އަންނަ ސެޕްޓެމްބަރު މަހު ބޭއްވުމަށް ތައްޔާރުވަމުންދާ ރިޔާސީ އިންތިހާބާއި ގުޅޭ ބޮޑެތި ނިންމުންތައް ނިންމާއިރު ލަފާ ދޭ ކޮމިޓީއާއި އިލެކްޝަންސް ކޮމިޝަނުން މަޝްވަރާ ނުކުރާތީ އިދިކޮޅުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އިދިކޮޅު ޕީޕީއެމް – ޕީއެންސީ ކޮންގްރެސްގެ ލީޑަޝިޕްގައި ހިމެނިވަޑައިގަންނަވާ ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝުޖާއި މިކަންބޮޑުވުން ފާޅު ކުރައްވައި ސޯޝަލް މީޑިއާގައި ވިދާޅުވީ ރިޔާސީ އިންތިހާބާއި ގުޅޭ ބޮޑެތި ނިންމުންތައް އިލެކްޝަނުން ނިންމާއިރު ލަފާދޭ ކޮމިޓީގައި "ހޭ" އަހައިނުލާ ނިންމުމަކީ ޒިންމާދާރުކަން ކުޑަ އަދި ވޯޓު އޮޅުވައިލުމަށް ކުރެވޭ ހީލަތްތެރި ކަންކަން ކަމުގައި ދެކޭ ކަމަށެވެ. ޝުޖާއު މި އިޝާރާތް ކުރެއްވީ އިންތިހާބުގައި ވޯޓު ލާ ފަރާތްތައް ރީ ރަޖިސްޓާ ކުރުން އޮންލައިންކޮށް ކުރިއަށް ގެންދަން މިއަދު ނިންމުމާއި ގުޅިގެންނެވެ.
އިލެކްޝަނުން މިއަދު އާންމުކުރި ގަވާއިދުގައި ވަނީ އެކޮމިޝަނުން ކަނޑައަޅާ ހާއްސަ ޕޯޓަލްއެއް މެދުވެރިކޮށް ރީ ރަޖިސްޓަރ ކުރެވޭ ގޮތަށް ކަނޑައަޅައިފަ އެވެ. މިއީ ރިޔާސީ އިންތިހާބެއްގައި މިގޮތަށް އޮންލައިކޮށް މިކަން ކުރަން ނިންމި ފުރަތަމަ ފަހަރެވެ.
މީގެ އިތުރުން ސްކޫލުތަކުގައި ކިޔަވައިދޭ އިރުއާއި ދަރުސްތައް ދޭއިރު ކެމްޕެއިން ނުކުރުމަށްވެސް އިލެކްޝަނުން މިއަދު ވަނީ އަންގައިފަ އެވެ. އަދި ދެ ކެނޑިޑޭޓުންނަށް އެއްތަނެއްގައި އެއްފަހަރާ ކެމްޕެއިން ހަރަކާތްތައް ކުރިއަށް ނުގެންދެވޭނެ ކަމަށާއި އެންޓި ކެމްޕެއިން ނުކުރެވޭނެ ކަމަށްވެސް ވަނީ އަންގައިފަ އެވެ.
މިކަމާއި ގުޅިގެން ޝުޖާއު ވިދާޅުވީ ހުރިހާ ރައްޔިތުންގެ އަނގައިގައި ޓޭޕު އަޅައި، ކަނު ބަނދެފައި ބައިިތިއްބައިގެން ވޯޓު ލިޔަސް ރައީސް ޞާލިހު ބަލިކުރާނެ ކަމަށެވެ.
"އަދި 100 ދުވަހުގެ ތެރޭގައި ކަނޑުވިއްކާލި މައްސަލައިގެ ތަހުގީގު ފަށާނަން. ގައުމަށް ގެއްލިފައިވާ މިނިވަންކަން ހޯދޭނީ މީނަ (ރައީސް ޞާލިހު) ވެރިކަމުން ބާލައިގެން" ޝުޖާއު ވިދާޅުވި އެވެ.