އަންނަ މަހު 9 ވަނަ ދުވަހު ރިޔާސީ އިންތިހާބު އޮތް އިރު، އިލެކްޝަންސް ކޮމިޝަން (އީސީ) މިނިވަންކަމާއެކު ފަންކްޝަން ކޮށް ހިންގުމުގެ ފުރުސަތު މި ސަރުކާރުގައި ނެތްކަމަށް މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
އެމްއެންޕީން އަންގާރަ ދުވަހު ރޭ ބޭއްވި ޖަގަހަ ޖަލްސާގައި އެ ޕާޓީގެ ނައިބު ރައީސް އުޝާމް ވިދާޅުވީ މިއަދު ޑިޝަރީއާއި މިނިވަން މުއައްސަސާތަކަށް އަދި މަޖިލީހަށް ބެލިޔަސް ފެނިގެންދަނީ ގައުމު ފެއިލްވެފައި އޮތް މިންވަރު ކަމަށެވެ.
ސަރުކާރުން ދަނީ ތިންބާރު ވަކިވެފައި އޮތް ނިޒާމު ގަޑުބަޑުކޮށް ދައުލަތުގެ އެހެން ބާރުތަކަށް ނުފޫޒު ފޯރުވަމުން ކަމަށް އުޝާމް ވިދާޅުވިއެވެ.
މަޖިލިސް ހުއްޓުމަކަށް ގެނެސްފައި އޮތުމުން ސަރުކާރުން ކުރާ ކަންކަމާއި މިނިވަން މުއްސަސާތަކުގެ ކަންކަން މަޖިލީހުން ބަލައި ޖަވާބުދާރީ ކުރުވޭނެ ގޮތެއް ނެތްކަމަށް ވެސް އުޝާމް ވިދާޅުވިއެވެ.
ޖުޑިޝަރީގެ ހާލަތަށް ބަލައިލާއިރު ސިޔާސީ މީހެއްގެ މައްޗަށް ހުކުމެއް ކޮށްފި ކަމުގައި ވަނީނަމަ ކޮންމެވެސް އެއްބަޔަކަށް އެއީ ހަރާމް ހުކުމަކަށް ވާ ކަމަށާއި އެގޮތަށް އެކަން ވަނީ ސަރުކާރާއި ސިޔާސީ މީހުންނަށް ޖުޑިޝަރީއަށް ނުފޫޒު ފޯރުވޭ ގޮތަށް ކަންކަން އޮތުމުން ކަމަށް ވެސް އުޝާމްގެ ވާހަކައިގައި ވަނީ ފާހަގަކުރައްވާފައެވެ.
އެގޮތުން މި ސަރުކާރުން ޖޭއެސްސީ މިނިވަންކުރަން ވައުދުވީ ނަމަވެސް ފަސް އަހަރު ނިމެންދާއިރު މިހާތަނަށް އެ ވައުދު ނުފުއްދާކަން އޭނާ ފާހަގަކުރެއްވި އެވެ.
ސަރުކާރުން ބިލު މަޖިލީހަށް ހުށަހަޅާފައި އޮތްކަމަށް ބުނި ނަމަވެސް އެ ބިލު ބެލުމުން ސަރުކާރުގެ ހެޔޮ ނިޔަތެއް ނެތްކަން އުޝާމް ވިދާޅުވި ގޮތުގައި އެނގެ އެވެ. އެއީ އަނެއްކާވެސް ޖޭއެސްސީގައި ސިޔާސީ މީހުން އެކުލަވާލަން އެ ބިލުގައި އޮތުމުންނެވެ.