ޚަބަރު ސިޔާސީ

ކޮންމެ ކުއްޖަކީ ވެސް މޫދަށް ފަރިތަ ކުއްޖަކަށް ހެދުމަށް ޕްރޮގްރާމެއް ހިންގާނަން: ރައީސް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ކޮންމެ ކުއްޖަކީ މޫދަށް ފަރިތަ ކުއްޖަކަށް ހެދުމުގެ ޕްރޮގްރާމެއް ރާއްޖޭގެ ކޮންމެ ރަށެއްގައި ހިންގަވާނެ ކަމަށް ރައީީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

Ads by MWSC

އެމަނިކުފާނު މިހެން ވިދާޅުވީ، ގއ.ގެމަނަފުށީގެ ރައްޔިތުންނާއި މިރޭ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ޞާލިޙުގެ ވާހަކަފުޅުގައި ވެރިކަމުގެ ދެވަނަ ދައުރެއްގައި ކުޑަކުދިންގެ ރައްކާތެރިކަމަށާއި، ދުޅަހެޔޮ ކަމަށް ކުރައްވާނެ ބައެއް ކަންކަން ވިދާޅުވެދެއްވިއެވެ. އެގޮތުން ރައީސް ޞާލިޙު ވިދާޅުވީ، ވެރިކަމުގެ ދެވަނަ ދައުރެއްގައި، ދައުލަތުން ބަލަހައްޓާ ކުދިން ފޮސްޓަރ ކުރުމުގެ ނިޒާމް މިހާރަށްވުރެ ހަރުދަނާ ކުރެވިގެން ދާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ސިޔާސަތަކީ ކޮންމެ ކުއްޖަކީ އުފާވެރިކަމާއި ރައްކާތެރިކަމާއިއެކު ހެލިފެލިވެއުޅޭ މާހައުލެއް ޤާއިމު ކުރުން. އަދި ދުނިޔެއަށް ލޯ ހުޅުވި، ވެއްޓަށް އަހުލުވެރި ކުދިންތަކެއް މުޖްތަމަޢުއަށް ނެރެދިނުން" ރައީސް ޞާލިޙު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ކުޑަކުދިންނަށް ދޭ "އޮޕްޝަނަލް ވެކްސިން" އާސަންދައިގެ ދަށުން ލިބޭނެ ގޮތް ހައްދަވައިދެއްވާނެ ކަމަށާއި، ޗައިލްޑް ކެއާ ބެނެފިޓް ވެސް ތައާރަފު ކުރައްވާނެ ކަމަށެވެ.

މިއަދު ބައެއް އޮފީީސްތަކުގައި ފެމިލީ ފްރެންޑްލީ ސިޔާސަތުތައް ތަންފީޒު ކުރުން ފެށިފައިވާއިރު، ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކައި ޗައިލްޑް ޕްރޮޓެކްޝަން ވަން ސްޓޮޕް ސެންޓަރެއް ވެސް ޤާއިމު ކުރައްވާނެ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!