ޣއަންނަ މަހު އޮންނަ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ނިކުންނަވާ ގާސިމް އިބްރާހިމް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި މިއަދު ބައްދަލު ކުރައްވައިފި އެވެ.
ގާސިމްގެ އެދިވަޑައިގެންނެވުމުގެ މަތިން ބޭއްވި މި ބައްދަލުކުރެއްވުން އޮތީ ވަހީދުގެ ގެކޮޅު މއ. ޔުރިކާގައި ކަމަށް މައުލޫމާތު ލިބެ އެވެ. ޑރ. ވަހީދަކީ އިދިކޮޅު ޕީޕީއެމްގެ އެޑްވައިޒަރުގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ.
ގާސިމް ޑރ. ވަހީދާއި ބައްދަލު ކުރެއްވީ ރިޔާސީ އިންތިހާބުގައި ވަހީދުގެ ތާއީދު ގާސިމަށް ހޯއްދެވުމަށްކަމަށް އެނގިފައި ވެއެވެ. އެގޮތުން ރައީސް ވަހީދަކީ ކުރިން ރައީސްކަން ކުރައްވާފައިވާ ބޭފުޅަކަށް ވެފައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ގިނަ ބަޔަކު ދަންނަ މޫނަކަށް ވުމުން ވަހީދުގެ ތާއީދު ގާސިމަށް މުހިންމު ވީކަމަށް ޖޭޕީގެ އިސް އޮފިޝަލަކު ވަނީ ވިދާޅުވެފަ އެވެ.
ޑރ. ވަހީދު ވަނީ ޕީއެންސީ ޓިކެޓުގައި ރިޔާސީ އިންތިހާބަށް ނިކުންނަވާ ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރައްވާފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވައިފަ އެވެ. އެގޮތުން ރައީސް ވަހީދު މުއިއްޒަށް މަރުހަބާ ވިދާޅުވީ ގާސިމް އާއިއެކު ބޭއްވެވި މަޝްވަރާ ބައްދަލުވުމަށްފަހު އެވެ.
ޖޭޕީގެ އޮފިޝަލް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވާދަ ނުކުރައްވާ، ސިޔާާސީ ގޮތުން ރައްޔިތުންގެ ތާއީދު އޮތް ބޭފުޅުންނާ ގާސިމް ބައްދަލުކުރައްވަން ނިންމަވާފައިވާ ކަމަށެވެ. ވަހީދާވެސް ބައްދަލުކުރެއްވީ އެ އުސޫލުގެ ތެރެއިން ކަމަށް އޭނާ ވިދާޅުވި އެވެ.
ރައީސް މުހައްމަދު ނަޝީދުގެ ދަ ޑިމޮކްރެޓުންވެސް ގާސިމްގެ ފަހަތްޕުޅަށް އެރުމުގެ މަޝްވަރާތަކެއް މީގެ ކުރިން ވަނީ ކޮށްފަ އެވެ. އެހެންނަމަވެސް ފަހުން ޑިމޮކްރެޓުންވެސް ނިންމީ އިންތިހާބަށް ކެނޑިޑޭޓަކު ނެރެގެން ކުރިއަށް ދާށެވެ. އެޕާޓީގެ ކެނޑިޑޭޓަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަންވެސް ކުރައްވާ އިލިޔާސް ލަބީބެވެ.
ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ އެމްއާރުއެމްއިންވެސް ގާސިމާއި އިންތިހާބާ ގުޅޭ މަޝްވަރާތަކެއްވެސް ކުރި އެވެ. އެހެންނަމަވެސް އެމްއާރުއެމްގެ ފުރިހަމަ ތާއީދާއިއެކު ރައީސް މައުމޫނުގެ ދަރިކަލުން ފާރިސް މައުމޫނު އަމިއްލަ ގޮތުން ރިޔާސީ ރޭހަށް ނިކުންނަވަން މިހާރު ވަނީ ނިންމައިފަ އެވެ.