ދިވެހިން މިއަދު ތިބީ ލޯނެއްގެ އަޅުވެތިކަމުގެ ދަށުގައިކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ޤާސިމް އިބްރާހީމްގެ ރަނިންމޭޓް ޑރ. އަމީން އިބްރާހީމް ވިދާޅުވެއްޖެއެވެ.
އަމީން މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ "ފަސް ނަންބަރު" ޖަގަހަ ހުޅުވައިދެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އެެމަނިކުފާނު ވިދާޅުވީ އެކި ފަހަރުމަތިން އަޅުވެތިކަމުގެ ރަހަ ދިވެހީން ދެކެފައިވާކަމަށެވެ. ނަމަވެސް ރާއްޖޭގައި މިހާރު ކަންކަން ހިނގަމުން ދަނީ އޭރު ކަންހިނގި ގޮތަށް ނޫންކަމަށާއި އޭރު ކަނޑިބަޑިން ހަނގުރާމަކުރި ނަމަވެސް މިއަދު ދިވެހިންގެ އަޅުވެތިކަން ވަނީ އިޤްތިޞޯދާ ގުޅިފައިކަމަށެވެ.
2026 ވަނަ އަހަރުގެ ނިޔަލަށް ދައުލަތުން ދައްކަންޖެހޭ އެއްބިލިއަން ޑޮލަރުގެ ބޭރު ދަރަންޏަށް އިޝާރާތްކުރައްވައި އަމީން ވިދާޅުވީ ދިވެހީން މިއަދު ތިބީ ލޯނެއްގެ އަޅުވެތިކަމުގެ ދަށުގައިކަމަށެވެ.
މި ދަރަނީގެ ތެރޭގައި ހިމެނެނީ އަބޫ ދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓް (އޭޑީއެފްޑީ) އިން ނަގާފައިވާ 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ގެ ލޯނަކާއި 2021 ވަނަ އަހަރު ވިއްކާފައިވާ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ގެ ސްކޫކެވެ.
އަމީން ވިދާޅުވީ އެޕާޓީގެ ރިޔާސީ މެނިފެސްޓޯގެ "ދެމެހެއްޓެނެވި އިޤްތިޞާދަކަށް ދަރަނިން މިންޖުވުމަށް" ސިޔާސަތުގެ ދަށުން މިފަދަ ބޮޑެތި ދަރަނިތަކުން ސަލާމާތްވާނެ ގޮތް ބަޔާންކޮށްފައިވާނެއެވެ.
އެޕާޓީގެ މެނިފެސްޓޯގައި ހިމަނާފައިވާ ގޮތުން 2026 ވަނަ އަހަރަކީ މާލީ ގޮތުން ވަރަށް ބޮޑު ދަތިތަކާއި ކުރިމަތިލާން ޖެހޭ އަހަރަކަށް ވާނެތީ، އެޕާޓީގެ ސަރުކާރެއްގެ ފުރަތަމަ ހަމަސްދުވަސް ހޭދަކުރާނީ އެކަމަށް ތައްޔާރުވުމަށް ފިޔަވަޅުތައް އެޅުއްވުމުގައިކަމަށާއި އަދި ރައްޔިތުންނަށް ދޭ ޚިދުމަތްތަކަށް ބުރުނާރާނެ ގޮތަކަށްކަމަށް އަމީން ވިދާޅުވިއެވެ.
ރޭގައި ބޭއްވުނު ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ޑރ. އަމީން އާއެކު އެޕާޓީގެ ރިޔާސީ ކެނޑިޑޭޓުގެ އަނބިކަނބަލުން އަދި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އައިޝަތު ނަހުލާގެ އިތުރުން ޖޭޕީގެ ބައެއް ކައުންސިލް މެމްބަރުންނާއި ގިނަ އަދަދެއްގެ އާންމު މެމްބަރުން ބައިވެރިވެފައިވެއެވެ.
ރޭ ހުޅުވި ޖުމްހޫރީ ޕާޓީގެ "ފަސް ނަންބަރު" ޖަގަހައިގެ އިތުރުން އެޕާޓީގެ އަންހެނުންގެ ކެންޕެއިންއަށް ޚާއްސަކޮށް ހުޅުމާލޭގައިވެސް ވަނީ ޖަގަހައެއް ހުޅުވާފައެވެ.
ތިޔަ ލޯނުތަކުގެ ފައިސާއިން ޖޭޕީއަށް ލިބުނު މިންވަރު ވެސް މަދެއްނުވާނެ. އެއީ މިސަރުކާރު ކޯލިސަނުގެ އެންމެ ބޮޑު ހިއްސާދާރަކީ ޖޭޕީ ކަމުގަ ވާތީ.