ހޮލީވުޑް މުނިފޫހިފިލުވުން

ހައިރާން ކުރުވި ހަފްތާ ބަންދެއް، އޯޕެންހައިމާގެ މައްޗަށް ބާބީ ކުރި ހޯދައިފި

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން

80 މިލިއަން ޑޮލަރާއިއެކު ފުރަތަމަ ދެ ދުވަސް ނިންމައިލި "އޯޕެންހައިމާ" ގެ ރެކޯޑު މުގުރާލައި "ބާބީ" ފުރަތަމަ ދެ ދުވަހު އެކަނިވެސް 155 މިލިއަން ޑޮލަރު ހޯދައިފިއެވެ.

Ads by MWSC

ނިމިގެންދިޔަ ހަފްތާ ބަންދުގައި މި ދެފިލްމުވެސް ރިލީޒް ކޮށްފައިވާއިރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގިނަ މީހުން ޝައުގުވެރިވީ "ބާބީ" ބަލާށެވެ. މިއީ ވަރަށް ބޮޑު ހައިރާންކަމެއް ލިބުނު ކަމަކަށް ވިއެވެ. ސަބަބަކީ "އޯޕެންހައިމާ" އަކީ ހޮލީވުޑްގެ އެންމެ މަގުބޫލު އެއް ޑައިރެކްޓަރު ކްރިސްޓޮފާ ނޯލަންގެ ފިލްމަކަށް ވުމުންނެވެ.

އެހެންނަމަވެސް މުޅިން އަލަށް އެއް ކަމެއް ފާހަގަވިއެވެ.

ސިނަމާތަކުގައި ދެ ފިލްމުގެ ޓިކެޓު އެއްކޮށް ވިއްކަން ފެށުމުން އެއް ފިލްމު އިހުތިޔާރު ކުރުމުގެ ބަދަލުގައި ގިނަ ބަޔަކު ދެފިލްމުގެ ޓިކެޓުވެސް ނެގިއެވެ. ގިނަ މީހުން ބޭނުންވީ ހަފްތާ ބަންދު ނިމުމުގެ ކުރިން ދެ ފިލްމުވެސް ބަލާށެވެ.

ނިމިގެން މި ދިޔައީ ފިލްމީ ދުނިޔޭގައި ވަރަށް ހައިރާން ކުރުވަނިވި ދެ ދުދުވަހެވެ. ވަރަށް ކާމިޔާބު ދެ ދުވަހެވެ. މުޅިން ތަފާތު ދެ ޖޯންރާގެ ދެ ފިލްމަށްވެސް މިވަނީ ކާމިޔާބު ލިބިފަ އެވެ. އެހެންނަމަވެސް ހީކުރި ގޮތާއި ހިލާފަށް ކުރި ހޯދީ "ބާބީ"އެވެ.

"އޯޕެންހައިމާ" އިން ފެނިގެން ދަނީ ހޮލީވުޑްގެ އެންމެ މަޝްހޫރު ތަރިންނެވެ. އޭގެ ތެރޭގައި ކިލިއަން މާފީ، ފްލޯރެންސް ޕިއޫ، ރޮބާޓް ޑައުނީ ޖޫނިއާ، އެމިލީ ބްލަންޓް، ޖެކް ކުއައިޑް، ރާމީ މަލެކްގެ އިތުރުން މެޓް ޑޭމަން ހިމެނެއެވެ. މިފިލްމު ލިޔެ ޑައިރެކްޓު ކުރީ ކްރިސްޓޮފާ ނޯލަންއެވެ. މިފިލްމު އުފައްދަން 100 މިލިއަން ޑޮލަރު ހަރަދު ކުރިއެވެ.

"ބާބީ" ގެ ކާސްޓުންގެ ތެރޭގައި މާގޮޓް ރޮބީ، ރަޔާން ގޮސްލިންގް، ވިލް ފެރެލް، އެމާ މެކީ، ސިމޫ ލިއުގެ އިތުރުން މައިކަލް ސެރާ ހިމެނެއެވެ. މިފިލްމު ލިޔެ ޑައިރެކްޓު ކުރީ ގްރޭޓާ ގާވިގްއެވެ. މިފިލްމު އުފައްދަން 145 މިލިއަން ޑޮލަރު ހަރަދު ކުރިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!