ނަދީމްގެ މަރު: ދައުވާކުރާ މީހުން ބަންދުކުރަން ދައުލަތުން އެދިއްޖެ
ޓާމިނަލް ކެފޭގެ ތެރެއަށް މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަދެ ތޫނު އެއްޗަކުން ހަމަލާދީ ނަދީމް އިބްރާހިމް މަރާލި މައްސަލާގައި ދައުވާކުރާ މީހުން ބަންދުކޮށްދިނުމަށް ދައުލަތުން ހައި ކޯޓުގައި މިއަދު އެދެފިއެވެ.
ނަދީމްގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވަނީ ގ. ޝާރާޒް، މުހައްމަދު މަފާޒު ހުސައިން ސަލީމް އާއި ލ. ގަން ވިދާތަރި އަލީ ނިފާޒުގެ އިތުރުން ރ. އިންނަމާދޫ ސަމަންތާ ހުސައިން ޝާމިން އާއި ގއ ގެމަނަފުށި ހަވާސް، މުހައްމަދު ކަރަމް ސުހައިލްގެ މައްޗަށެވެ.
އެ މައްސަލާގައި މަފާޒުގެ މައްޗަށް އުފުލާފައި ވަނީ ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގެ ދައުވާއެވެ.
އަނެއް ތިން މީހުންގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވި ކަމުގެ ދައުވާއެވެ.
މި މައްސަލައިގައި ހައިކޯޓުގައި މިއަދު އޮތް އަޑު އެހުމުގައި ދައުލަތުން އެދުނީ ކޯޓަށް މިއަދު ހާޒިރުވީ ދެ މީހުން ބަންދުކޮށްދިނުމަށެވެ. އެހެންނަމަވެސް މިއަދު ކޯޓަށް ހާޒިރުވީ ދެ މީހުންގެ ފަރާތުން ވަކީލަކު ނެތުމުން ކޯޓުން ނިންމީ ވަކީލަކު ހޯދުމަށް އެ މީހުންނަށް ތިން ދުވަހުގެ ފުރުސަތެއް ދިނުމަށެވެ. ތިން ދުވަސް ފަހުން ބަންދާ މެދު ގޮތެއް ނިންމާނެ ކަމަށް ޝަރީއަތުން ބުންޏެވެ.
ޓާމިނަލް ކެފޭ ތެރޭގައި ނަދީމް އިންދައި، މޫނު ނިވާކޮށްގެން ވަން ބަޔަކު އޭނާގެ ބޮލަށް ވަޅިން ހަމަލާދިނީ ޖުލައި 27، 2017 ވަނަ ދުވަހުގެ އިރުއޮއްސި 6:30 ހާއިރުއެވެ.