ޚަބަރު ސިޔާސީ

ފުލުުހުންގެ މުއައްސަސާގެ ޒާތުގައި މަސައްކަތް ކުރަން ފުރުސަތު ދިނީ މިސަރުކާރުން: ރައީސް

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ފުލުުހުންގެ އިދާރާ މިނިވަންކޮށް މުއައްސަސާގެ ޒާތުގައި މަސައްކަތް ކުރަން ފުރުސަތު ދިނީ މިސަރުކާރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ރައީސް މިހެން ވިދާޅުވީ ރިޔާސީ ކެމްޕޭނަށް މިހާރު މީމު އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެއަތޮޅު ކޮޅުފުއްޓަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައެވެ.

ރައީސް ވިދާޅުވިގޮތުގައި މީގެ ކުރީގެ ސަރުކާރުތަކުން ސިޔާސީ ބޭނުމެއްގައި ވަކި މީހަކާ މެދު ވަކި ގޮތަކަށް ކަން ކުރަން ވީމާ ވެސް ކޮމިޝަނަރު ބަދަލުކޮށް، ފުލުހުންގެ ތެރެއަށް ބަދަލުތައް ގެންނަމުން ގޮސްފައިވާކަމަށާއި މީގެ ކުރިން ވޭތުވެދިޔަ ފަސް އަހަރުގެ ސަރުކާރުގައި ޕޮލިސް ކޮމިޝަނަރު ފަސް ފަހަރަށް ބަދަލުވި ކަމަށެވެ.

އަދި މިނިސްޓަރު އިމްރާން ހޯމް މިނިސްޓަރު ކަމާއި ހަވާލުވެ ވަޑައިގެންނެވުމަށްފަހު ބޮޑެތި އިސްލާހީ ބަދަލުތަކެއް ގެނެސްދެއްވާފައިވާކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ފުލުހުންގެ ތެރޭގައި ގާބިލް ބޭފުޅުން ތިއްބެވި ނަމަވެސް އެ ބޭފުޅުންނަށް މަސައްކަތެއް ކޮށްލަން ފުރުސަތެއް ލިބިފައިނުވާކަމަށެވެ.

އަންނަ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ރައީސް މިހާރު މީމު އަތޮޅާއި ވާވު އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ވަޑައިގަންނަވާނީ މ. ކޮޅުފުށި، ނާލާފުށި، މުލި އަދި މުލަކަށެވެ. އޭގެ ފަހުގައި ވ. ރަކީދޫ، ކެޔޮދޫ، ފެލިދޫ، ތިނަދޫ އަދި ފުލިދޫއަށް ވަޑައިގަންނަވާނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!