ޚަބަރު ސިޔާސީ

އިންޑިއާ އައުޓު ބެނާ ދެމީ ސަރުކާރުންކަމަށް ކުރި ތުހުމަތު ދޮގުކޮށްފި

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން

ފޯޅަވައްސާއި ދިމާއިން އޮންނަ ރާއްޖޭގެ ކަނޑުގެ ސަރަހައްދު މޮރިޝަސްއަށް ދޫކޮށްލި މައްސަލައިގައި އިދިކޮޅު އިއްތިހާދުން ބޭއްވި އެއްވުމުގައި އިންޑިއާ އައުޓު ބެނާއެއް ދެމިއިރު އެކަން ކުރީ ސަރުކާރުން ކަމަށް ކުރި ތުހުމަތުތައް ދޮގުކޮށްފި އެވެ.

Ads by Sosun Fihaara

ޕީޕީއެމް، ޕީއެންސީ، އެމްއެންޕީގެ އިތުރުން އުމަރު ނަސީރާއި. ޑރ. މުނައްވަރު އަދި ރައީސް މުހައްމަދު ނަޝީދުގެ ދަ ޑިމޮކްރެޓްސްއިން ގުޅިގެން އުފެއްދި އިއްތިހާދުން ބޭއްވި ޖަލްސާއެއްގައި އެންމެ ފަހަތުގައި ތިބި ބަޔަކު ވަނީ އިންޑިއާ އައުޓު ޖަހާފައިވާ ބެނާއެއް ދަމައިފަ އެވެ. އެ ބެނާ ހިފަހައްޓައިގެން ތިބި ކުދިން ތިބީ އެހެން ޖަހާފައިވާ ޓީޝާޓުތަކެއްވެސް ލައިގެންނެވެ.

މިކަން ކުރީ ރައީސް ނަޝީދުގެ ޑިމޮކްރެޓްސްއާ ޖެއްސުމަށް، ސަރުކާރުން ކަމަށް އިދިކޮޅު ޕީޕީއެމްގެ އިތުރުން ޑިމޮކްރެޓްސްއިންވެސް ވަނީ ބުނެފަ އެވެ. އެކަން ކުރީ ސަރުކާރުން ރާވައިގެން އެކަމަށްޓަކައި ފަންޑުކޮށްގެން ފޮނުވި ކުދިންތަކެއް ލައްވައިކަމަށް ތުހުމަތު ކުރެވުނެވެ.

އެކަމާއި ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިއަދު ވިދާޅުވީ އެފަދަ އެއްވެސް ކަމެއްގައި ސަރުކާރުގެ އަތެއް ނުވާނެ ކަމަށެވެ. މިއުވާން ސިފަކުރެއްވި ގޮތުގައި އެއްގަލަކަށް ނޭރޭ ބަޔަކު އެކުވެގެން ބޭއްވި ޖަލްސާއެއްގައި އެއްބަޔަކު އަނެއްބަޔަކަށް ޖެއްސުން ކުރީ އެވެ.

އިދިކޮޅުން ބޭއްވި ޖަލްސާގައި އިންޑިއާ އައުޓު ބެނާ ދެމި މައްސަލަ އިންޑިއާގެ ސަމާލުކަމަށް ގެންނަން ސަރުކާރަށް ތާއީދުކުރާ އެކްޓިވިސްޓުން ވަނީ ސޯޝަލް މީޑިއާގައި އިނގިރޭސިން ޕޯސްޓުތައްވެސް ކޮށްފަ އެވެ. އެގޮތުން އިންޑިއާ އާއި ދެކޮޅަށް އަޑު އުފުލަން ބޭއްވި ޖަލްސާއެއްގައި ރައީސް ނަޝީދުގެ ސަޕޯޓަރުން ބައިވެރިވިކަމަށް އެކްޓިވިސްޓުން ގެންދަނީ ބުނަމުންނެވެ.

އިންޑީއާ އައުޓް ހަރަކާތަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިންޑިއާ ސިފައިން ތިބި ކަމަށް ތުހުމަތުކޮށް، އެ މީހުން ރާއްޖެއިން ފޭބުމަށް ގޮވާލާ، އިދިކޮޅު ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްވެ ހުންނަވައި ފެއްޓެވި ހަރަކާތެކެވެ. އެހެންނަމަވެސް ޕީޕީއެމްއިން ވަނީ އެކެމްޕެއިންގެ އެއްވެސް ހަރަކާތެއް ޖަލްސާގެ ތެރޭގައި ކުރިއަށް ނުގެންދާނެކަމަށް އެއްބަސްވެފަ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!