ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ދުރުކުރަންޖެހޭ ސަބަބެއް ނެކަމަށް ދަނގެތީ ދާއިރާގެ މެމްބަރު އަދި މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރައީސް ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
ނަޝީދު މަގާމުން ވަކިކުރުމުގެ މަސައްކަތް ފަށާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ކޮންޓްރޯލް ކުރާ އެމްޑީޕީންނެވެ. މިހާތަނަށް 50 މެމްބަރަކު ސޮއިކުރައްވައި މަޖިލީހަށް ހުށަހަޅަން ތައްޔާރުކޮށްފައިވާ އިތުބާރު ނެތްކަމުގެ ލިޔުމުގައި އެހެން ޕާޓީތަކުގެ މެމްބަރުންނާއި އަމިއްލަ މެމްބަރުންވެސް ގެންދަވަނީ ސޮއި ކުރައްވަމުންނެވެ.
މިކަމާއި ގުޅޭގޮތުން މެމްބަރު ނާޒިމް ވިދާޅުވީ މަޖިލީހުގެ ރައީސް ކަމަށް ނަޝީދު ހަމަޖެއްސި ދުވަހުން ފެށިގެން މިއަދާއި ހަމަޔަށް ކަންކަން ނުކުރައްވާ ވަކި އާ ގޮތަކަށް އެ މަނިކުފާނު ކަންތައްތަކެއް ކުރައްވާތަން ފެނިވަޑައިނުގަންނަވާ ކަމަށެވެ.
"މިދެންނެވީ ނަޝީދު މަޖިލީހަށް އިންތިހާބުކުރި ދުވަހުން ފެށިގެންވެސް ކަންކަން ކުރައްވާ ގޮތަށޭ މިހާރުވެސް އެ ކުރައްވަނީ." ނާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިހާރު ރައީސް ނަޝީދު ގޯސްވެގެން އުޅެނީ ވަކި ބޭފުޅަކު ބޭނުންވާ ގޮތަށް ކަންކަން ނުވުމުން ކަމަށެވެ. އެހެންވެ މިމައްސަލައިގައި ނަޝީދާއި ދެކޮޅަށް ވޯޓު ނުދެއްވާނެ ކަމަށްވެސް ނާޒިމް ވަނީ ވިދާޅުވެފަ އެވެ.
ރައީސް ނަޝީދު މަޖިލީހުގެ ރައީސްކަމަށް އިންތިހާބުވެވަޑައިގެން ދާދި ފަހަކާއި ޖެހެންދެން އަމަލުތައް ބެހެއްޓެވީ ސަރުކާރާއި އެއްކޮޅަށެވެ. އެހެންނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި ހިޔާލު ތަފާތުވެ މިހާރު ސަރުކާރުން ބޭނުންވާ ގޮތަށް ބައެއް ކަންކަން ކުރަމުން ނުދާތީ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރުން ގެންދަވަނީ ޝަކުވާ ކުރައްވަމުންނެވެ.
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައިފިނަމަ ފާސްވާނެ ކަމަށް ބެލެވެ އެވެ. ވާހަކަ ދެކެވޭ ގޮތުގައި ދެން މަޖިލިސް ރައީސްކަމަށް އަންނާނީ އެމްޑީޕީގެ މިހާރުގެ ޕީޖީ ގްރޫޕު ލީޑަރު މުހައްމަދު އަސްލަމް އެވެ. އެމްޑީޕީ ޕީޖީން އެގޮތަށް ނިންމައިފިނަމަ ރިޔާސަތާއި ހަވާލުވާން ތައްޔާރަށް ހުންނެވިކަމަށްވެސް އަސްލަމް އިއްޔެ ވަނީ ވިދާޅުވެފަ އެވެ.
ނާޒިމްގެޚިޔާލުގޯސް މަޖުލިސް ހިނގަންޖެހޭ އަންނިސޮރު ދުރުކޮށްފައި
ގޮނޑީގައި ސޭލް ގޮޅީގައި ސޭލް
މިއަދު ދިވެހިރާއްޖޭގެ ސިޔާސީ މާރުކޭޓްގައި ސިޔާސީ މީހުން ސިޔާސީ ގޮޅިތަށް ބެހިފައިވަނީ 4 ކެޓަގަރީއަކަށް !
1/ ޖީއެމްއާރު ޗޯރުން
2/ އެމްއެމްޕީއާރުސީ ޗޯރުން
3/ ވެންޓިލޭޓަރު ޗޯރުން
4/ ފޯޅަވަހި ޗޯރުން
މިއިން ކެޓަގަރީއެއްގައި ނުލައްވާ ސިޔާސީ މީހަކު މަދުވާނެ !