ރައީސް ޞާލިހު އުކުޅަހުން މާލެ ވަޑައިގެންފި

އއ. އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހު މިއަދު މާލެ ވަޑައިގެންފިއެވެ.
ރައީސް ޞާލިހު އުކުޅަހަށް ވަޑައިގެންނެވީ ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވުމަށެވެ. އޭގެ ތެރޭގައި ރަސްމީ ޖަލްސާގެ އިތުރުން "ބީޓް ޕްލާސްޓިކް ޕޮލިއުޝަން" ގެ ނަމުގައި ބޭއްވި ފެސްޓިވަލްވެސް ހިމެނެއެވެ.
ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވަނީ ހަކަތަ އުފެއްދުމުގައި ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް މި ސަރުކާރުން މަސައްކަތް ކުރާކަމަށް ވިދާޅުވެފައެވެ.
ތިމާވެއްޓާއި ރައްޓެހި ގޮތަކަށް ހަކަތަ އުފައްދުމަކީ މިސަރުކާރުގެ އަމާޒެއްކަމަށްވެސް ވިދާޅުވިއެވެ.
ރައީސް މާލެ ވަޑައިގެންނެވުމުގެ ކުރިން މިއަދު ވަނީ އުކުޅަހު ކައުންސިލާއި އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާ ބައދަލު ކުރައްވައިފައެވެ. ރައީސް އޮފީހުން ވިދާޅުވީ، އެ ބައްދަލުވުންތަކުގައި ރަށުގެ އިގްތިޞާދާއި ގުޅުންހުރި ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރިކަމަށެވެ. އަދި ރަށު ރައްޔިތުންގެ ހުރި ކަންބޮޑުވުންތައްވެސް ރައީސާއި ހިއްސާކުރިކަމަށް އެ އޮފީހުންވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބު ކައިރިވަމުން އަންނައިރު ރައީސް ޞާލިހު ގެންދަވަނީ އަތޮޅުތެރޭގެ ރަށްތަކަށް ދަތުރުތަކެއް ކުރައްވަމުންނެވެ.
ބާކީ މިއޮތް ތިން މަސް ދުވަހު ކޮންމެ ދުވަހަކު ވަޑައިގެން މަޝްރޫއެއް އިފްތިތާޙު ކުރެއްވޭ ވަރަށް މަޝްރޫޢުތައް ނިމެމުން ދާކަމަށް މީގެ ކުރިން ރައީސް ޞާލިހު ވިދާޅުވިއެވެ.
އެހެންނަމަވެސް މިހާތަނަށް އައިއިރު ރައީސް ޞާލިހު ގިނައިން ވަޑައިގެންފައިވަނީ މަޝްރޫއުތައް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައޮގެން އެއްބަސްވުމުގައި ސޮއިކުރެއްވުމަށެވެ. ދާދި ފަހުން ވަނީ އައްޑޫ ތަރައްގީ ކުރުމުގެ މަޝްރޫއުތަކެއް ފެށުމަށް އެސިޓީއަށްވެސް ރައީސް ވަޑައިގެންފައެވެ.