ސެމްބެގެ މޫނު މަތީގައި ޝަރީފް ޖެހި ކަމަށް ތުހުމަތު ކޮށްފި
ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ލިޔެފައިވާ ފޮތުން މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފްގެ މޫނު މަތީގައި ޖެހިކަމަށް މެންބަރު ހުސައިން ތުހުމަތު ކުރައްވައިފިއެވެ.
ސެމްބެ ވިދާޅުވީ މެމްބަރުން ނިޒާމީ ނުކުތާ ނަންގަވަމުން ގެންދެވި ވަގުތު ޝަރީފްގެ ގޮނޑި ކައިރިއަށް ވަޑައިގަތުމުން ޝަރީފް އޭނާގެ މޫނުމަތީ ޖެހި ކަމަށެވެ. އެކަމާ ރިޔާސަތުން އެއްވެސް ވަރަކަށް އަޅާނުލެއްވި ކަމަށް ސެމްބެ ވިދާޅުވިއެވެ.
"މަރަދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު ގަވައިދު ފޮތުން އަޅުގަނޑު މޫނުމަތީ ޖެހިއިރު އިއްޒަތްތެރި ރައީސް ތިއިންނެވީ އެއްވެސް ކަމަކާ ފަރުވާލެއް ނުބަހައްޓާ” ސެމްބެ ވިދާޅުވިއެވެ.
މެމްބަރު ޝަރީފް ނިޒާމީ ނުކުތާ ނަންގަވައި ވާހަކަދައްކަވަމުން ގެންދެވި ވަގުތު ޝަރީފްގެ ގޮނޑި ކައިރިއަށް ސެމްބެ ވަޑައިގެން ޝަރީފް އޭނާގެ މޫނުމަތީ ޖެހި ކަމަށް ވިދާޅުވަމުންގެންދެވިއެވެ. މިއާއެކު ސެމްބެ އާއި ޝަރީފާއި ދެމެދު ބަހުގެ ހަމަލާތައް ބަދަލު ކުރަން ވަނީ ފަށާފައެވެ.
“ގަވާއިދާ ހިލާފަށް އަޅުގަނޑު ހުރި ގޮނޑިޔާ ހަމަޔަށް އަންނަ ކަމަށް ވަންޏާ ނަން އިއްވާފަ ބޭރުކުރަން ޖެހޭނެ” ޝަރީފް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތައް އަލުން އެކުލަވާލުމުގެ މަސައްކަތް އެޖެންޑާކޮށް މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމާ އެކު ސަރުކާރާ ދެކޮޅު މެންބަރުން ރިޔާސަތައް ހުރަސް އަޅެމުން، މަޝްވަރާއަށް މިއަދުގެ ޖަލްސާ ވެސް ވަނީ މެދު ކަނޑާލައިފައެވެ.
މަޖިލީހުގައި މިއަދު ފުރަތަމަ މަސައްކަތަކަށް އޮތީ އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ކުއްލި މައްސަލައެއް ހުށަހެޅުއްވުމެވެ. މިމައްސަލަ ހުށަހަޅުއްވަމުން ދަނިކޮށް މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވަނީ ނިޒާމީ ނުކުތާ ނަންގަވައި މަޖިލިސް ކުރިއަށް ގެންދަވަނީ މަޖިލީހުގެ ގަވާއިދާއި ޚިލާފަށް ކަމަށް ވިދާޅުވެފައެވެ.
އާޒިމްގެ ނިޒާމީ ނިކުތާއާއިއެކު މަޖިލީހުގައި އަޑުގަދަވެ، އިދިކޮޅު މެމްބަރުންވަނީ މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދަވަން ވާނީ ގަވާއިދާއި އެއްގޮތަށް ކަމަށް ވިދާޅުވެފައެވެ. އަދި އެއް މެމްބަރަކު އަނެއް މެމްބަރަކަށް ބަހުގެ ހަމަލާ ދީ، ދަ ޑިމޮކްރެޓްސް އަށް ނިސްބަތްވާ މެމްބަރުން ވަނީ މަޖިލިސް ރިޔާސަތުގެ ކުރިމަތީގައި ހުއްޓިތިބެގެން ރައީސް ޞާލިޙަށް ޗޯރަށް ގޮވާފައެވެ.
މަޖިލީހުގައި މެމްބަރުންގެ ނިޒާމީނުކުތާތަކާއި އަޑުގަދަ ކުރުންތަކާއިއެކު މަޖިލީހުގެ ރިޔާސަތުން ނިންމެވީ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކައި މަޝްވަރާ ކުރައްވުމަށްފަހު ޖަލްސާ ކުރިއަށް ގެންދެވުމަށެވެ.