ޚަބަރު

އަމީނިއްޔާ ސްކޫލް ގޯތިތެރޭގައި ހުރި މަޑިވަކަރު ގަސް ވެއްޓިއްޖެ

ޢާއިޝަތު އިނާޝް ، ދެން އޮންލައިން
އަމީނިއްޔާ ސްކޫލް ގޯތިތެރޭ ހުރި މަޑިމަސްވަކަރު ނަމަކަށް ކިޔާ ގަސް ވެއްޓިފައި ފޮޓޯ: މިހާރު

އަމީނިއްޔާ ސްކޫލް ގޯތިތެރޭގައި ހުރި މަޑިމަސްވަކަރު ގަހެއް ވެއްޓިއްޖެއެވެ.

Ads by STELCO

މިގަސް ވެއްޓިފައިވަނީ މިއަދު ހެނދުނުކަމަށައި ގަސް ވެއްޓުނުއިރު އެއްވެސް ދަރިވަރަކަށް ގެއްލުމެއް ލިބިފައިނުވާކަމަށް އެ ސްކޫލުގެ ޕްރިންސިޕަލް ނާޒްލީން ވާފިރު ވިދާޅުވިއެވެ.

މަޑިމަސްވަކަރު ގަހަކީ ވަކި ދުވަސްވަރެއްގައި ގިނަ އަދަދެއްގެ މާ އަޅާ، ބަލާލަން ވަރަށް ހިތްގައިމު އަދި އާންމުންގެ ސަލާމުކަން ލިބޭ ގަހެކެވެ.

ތާރީޚު ދިރާސާ ކުރައްވާ ބޭފުޅުން ވިދާޅުވަނީ އަމީނިއްޔާ ސްކޫލުގައި މިގަސް އިންދާފައިވަނީ ކުރީގެ ރައީސް މަޢުމޫން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ކަމަށެވެ. އަދި އެގަސް އެސްކޫލުގައި ހުންނަތާ ބައިގަރުނު ވެދާނެކަމަށެ ބެލެވޭކަމަށްވެސް އެބޭފުޅުން ވިދާޅުވެއެވެ.

އަމީނިއްޔާ ސްކޫލް ގޯތިތެރޭ ހުރި މަޑިމަސްވަކަރު ނަމަކަށް ކިޔާ ގަސް ވެއްޓިފައި ފޮޓޯ: މިހާރު

ނާޒްލީން ވިދާޅުވީ އެ ގަސް ވެއްޓުނީ ހެނދުނު 8 ޖަހާކަށްހާއިރު ކަމަށާއި، ގަސްގަނޑުގެ އެތެރެ އޮތީ އެއްކޮށް ހިކިފައިކަމަށެވެ.

"ކުނިކަހާ މުވައްޒަފުން އެތަން ކުނި ކަހައި ނިންމާފައި ހަމަ ދިޔަ ތަނާ ވެއްޓުނީ، އެއީ ހެނދުނު 8 ޖަހާ އެހާއިރު. ގަސްގަނޑުގެ އެތެރެ އެއްކޮށް ހިކި ހޮއި ހެދިފައި އޮތީ. މުލުން ލުހެވިގެން ވެއްޓުނީ" ނާޒްލީން ވިދާޅުވިއެވެ.

ގަސް ވެއްޓުނު ސަރަޙައްދު ސާފުކުރުމަށް ވެމްކޯ، ސިޓީ ކައުންސިލް އަދި އެޑިއުކޭޝަން މިނިސްޓްރީން މަސައްކަތްކުރަމުން އަންނަ ކަމުގައި އޭނާ ވިދާޅުވިއެވެ.

"އެހާ ގިނަ ދުވަސްވީ ގަހެއް ވެއްޓުނީމާ އަޅުގަނޑަށް ހަމަ ރޮވުނު. ވަރަށް ދިގު ތާރީޚެއް އޮންނާނެ، ރީތި މާ އަޅާ، ފޮޓޯނަގަން ވެސް އެތައް ބައިވަރު ކުދިންނެއް އަންނާނެ މާ އަޅާ ދުވަސްކޮޅު، އެހާ ބޮޑު ހިޔާގަނޑެއް އޮތް ގަހެއް އެއީ" ނާޒްލީން ވިދާޅުވި އެވެ.

އަމީނިއްޔާ ސްކޫލް ގޯތިތެރޭ ހުރި މަޑިމަސްވަކަރު ނަމަކަށް ކިޔާ ގަހުގައި މާއަޅާފައި ފޮޓޯ: މިހާރު

މިބާވަތުގެ ގަސް އާންމުންގެ ސަމާލުކަމަށް އައީ މީގެ 2 އަހަރެއްހާ ދުވަސް ކުރިންނެވެ. އެއީ މާލެ އާއި ހުޅުމާލޭގައި އާދަޔާޚިލާފަށް މިގަސްތަކުގައި މާއަޅާފައި ހުރުމުގެ ސަބަބުންނެވެ. ކޮންމެ އަހަރަކު މާއަޅާ ދުވަސްވަރު އާންމުންގެ މެދުގައި މިގަސް ދަނީ މަޤްބޫލުކަން ހޯދަމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!