ރައީސް ޔާމީންގެ ޙުކުމް ތަންފީޒު ކުރުން ފަސްކުރުމާއިމެދު، އާދިއްތަ ދުވަހު ގޮތް ނިންމަނީ

ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ 11 އަހަރުގެ ޙުކުމާއި ޖޫރިމަނާގެ ޙުކުމް ތަންފީޒުކުރުން ފަސްކުރުމާއިމެދު އަންނަ އާދިއްތަ ދުވަހު ގޮތެއް ނިންމަވާނެކަމަށް ހައިކޯޓުން ވިދާޅުވެއްޖެއެވެ.
ހައިކޯޓުގައި މިއަދު ބޭއްވި އިސްތިއުނާފީ އަޑުއެހުމުގައި ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ ސިއްޚީ ހާލުކޮޅު ހުރި ގޮތް ކިޔާދެއްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، ސިއްޙީ މައްސަލަތައް ޙައްލު ކުރުމަށް ޑޮކްޓަރުން ދެއްވައިފައިވާ އިރުޝާދާއި އެއްގޮތަށް މާފުށީ ޖަލުގައި ކަސްރަތު ވެސް ނުކުރެއްވޭ ކަމަށެވެ. އަދި މޫދަށް ދާން ޑޮކްޓަރު ރިކަމެންޑް ކުރެއްވިއިރު، އެކަން ވެސް ނުކުރެއްވޭ ކަމަށް ވިދާޅުވިއެވެ.
އެހެންކަމުން މި މައްސަލާގައި ރައީސް ޔާމީންގެ ފަރާތްޕުޅުންވަނީ ޖަލުހުކުމާއި ޖޫރިމަނާ ހުކުމް ތަންފީޒުކުރުން ފަސްކޮށްދިނުމުގެ އަމުރަކަށް އެދިވަޑައިގެންފައެވެ.
މި ހުށަހެޅުމާއި ގުޅިގެން ދައުލަތުގެ ވަކީލުން ވިދާޅުވީ ރާއްޖޭގެ ޤާނުނުތައް އޮތް ގޮތުން ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރެއް ނެެރެދޭނެ ޖާގަ ނެތް ކަމަށެވެ. އަދި ޙުކުމް ތަންފީޒުކުރުން އެއީ ޤާނޫނު ދަންނަ އެއްޗެއް ނޫންކަންވެސް ދައުލަތުގެ ވަކީލުން ވިދާޅުވިއެވެ.
މި ވާހަކަތަކަށް ރައްދުދެއްވަމުން ރައީސް ޔާމީންގެ ވަކީލުން ވިދާޅުވަމުން ގެންދެވީ ކަފާލަތުގެ އިޖުރާއަތުތައް ޤާނޫނެއްގައި ބަޔާންކޮށްފައި ނެތުމަކީ އެއްވެސް ފަރުދަކަށް އެ ޙައްޤު ނުދޭންވީ ސަބަބެއް ނޫން ކަމަށެވެ. މީގެ ކުރިންވެސް ރާއްޖޭގައި ކަފާލާތުގެ ދަށުން މީހުން ދޫކޮށްލާފައިވާކަން ރައީސް ޔާމީންވެސް ވަނީ ފާހަގަކުރައްވާފައެވެ.