ޚަބަރު ސިޔާސީ

ވަޢުދުވުމައްފަހު ވަޢުދު ފުއްދުމަށް ދަސްކުރީ ރައީސް ޔާމީންގެ އަރިހުން: ޑރ.މުއިއްޒު

އާއިޝަތު ނަޖާ ، ދެން އޮންލައިން

ރައްޔިތުންނަށް ވަޢުދުވުމައްފަހު ވަޢުދު ފުއްދުމަށް ދަސްކުރީ ރައީސް ޔާމީންގެ އަރިހުން ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

މުއިއްޒު އަންނަ މަހުގެ 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ދަތުރު ފައްޓަވާ އަތޮޅު ތެރެޔަށް ކުރައްވަމުން ގެންދަވާ ދަތުރުގައި މިއަދު ހދ.ނޮޅިވަރަމްގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުންނެވެ.

"ރައީސް ޔާމީންގެ ކިބައިން އަޅުގަނޑަށް ދަސްވެފައި ހުރީ ކަމެއް ކުރަން އެމަނިކުފާނު ވިދާޅުވެއްޖެނަމަ އެކަމެއް ކޮށްދެއްވާކަން. ކޮށްދިނުމުގެ މެދުވެރިއަކަށް އަޅުގަނޑު ވަރަށް ގިނަފަހަރު އެމަނިކުފާނު ބޭނުން ކޮށްފައިވަނީ. ޚާއްސަކޮށް ޢުމްރާނީ ތަރައްޤީގެ ކަންކަމުގައި. އެހެންވީމަ ތެދުވެރިކަމާއި އިޙްލާސްތެރި ކަމާއެކީގައި ރައްޔިތުންނަށް ޙިދުމަތްކުރަން އެމަނިކުފާނުގެ ކިބައިން އަޅުގަނޑުމެން އެންމެނަށް ދަސްވެފައި ހުރީ" ނޮޅިވަރަމްގައި ރައްޔިތުންނާ ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވިއެވެ.

ނޮޅިވަރަމް އަށް ބޭނުންވާނެ މަޝްރޫއުތައް މުއިއްޒު ވަނީ ވާހަކައިގައި ފާހަގަކުރައްވާފައެވެ. އެގޮތުން އެ ރަށުގައި ފެންވަރު ރަނގަޅު ހޮސްޕިޓަލެއް ބިނާކުރުން ހިމެނެއެވެ.

މުއިއްޒުގެ ވާހަކަފުޅުގައި ވިދާޅުވީ ޤައުމަށް މިއަދު ބޭނުން ވަނީ ރައީސް ޔާމީން ކަމަށާ އެކަން ކުރެވެން އޮތީ އެމަނިކުފާނު މިނިވަން ކުރެވިގެން ކަމަށެވެ. އެހެންކަމުން ރައީސް ޔާމީން މިނިވަންކޮށް ޕީޕީއެމް ޕީއެންސީ އިން ވާ ވައުދުތައް ފުއްދުމުގެ މަސައްކަތް ކުރެވޭނީ ދިވެހިންގެ ރާއްޖެއެއް ގެނެސްގެން ކަމަށެވެ. މުއިއްޒު އިތުރަށް ވިދާޅުވީ ހަށީގައި ލޭ ހިނގާ މައް ދިވެއްސެއް ކަމުގައިވާނަމަ މި އިންތިޚާބުގައި ހިޔާރު ކުރާނީ ދިވެހީންގެ ރާއްޖެ ކަމަށެވެ.އަދި ގައުމުގެ މުސްތަގުބަލަށްޓަކައި ދިވެހީންގެ ރާއްޖެ ގެނައުން ނޫން އިތުރު ގޮތެއް ދެން ނެތް ކަމަށެވެ.

މުއިއްޒު އަދި އެމަނިކުފާނުގެ ރަނިނގް މޭޓް ހުސެއިން މުހައްމަދު ލަތީފާއި ކެމްޕެއިން ޓީމް ހއ އަދި ހދ އަތޮޅައް ކުރައްވަމުން ގެންދަވާ ދަތުރުގައި މިއަދު ވަނީ ހދ.ހަނިމާދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާ ވެސް ބައްދަލުކުރައްވާފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!