ރައީސްުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގެ މި ފަސް އަހަރުތެރޭ އެމަނިކުފާނު ކުރައްވާފައިވަނީ ފަހުރުވެރިވާ ފަދަ މަސައްކަތްތަކެއް ކަމަށް އެމަނިކުފާނުގެ ރަނިންމޭޓް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގެ ހަރަކާތްތަކުގެ ތެރެއިން ފޭދޫގައި ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން އަސްލަމް ވިދާޅުވީ ރައީސް ޞާލިޙް މަސައްކަތް ކުރެއްވީ ވަކި ސެކްޓާއެއް ތަރައްގީ ކުރުމަށް ނޫން ކަމަށާއި މި ފަސް އަހަރުތެރޭ މުޅި ރާއްޖެ ތަރައްގީ ކުރަން އެމަނިކުފާނު މަސައްކަތް ކުރެއްވި ކަމަށެވެ.
"މުޅި ރާއްޖެ ތަރައްގީ ކުރުމުގައި ހުރިހާ ސެކްޓާތަކުން ކުރައްވާފައި ހުންނެވި މަސައްކަތްޕުޅުތަކަކީ އެއީ އަޅުގަނޑުމެން އުފަލާއި ފަހުރުވެރިކަމާއެކު ބަލައިގަންނަންޖެހޭ ކަންކަން،" އަސްލަމް ވިދާޅުވި އެވެ.
މީގެ އިތުރުން ޤައުމު ދެކެ ލޯބިވާ އަދި ރާއްޖެ ކުރިއަރާފައިވާ ގައުމެއްގެ ގޮތުގައި ދެކެން ބޭނުންވާ އެންމެހާ ފަރާތްތަކުން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ތާއީދުކުރައްވަންވީ ރައީސް ޞާލިޙަށް ކަމަށާއި އެމަނިކުފާނަށް ވޯޓު ދެއްވުމަށް އަސްލަމް އެދިވަޑައިގަތެވެ.
"މި ގައުމު ދެކެ ލޯބިވާ، މި ގައުމުގެ ކުރިއެރުމަށް ހިތްވަރު ދޭން ބޭނުންވާ، މި ގައުމު ކުރިއަރާފައިވާ ގައުމެއްގެ ގޮތުގައި ދެކެން ބޭނުންވާ އެންމެހާ ރައްޔިތުން އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކޮށްދެއްވާށޭ އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ،" އަސްލަމް ވިދާޅުވި އެވެ.
ހަމައެއާއެކު މި ވެރިކަމުގެ ފަސް އަހަރުތެރޭ އައްޑު ސިޓީ އަށް ކުރެވޭ މަސައްކަތަށް ވުރެ ފަހި މަސައްކަތެއް މީގެކުރިން ނުކުރެވޭ ކަމަށާއި ރައީސް ޞާލިހުގެ ރަނިންމޭޓެއްގެ ގޮތުގައި އަސްލަމް ނިކުމެ ހުންނެވީ ރާއްޖޭގެ ތަރައްޤީ އަށް ރައީސް ޞާލިޙް ކުރައްވާ ހުރިހާ މަސައްކަތެއް ކުރެއްވުމުގެ އަޒުމުގައި ކަމަށާއި ރާއްޖެ އަކީ ބޮޑު ބަދަލެއްގެ ތެރެއިން ތަރައްގީ ވެގެން އަންނަ ގައުމަކަށް ހައްދަވާނެ ކަމަށްވެސް އަސްލަމް ވިދާޅުވި އެވެ.