ދިވެހިރ ރާއްޖޭގައި އޮތް އެންމެ ބޮޑު ދެ ޕާޓީގެ ތެރެއިން އެއްޕާޓީއަކަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަކީ ކާޅެއް ކަމަށާއި، އަނެއް ޕާޓީއަށް ބާޒެއް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޔާމިނަށް ވާދަނުކުރެއްވޭ ޚާލަތެއް އައިސްފިނަމަ ޕީޕީއެމްގެ ޓިކެޓްގައި އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުޞަތު ލިބޭނެ ކަމުގައި އުންމީދުގައި ހުންނެވި ރައީސް ވަހީދު ވަނީ އެ ޕާޓީން ވަކިވެވަޑައިގެން ރިޔާސީ އިންތިޚާބުގައި ޤާސިމަށް ތާއީދު ކުރައްވައި ނިންމަވާފައެވެ.
ޖޭޕީން ރިޔާސީ ކެމްޕޭނަށް ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގެ ތެރެއިން ނ. މަނަދޫއަށް ވަޑައިގެން ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ އެމަނިކުފާނު ޤައުމުގެ އެވަގުތެއްގެ ހާލަތާއި ގުޅިގެން ދެއްވި ޚިދުމަތް މިއަދު ރާއްޖޭގެ އެންމެ ބޮޑު ދެޕާޓީއަށް ނިސްބަތްވާ ގިނަ ރައްޔިތުން ދެކޭ ގޮތާއިމެދު ވަރަށް ބޮޑަށް ހިތާމަ ކުރައްވާކަމަށެވެ.
އަދި އެމަނިކުފާނު ދައްކަވާ ވާހަކަފުޅު ބައެއް ބޭފުޅުން ގަބޫލުނުކުރައްވައިފާނެ ކަމަށް ވިދާޅުވަމުން ރައީސް ވަހީދު ވިދާޅުވީ އެމަނިކުފާނު ދައްކަވާ ވާހަަކަފުޅު ގަބޫލުނުކުރާ މީހުން ނުކުރާ ސަބަބަކީ އެ ވާހަކަފުޅު ދައްކަވަނީ އެމަނިކުފާނު ކަމަށް ވާތީއެވެ.
"އަޅުގަނޑު ދައްކާ ވާހަކަ ބައެއް ބޭފުޅުން ގަބޫލުނުކުރެއްވުމަކީ އެކަށީގެންވާ ކަމެއް. އެއީ އަޅުގަނޑުވީމާ. މިހާރު އަޅުގަނޑަަށް އެކި ނަންނަން ކިޔާކަން ތިޔަ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. ދިވެހިރާއްޖޭގައި އޮތް ބޮޑު ދެ ސިޔާސީ ޕާޓީގެ ފަރާތުން. އެއް ޕާޓީން އަޅުގަނޑަށް ކަޅު ކާޅު. އަނެއް ޕާޓީން ބާޒު، މިކަހަލަ ނަންނަން ކިޔަމުން އެ ގެންދަނީ" ރައީސް ވަހީދު ވިދާޅުވިއެވެ.
އެންމެ ފުރަތަމަ އެމްޑީޕީ ވެރިކަމަށް އައިސް ކަންތައް ބަދަލުވަމުން ދިޔަގޮތުގެ ހަނދާން އާކުރައްވަމުން އެމަނިކުފާނު ވިދާޅުވީ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވުމުން ރައީސްކަމާ ހަވާލުވެވަޑައިގެންނެވީ ގާނޫނު އަސާސީގައި އެކަން އެގޮތަށް އޮންނާތީ ކަމަށާއި އެކަމަކު އެ ފަހަރު "ބޮޑު ބާގީއަކަށް ހަދައި، މުޅި ރާއްޖޭގައި ގަން ހިންގި" ކަމަށެވެ.
އަދި އެމަނިކުފާނު ކުރިމަތިލެއްވި ހުރިހާ ކަމަކާ ވެސް ކުރިމަތިލެއްވީ ހެޔޮނިޔަތުގައި ކަމަށާއި އެމަނިކުފާނު ޕީއެޗްޑީ ހާސިލުކުރައްވައިގެން މީގެ 37 އަހަރު ކުރިން ރާއްޖެއަށް ވަޑައިގެންނެވީއްސުރެ މިހައިތަނަށް ސިޔާސީ މައިދާނުގައި ކުރެއްވި ހުރިހާ މަސައްކަތެއް ވެސް ކުރެއްވީ ރާއްޖެއަށް އިސްލާހީ ބަދަލުތައް ގެންނަންވަން ކަމަށް ވެސް ރައީސް ވަހީދު ވިދާޅުވިއެވެ.