ޚަބަރު ސިޔާސީ

އަސާސީ ކަންކަމަކަށް ވައުދެއް ނުވާނަން، ކޮރަޕްޓު ނުވެ، ޓެކްސް ކުޑަކުރާނަން: އަމްރު

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ދަ ޑިމޮކްރެޓްސްގެ ރަނިންމޭޓު ހުސައިން އަމްރު

ފެނާއި ނަރުދަމާ އަކީ އަސާސީ ކަންކަން ކަމަށާއި އެކަންކަމަށް ވައުދު ނުވާނެކަމަށް ވިދާޅުވެ ދަ ޑިމޮކްރެޓްސްއިން ރިޔާސީ އިންތިހާބަށް ތައްޔާރުކޮށްފައިވާ މެނިފެސްޓޯ، އެޕާޓީގެ ރަނިންމޭޓު ހުސައިން އަމްރު ތަފްސީލުކޮށްދެއްވައިފި އެވެ.

Ads by Hajj Corporation

ސަލްޓަން ޕާކުގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި ދަ ޑިމޮކްރެޓްސްއިން ވަނީ އެޕާޓީން 2023 އިން 2028 އަށް ތައްޔާރުކޮށްފައިވާ މެނިފެސްޓޯ "ފަރުދީ ތަނަވަސްކަން، އަބުރުވެރި ހަޔާތެއް" އިއުލާންކޮށްފަ އެވެ. އެ މެނިފެސްޓޯގައި ހުރި ކަންކަމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޑިމޮކްރެޓްސްގެ ކެނޑިޑޭޓު އިލްޔާސް ލަބީބުގެ ރަނިންމޭޓު އަމްރު ވިދާޅުވީ ޑިމޮކްރެޓްސްގެ ސިޔާސަތަކީ ރައްޔިތުންނަށް އަބުރުވެރި އަދި ފުދުންތެރި ދިރިއުޅުމެއް ހޯދައިދިނުން ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ފެނާއި ނަރުދަމާގެ މަޝްރޫއުތައް ބޮޑެތި ވައުދުތަކުގެ ގޮތުގައި އިއުލާން ކުރާއިރު އެކަންކަމަށް ނުސީދާކޮށް އިޝާރާތް ކުރައްވަމުން އަމްރު ވިދާޅުވީ ފެނާއި ނަރުދަމާ އަކީ އަސާސީ ކަންކަން ކަމަށާއި އެކަންކަމަށް ވައުދުވާން ނުޖެހޭނެ ކަމަށެވެ. އެއީ ކޮންމެ ވެރިކަމެއްގައިވެސް ކޮށްދޭންޖެހޭ ކަންކަން ކަމަށް އަމްރު ވިދާޅުވި އެވެ.

މިހާރު ކުރިއަށްދާ ސަރުކާރުގެ މާލީ ސިޔާސަތަކީ "ދޯހަޅި" ސިޔާސަތެއްކަމަށް ވިދާޅުވެ އަމްރު ވަނީ މާލީ ނިޒާމު ހަރުދަނާ ކުރަން ވައުދުވެފަ އެވެ. އެގޮތުން މިސަރުކާރުން ބޮޑުކުރި ޓެކްސް އަލުން ކުޑަކުރާނެކަމަށް އޭނާ ވިދާޅުވި އެވެ.

މިސަރުކާރުން ޓެކްސް ބޮޑުކުރީ ކޮރަޕްޝަން އިތުރުވެ ވައްކަންތައް ގިނަވުމުންކަމަށް އަމްރު ވިދާޅުވި އެވެ. މިހާރު މަޝްރޫއުތައް ހިންގަނީ އަސްލު އަގުގެ ހަތަރު ގުނަ ފަސް ގުނަ ބޮޑުކޮށް ކަމަށްވެސް ވިދާޅުވި އެވެ. މީގެ އިތުރުން ކޮންމެ މަޝްރޫއަކުންވެސް ބައި އަޅަންޖެހޭ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން ދާކަމަށް އަމްރު ވަނީ ވިދާޅުވި އެވެ.

އެހެންނަމަވެސް ޑިމޮކްރެޓްސްގެ ސަރުކާރެއްގައި ކޮރަޕްޝަނާއި ބީރައްޓެހި ވާނެކަމަށާއި ނިޒާމު ހަރުދަނާ ކުރައްވާނެކަމަށް އަމްރު ވިދާޅުވި އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!