ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މައްސައިގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި ރިޝްވަތު ދިނުމާއި މަނީ ލޯންޑަރިންގެ ކުށުގައި 11 އަހަރަށް ޖަލަށްލުމާއެކު ކުރި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ ފައިސާ ހޯދަން ދައުލަތުން ސިވިލް ކޯޓަށް ހުށަހަޅައިިފިއެވެ.
އެޓާރނީ ޖެނެރަލްގެ އޮފީހުން ކުރި ޓްވީޓެއްގައި ވިދާޅުވީ ކްރިމިނަލް ކޯޓުން ޢަބްދުﷲ ޔާމީންގެ މައްޗައް ކުރެވުނު ޙުކުމުގެ ދަށުން ދައްކަންޖެހޭ ފަސް މިލިއަން ޑޮލަރު އެ ޙުކުމުގައި ދީފައިވާ މުއްދަތުގައި ދައްކާފައިނުވާކަމަށެވެ. އަދި މޯލްޑިވްސް އިންލަންޑް ރެވެނިއު (މީރާ) އިން އެ ފައިސާ ދެއްކުމަށް އަންގައި ރައީސް ޔާމީނަށް ފޮނުވި ނޯޓިހާއި އެއްގޮތަށް އެ ފައިސާ ދައްކާފައިނުވާތީ، ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ ދަށުން ޙުކުމުގައި ދައްކަން އަންގާފައިވާ ފައިސާ ހޯދުމަށް، ޙުކުމް ތަންފީޒުކުރުމުގެ މައްސަލަ އެއިދާރާގެ ފަރާތުން ސިވިލް ކޯޓަށް މިއަދު ހުށަހަޅާފައިވާނެކަމަށެވެ.
ރައީސް ޔާމީންގެ މައްޗައް މަނީ ލޯންޑްރިންގް ގެ ޢަމަލެއް ހިންގުމުގެ ކުށް ސާބިތުވެ 11 އަހަރަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފައިވަނީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހު 28 ގައެވެ.
މި ޙުކުމުގައި ވާގޮތުން ޙުކުމްކުރާ ދުވަހުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި ފައިސާ ކޯޓަށް ދައްކާ ޚަލާސްކުރަންޖެހުނު ނަމަވެސް، މުއްދަތު ހަމަވިއިރުވެސް މި ފައިސާ ދައްކާފައެއްނުވެއެވެ.
މި އަހަރުގެ ސެޕްޓެންބަރު މަހުގެ 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނިންމައި، ރައީސް ޔާމީން ވަނީ އިލެކްޝަންސް ކޮމިޝަންސް (އީސީ) އަށް ކެންޑިޑެސީ ފޯމު ހުށަހަޅުއްވާފައެވެ.
ނަމަވެސް އީސީ އިން ވަނީ ޝަރުތު ހަމަނުވާކަމަށް ބުނެ ފޯމު ބޭރުކޮށްލާފައެވެ. އެކަމާ ގުޅިގެން ރައީސް ޔާމީންގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ.
އިއްޔެ ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ސުޕްރީމް ކޯޓުން ވަނީ ރައީސް ޔާމީންގެ އަދާކުރަން ޖެހޭ ސާބިތު ދަރަންޏެއް އެބައޮތް ކަމަށާއި، އެހެންކަމުން އިންތިޚާބަށް ކުރިމަތިނުލެއްވޭނެ ކަމަށް ނިންމައި ޙުކުމް ކޮށްފައެވެ.