މަސްވެރިންނަށް ވަގުތުން ފައިސާ ނުލިބޭތީ ޖާބިރު ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި
މަސްވެރިންނަށް ހައްގުވާ ފައިސާ ވަގުތުން ވަގުތަށް ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ގޮވާލައި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.
އެ މައްސަލަ ބަލައިނުގަތުމަށް 19 މެންބަރުން ވޯޓު ދެއްވިއިރު، މައްސަލަ ބަލައިގަނެ ބަހުސް ކުރުމަށް ވޯޓު ދެއްވީ 18 މެންބަރުންނެވެ. މައްސަލަ އަށް ބަހުސް ކުރުމަށް 19 މެމްބަރުންގެ ވޯޓު ބޭނުންވެ އެވެ.
ޖާބިރު ހުށަހެޅި އެ މައްސަލައިގައި ބުނީ ރާއްޖޭގެ އިގްތިސާދީ އެއް ސިނާއަތަކީ މަސްވެރިކަން ކަމަށްވާއިރު މަސްވެރިން ބާނާ މަހަށް ހަމަ އަގު ނުދީ މަސްވެރިންނަށް ލިބެން ޖެހޭ ފައިސާގެ ބަދަލުގައި ފައިސާ ރަސީދު ދީ އެތައް ދުވަހަކު މަސްވެރިންނަށް ލިބެން ޖެހޭ ފައިސާ ނުދީ ހިފަހައްޓަމުންދާ މަންޒަރު މިހާރު ފެންނަމުންދާ ކަމަށެވެ.
"ދިވެހި މަސްވެރިން އާމްދަނީ ހޯދަން އެދަނީ ޅ.އަތޮޅަށް މަސް ކިރުމުގައި އެފަރާތްތަކަށް އެވަގުތު ދޭ ފައިސާގެ ރަސީދު ހިފައިގެން ލ.އަތޮޅަށް ގޮސް އަމިއްލަ ޖީބުގައި ހުރި ފައިސާއިން އައިސް ގަނެގެން" ޖާބިރު ވިދާޅުވިއެވެ.
ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑްގެ ސަބަބުން އިގްތިސޯދަށް އައި ކުއްލި ލޮޅުމާ ގުޅިގެން ލިބުނު ގެއްލުންތަކާ ގުޅިގެން ވެސް މަސްވެރި އާއިލާތަަކަށް ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށްވެސް އެ މައްސަލައިގައި ބުނެފައިވެއެވެ.
މީގެއިތުރުން ސަރުކާރުން ޗައިނާއާ އެކު ހަދާފައިވާ ފްރީ ޓްރޭޑް އެގްރީމެންޓްގެ ދަށުން މަސްވެރިންނަށް ލިބިދޭން ޖެހޭ މަންފާތައް ހިފަހައްޓައި މަސްވެރިކަމުގެ ދޮރުތައް ބަންދުކޮށް މިސަރުކާރުން މަސްވެރިންނަށް ވެފައިވާ ވައުދުތައް ނުފުއްދައި މަސްވެރިން މަގުމަތިކޮށް ނިކަމެތި ކުރަމުންދާ ކަމަށްވެސް ބުނެފައިވެއެވެ.
އަދި ލިބެންޖެހޭ ހައްގުތަށް ކަށަވަރުކުރުމަށް މަސްވެރިން މުޒާހަރާއަށް ނިކުންނަންޖެހޭ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށާއި އެހެންކަމުން ޗައިނާ މޯލްޑިވްސް ފްރީ ޓްރޭޑް އެގްރީމެންޓްގެ ދަށުން، ހައްލު ގެނެސް މަސްވެރިންނަށް ހައްގުވާ ފައިސާގެ މިންވަރު ވަގުތުން ވަގުތަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ވެސް އެ މައްސަލައިގައި ވަނީ ބުނެފައެވެ.