ޚަބަރު

ޖިންސީ ގޯނާ އާއި ފުރައްސާރަ ކުރި އެއްވެސް މީހަކު ނުހުންނާނެ ކަމަށް އަލީ ވަހީދު ހުވާ ކުރައްވައިފި 

ރައުފާ ރަޝީދު ، ދެން އޮންލައިން

ޖިންސީ ގޯނާ އާއި ފުރައްސާރަ ކުރި އެއްވެސް މީހަކު ނުހުންނާނެ ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ހުވާ ކޮށްފިއެވެ.

Ads by MWSC

އަލީ ވަހީދަށް ކުރެވުނު ސީރިއަސް ބޮޑެތި ތުހުމަތުކުން ސަލާމަތްވެގެން މިއަދު އެނބުރި ރާއްޖެ ވަޑައިގެން ނޫސްވެރިން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން އަލީ ވަހީދު ވިދާޅުވީ ޖިންސީ ގޯނާގެ ކުށުގެ ދައުވާތަކަކީ އެއްވެސް އަސްލެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ. އެފަދަ ކަމެއް ކޮށްފައި ނުވާނެ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

"އަޅުގަނޑު ހަމަ ހުވާ ކޮށްފަ މި ދަންނަވަނީ. ނޯންނާނެ. ޖިންސީ ގޯނާއެއް ޖިންސީ ފުރައްސާރައެއް, ރޭޕެއް އެއްވެސް ކަމެއް ކޮށްފައެއް ނޯންނާނެ" އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވީ 15 މީހުންނަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާއިރު އެކަމާ ގުޅޭ އެއްވެސް ހެއްކެއް ދައްކާފައި ނުވާ ކަމަށެވެ. އެކަން ކުރެެއްވި ނަމަ ހެކި ދެއްކުމަށް އަލީ ވަހީދު ވަނީ ބުނެފައެވެ.

"15 މީހުންގެ ވާހަކަ ތި ވިދާޅުވަނީ. ދައްކާ އެކެއް. ދައްކަވާ ޓެކްޓް މެސެޖެއް. ދައްކަވާ ހިނގި ހާދިސާއެއް, ދިޔަ ތަނެއް, ވަކީލުންނަށް އިނގޭނެ ފްރޭމް ކުރުމުގެ ކަންތައްތައް ކުރީ ކޮން ބައެއް ކަން" އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވީ ޖިންސީ ގޯނާ ކުރި ކަމަށް ފްރޭމް ކުރި މީހުން ބޭނުންވީ އިތުުރު އެއްވެސް ބަޔަކު ނުވައްދާ ގާނޫނުގެ ތެރެއިން މައްސަަލަ ކުރިޔަށް ގެންދަން ކަމަށެވެ. އަދި އެ މުވައްޒަފުން އެކަން ކޮށްފައިވަނީ ސިޔާސީ ބޭނުމަށް ސިޔާސީ ބައެއް އަޑީގައި ތިބެގެން ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

"ނޯންނާނެ, ފަހުން ވެސް އިއްޔެވެސް މިއަދުވެސް ނޯންނާނެ. އަޅުގަނޑު ފްރޭމް ކުރި ބަޔަކު މަސައްކަތް ކުރީ އާއިލާވެސް ނޫށްވެރިންވެސް ނުވައްދާ, ގާނޫނުގެ ތެރެއިން އެކަން ކޮށްގެން ގޮސް މަދުވެގެން 35 އަހަރަށް ޖަލަށް ލާން" އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވީ އޭނާ ރާއްޖެ ވަޑައިގަތީ އޭނާއަށް ކުރެވުނު ތުހުމަތުތަކަށް ނިޒާމުގެ ތެރެއިން އިންސާފު ހޯދައިގެން ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!