ރައީސް ޔާމީނުގެ ލަފާފުޅުގެ މަތިން ޕީޕީއެމުން ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމްއާއިއެކު ބައްދަލުވުމެއް ބާއްވައިފި
ރައީސް ޔާމީނުގެ ލަފާފުޅުގެ މަތިން، އިދިކޮޅު ޕީޕީއެމާއި ޕީއެންސީގެ ލީޑަޝިޕުން ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ގާސިމް އިބްރާހިމްއާ މިއަދު ބައްދަލުކުރައްވައިފި އެވެ.
މަޢުލޫމާތުލިބޭ ގޮތުގައި މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ޤާސިމް ހުންނަވާ ޕެރަޑައިސް އައިލެންޑު ރިސޯޓުގައިއެވެ.
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް، ރައީސް ޔާމީނަށް އިންތިޚާބުގައި ވާދަކުރެއްވިދާނެކަމާމެދު ރައްޔިތުންގެ މެދުގައި ސުވާލު އުފެދިފައިވަނިކޮށް، ޕީޕީއެމްގެ އިސް ބޭފުޅުން ޤާސިމާ މިއަދު ބައްދަލުކުރެއްވީ ރައީސް ޔާމީނު އެކަމަށް އެދިވަޑައިގަތުމުންނެވެ.
އަދި މި ބައްދަލުވުމަކީ ޤައުމުގައި ހުރި ބޮޑެތި މައްސަލަތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވި މުހިންމު ބައްދަލުވުމެއްކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެފައިވެއެވެ.
މި ބައްދަލުމުގައި ގާސިމްގެ އަރިހުގައި ޕީޕީއެމްގެ ކުރީގެ މެމްބަރު އަޙްމަދު ނިހާނު ޙުސެއިން މަނިކު ބައިވެރިވެ ވަޑައިގެންނެވިއިރު، ޕީޕީއެމް/ޕީއެންސީގެ ފަރާތުން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އާއި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު (ޓޮމް) އާއި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމްގެ އިތުރުން ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފް ބައިވެރިވެވަޑައިގަތެވެ.
އަދުރޭ ކުރެއްވި ޓްވީޓެއްގައި މި ބައްދަލުވުމުގެ ފޮޓޯތަކެއް ޙިއްޞާކުރައްވާފައިވީނަމަވެސް، ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންތައްތަކުގެ ތަފްޞިލެއް ދެއްވާފައިނުވެއެވެ.
ރިޔާސީ އިންތިޚާބަށް ވަގުތު ކުޑަތަންވެފައިވާއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ބަދަލު ކުރަން މަސައްކަތްކުރުމުގެ ގޮތުން، އިދިކޮޅުން އަންނަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ ދަ ޑިމޮކްރެޓްސްއާއެކުވެސް މަޝްވަރާކުރަމުންނެވެ.
ޖުމްހޫރީ ޕާޓި އޮންނަނީ ސަރުކާރުގެ ކޯލިޝަނުގައި ކަމަށްވިޔަސް، އެ ޕާޓީން ރިޔާސީ އިންތިޚާބުގައި ވަކިން ވާދަކުރަން ވަނީ ނިންމާފައެވެ.