މި ސަރުކާރު އަދިވެސް ނުދަރާ ކަމަށާއި ކުރިއަށް އޮތް އަމާޒަކީ އިގްތިސާދު ދެގުނަ ކުރުން ކަމަށް އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ރޭ ވިދާޅުވެއްޖެއެވެ.
އެމްޑީޕީއާ ގުޅިފައިވާ އިއްތިހާދުގެ މެނިފެސްޓޯގެ އެންމެ ފަހު ބައި "އިގްތިސާދީ ބޮޑު ބަދަލު" އިއުލާންކުރަން ރޭ ބޭއްވި ޖަލްސާގައި ފައްޔާޒް ވިދާޅުވީ، މި ސަރުކާރު ވެރިކަމާ ހަވާލުވީއްސުރެ ދަރަނީގެ ބޮޑެތި ތުހުމަތުތަކެއް އަޅުވަމުން އައިސް 2026 ގައި ދަރާނެ ވާހަކަ ދައްކަމުންދާ ކަމަށާއި ދަރަނި ބޮޑުވަމުންދާ ވާހަކަ މި ސަރުކާރަށް ނިސްބަތްކޮށް ދައްކަމުންދާ އެއްވެސް ބަޔަކަށް އެ ބައެއްގެ ސިޔާސަތަކީ ކޮބައިކަމެއް ސާފުކޮށް ނުދެވޭކަމަށެވެ.
"ނުދަރާ އަޅުގަނޑުމެން އަދިވެސް. ކޮވިޑް ވެސް އައިސް ދިޔައީ އަޅުގަނޑުމެން ނުދަރާ. ކުރިއަށް ވުރެން މާވަރުގަދަ އިގްތިސާދަކަށް މިއޮތީ މި އިގްތިސާދު ބަދަލުވެފައި," ފައްޔާޒް ވިދާޅުވިއެވެ.
މީގެ އިތުރުން މި ސަރުކާރުން ތަކުރާރުކުރަމުން އަންނަނީ ދަރަނީގައި ޖެހި ބަނގުރޫޓް ނުވާނެ ކަން ކަމަށާއި އެކަން ކުރަން ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް އެނގިވަޑައިގަންނަވާ ކަން ފާހަގަކުރައްވަމުން ފައްޔާޒް ވިދާޅުވީ މި ސަރުކާރުން އެކި ކަންކަން ތަންފީޒުކުރަމުން އައިއިރު ކަނޑައެޅިގެން ބޮޑެތި ދޮގުތަކާއި ފިތުނަވެރި ވާހަކަތައް ދައްކަމުންދިޔަ ކަމަށާއި ރައްޔިތުން މިހާރު ވިސްނަންވީ އެ ވާހަކަތަކާ އެކު ވެސް ސަރުކާރުން މިހާތަނަށް ކޮށްފައިވާ ކަންކަމާ ދޭތެރޭގައި ކަމަށެވެ.
ފައްޔާޒް އިތުރަށް ވިދާޅުވީ ވޭތުވެދިޔަ ފަސް އަހަރު މި ސަރުކާރަށް މައިގަނޑު ގޮތެއްގައި ކުރަން ޖެހުނު ކަމަކީ އެތައް ޒަމާނެއް ވަންދެން މި ގައުމުގައި ބަޔަކު ހާވާފައި ހުރި ހަޑި ސާފުކޮށް މި ގައުމު 21 ވަނަ ގަރުނާ ހަމައަށް ގެނައުމުގެ މަސައްކަތެވެ.
އޭގެތެރޭގައި ގައިން ތާހިރުވާނެ ގޮތްތަކެއް ހޯދައިދިނުމާއި ތައުލީމީ ނިޒާމުގެ ތެރެއިން ފަސޭހަކަމާ އެކު ތައުލީމް ހާސިލްކުރެވޭނެ ގޮތްތަކެއް ހެދުމުގެ އިތުރުން ސިއްހީ ދާއިރާ އޮތް ހާލަތު ކުރިއަރުވައި ރައްޔިތުންނަށް ބޭސްފަރުވާގެ ފަސޭހަކަން ހޯދަިއދިނުން ހިމެނޭ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
"ވޭތުވެދިޔަ ހަތަރު އަހަރު އަޅުގަނޑުމެންނަށް މިކުރެވުނު އިންވެސްޓްމަންޓްގެ ނަތީޖާއަކީ މިއަދު އަޅުގަނޑުމެން މި ހުށަހެޅި ފަސް ސިޔާސަތާ އެކު ދިވެހިރާއްޖެ އެހެން ހިސާބަކަށް ގެންދިއުމަށް ވީ ތައްޔާރީތައް," ފައްޔާޒް ވިދާޅުވިއެވެ.
އިގްތިސާދީ ބަދަލަށް މެނިފެސްޓޯގައި ހިމެނި ބައެއް ކަަންތައްތަކުގެ ތެރޭގައި ކުދި ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމްކުރުމާއި، ޓޫރިޒަމް އެންމެންނަށް ހުޅުވާލުމާއި، އިގްތިސާދު އަސްދަނޑިން ބޭރަށް ގެންދިއުމާއި، ފައިނޭންސް ހޯދުމާއި އިންވެސްޓްކުރުމުގެ ލުއިދިނުމާއި، އިންސާނީ ވަސީލަތްތައް ފުޅާކޮށް ދެމެހެއްޓެނިވި ވަޒީފާގެ ބާޒާރެއް ގާއިމްކުރުމާއި، ދަނޑުވެރިކަމާއި މަސްވެރިކަމުގެ ނަފާ އިތުރުކުރުމާއި އަދި ދަތުރުފަތުރާއި އުމްރާނީ ސިނާއަތަށް މާނަވީ އިންވެސްޓްކުރުން ހިމެނެއެވެ.
"އިއުލާންކުރި މެނިފެސްޓޯގެ އެ ސިޔާސަތުތަކަކީ ރިސޯޓެއްގައި ގްރޫޕެއް އެއްކޮށް ތިބެލާފައި ހުށަހަޅާ އެއްޗެހިތަކެއް ނޫން. އެއީ ސަރުކާރުގައި ވީ ފަސްއަހަރާއި މަގުމަތީގައި ހޭދަކުރި ވިއްސަކަށް އަހަރާއި ރައްޔިތުންނާ އެކު އުޅެ އިހްސާސްތަކާއި ބޭނުންތައް އެނގިގެން ފަސް އަހަރު ސަރުކާރުގައި އެކަންކަން ތަންފީޒުކުރަމުން ގޮސް ލިބިފައި ހުރި ތަޖުރިބާއާ އެކު މި ގައުމު ދެން ގެންދަން ޖެހޭ މިސްރާބަށް ވިސްނައި ފިކުރުކޮށް ކަންކަމާ ބެހޭ ބޭފުޅުންނާ ވާހަކަ ދައްކައިގެން ހުށަހަޅާ ސިޔާސަތުތަކެއް," ފައްޔާޒް ވިދާޅުވިއެވެ.
ރާއްޖެ ގެންދަން ޖެހޭ ތަނަށް ގެންދިއުމުގެ ގާބިލްކަމާއި ހިލްމާއި އިލްމާއި ހަމަ ދެންވެސް އޮތީ ރައީސް ޞާލިޙްއާއި އެކުގައި ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒު ހިސާބު އަކުރު އަދުރޭ ބަދަލުކުރާހެން ބަދަލުވާނަމަ ވަރަށް ރަގަޅަށް ތިބުނަނީ. ލިބޭ އެއްޗަކުން ދެއްތޯ ދަރަނި ދެއްކޭނީ. ލޯން ނަގާފަ، ތަންތަން ވިއްކާފަ ލޯނު ދެއްކީމަ ކޮންތާކުތޯ މިޖެހެނީ. އަނެއް 5 އަހަރު މިފަސް އަހަރުގެ ކުނި ފިލުވައިގެން ދެއްތޯ ކުރިއަށް ދެވޭނީ. އެއްވެސް އެސެޓެއް ފެންނަން ނެތްތާގަ ގައުމު އޮތީ ބޮޑު އަދަދުން ދަރާފަކަން މިއޮތީ ފެންނަން. ކީއްވެތޯ މިކަމާ ފިނޭސް މިނިސްޓަރާ ގަވަރނަރާ އެއްޗެއް ނުބުނަނީ. ހަގީގަތް އިނގޭނީ އެފަރާތައް ދެއްތޯ. ފައްޔާޒު މަނިކުފާނުގެ ކޮރިޑޯ ގަ ހިނގާ ކަންކަމުގެ ވާހަކަ ދައްކަވާ.
މިހާރުގެ.ބޮޑުބިޔަ ދަރަނިމަތިންހަދާން.ނެތުނީތަ އެހާއަވަހަން
ދެވަނަ ދައުރެއްދިފި ނަމަ ރޢްޖެ ކިޔާ މިނިވަން ދަވްލަތެއްނޯންނާނެ . 2028 އާހަމަޔަށް ރާއްޖެ ދެމި އޮވެއްޖެނަމަ 200 ބިލިއަން ރުފިޔާގެ ދަރަނި އޮންނާނެ.ގާނޫނުއަސާސީގެ 97 ވަނަ މާއްދާއާއި ހލާފަށް މިސަރުކާރު ން ކޮށްފަ ހުރި ހަރަދުތައް ހޯދައިގެން ދަރަންޏަށް ފައިސާ ދައްކާހަލާސްކުރުވަން ޖެހޭ،