ މުއްދަތުގައި އެކޯޓުގެ ޤާޟީންނާއި މުވައްޒަފުންނަށް ތަފާތު ތަމްރީނު ޕްރޮގްރާމްތައް ހިނގުމަށް ވަނީ ރޭވިފައެވެ.
ކޯޓުތަކުގެ ގާނޫނުގައިވާ ގޮތުން, ކޯޓުތައް ރިސެސްއަށް ދިޔަ ނަމަވަވެސް އިދާރީ މަސައްކަތްތަކާއި މައްސަލަ ބަލައި ގަތުން މެދުކެނޑުމެއްނެތި ކުރިއަށްގެންދާނެއެވެ. އަދި އެ މުއްދަތުގައި އަޑު އެހުންތައް ނުބޭއްވި ނަމަވެސް ކޮންމެހެން ބާއްވަން ޖެހޭ އަޑުއެހުންތައް ބާއްވާނެއެވެ.